އެއްވެސް ކަމަކަށް ކެތްތެރިވާން އުނދަގޫ ޙާލަތެއް ކުރިމަތިވެއްޖެނަމަ މިދުޢާ ކުރާށެވެ!

ކިޔުމަށް ހޭދަވާނީ 1މ 58ސ
އެއްވެސް ކަމަކަށް ކެތްތެރިވާން އުނދަގޫ ޙާލަތެއް ކުރިމަތިވެއްޖެނަމަ މިދުޢާ ކުރާށެވެ!

ކެތްތެރިކަމުގެ ތަޅުދަނޑިއަކީ ތަޤްވާވެރިކަމެވެ. އެހެންކަމާއިއެކުވެސް ކެތްތެރިކަމުގައި އަދި ކެތްތެރިވުމުގައި ޘާބިތުވެވޭ މިންވަރު ގުޅިފައިވަނީ ހަމައެކަނި ދީންވެރިކަމާއިއެއްވެސް ނޫނެވެ. އެމީހަކަށް އުޅެބޮޑުވަންޖެހޭ ޙާލަތާއި ލިބޭ ތަރުބިއްޔަތުވެސް އެކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.  

އިންސާނުންނަށް ކުރިމަތިވާ އެންމެ ބޮޑު ކަމަކީ ކެތްތެރިވާންޖެހޭ ޙާލަތުގައި ކެތްތެރިވުމެވެ. ކޮންމެ މީހަކަށްވެސް ކެތްތެރިވާންޖެހޭ ޙާލަތުތައް ކުރިމަތިވާނެއެވެ. ކިތަންމެ ނިކަމެތި މީހާއަށްވެސް އަދި ކިތަންމެ މޮޅު، ތަނަވަސް މީހާއަށްވެސް ކެތްތެރިވާންޖެހޭ ޙާލަތުތައް ކުރިމަތިކުރައްވަވާނެތެވެ.  

އެއީ ދުނިޔޭގައި ކުރިމަތިކުރައްވަވާ އިމްތިހާނުގެ އެންމެ ބޮޑުބައެވެ. އެ ފަދަ ޙާލަތެއް ކުރިމަތިކުރައްވަވައިފިނަމަ ދެކެން ޖެހޭނީ އެއީ ދެއްވެވި ނިޢްމަތެއް ކަމަށެވެ. އެހެނީ ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިނަނާއި އެކުގައެވެ. ވީމާ އެމީހަކާއިއެކު ﷲ ތައާލާ ވޮޑިގެންވުމަށް އެދޭ މީހާއަށް އޮތީ ކެތްތެރިއަކުކަމުގައިވުމެވެ.  

ބައެއް ފަހަރު އެމީހާއަށް ހީވެސް ނުކުރެވޭފަދަ ކަންކަން ކުރިމަތިކުރައްވަވާނެއެވެ. ވަޒީފާ ގެއްލިދާނެއެވެ. ތަނަވަސްކަން ގެއްލިދާނެއެވެ. އަނބިމީހާ، ފިރިމީހާ ނުވަތަ އެންމެ ލޯބިވާ ދަރިފުޅު މަރުވެސްވެދާނެއެވެ. އަދި ހުރިހާ ދަރިންވެސް މަރުވެދާނެއެވެ.  

ﷲ ތަޢާލާ އެމީހަކު ދެކެ ބޮޑަށް ލޯބިވެވޮޑިގަންނަވާނަމަ ކުރިމަތި ކުރައްވަވާ އިމްތިޙާން ވެސް ވަރުގަދަވާނެއެވެ. ލިބޭ ހިތްދަތިކަންވެސް ބޮޑުވާނެއެވެ. އެފަދަ ޙާލަތެއް ކުރިމަތި ކުރައްވަވައިފިނަމަ މި ދުޢާކުރާށެވެ!  

رَبَّنَا أَفْرِغْ  عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَنْصُرْنَا عَلَى الْقَوْمِ الْكَافِرِيْنَ  (البقرة 250)

މާނައީ: "އަޅަމެންގެ ރައްބު، އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ. އަދި (ހަނގުރާމައިގެ މައިދާނުގައި) އަޅަމެންގެ ފައިތިލަތައް ސާބިތު ކުރައްވާނދޭވެ. އދި ކާފިރުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނެދޭވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން