މާދަމާއަކީ ހުކުރުދުވަހެކެވެ! ތިމާގެ ޙަޔާތަށް ހެޔޮ ގޮތް މިންވަރުކުރެއްވެވުމަށާއި ބައިވެރިޔާއާއި ދަރިންގެ ހިތުގައި ތިމާއަށް ލޯބި ލެއްވެވުން އެދި މިދުޢާ ކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މާދަމާއަކީ ހުކުރުދުވަހެކެވެ! ތިމާގެ ޙަޔާތަށް ހެޔޮ ގޮތް މިންވަރުކުރެއްވެވުމަށާއި ބައިވެރިޔާއާއި ދަރިންގެ ހިތުގައި ތިމާއަށް ލޯބި ލެއްވެވުން އެދި މިދުޢާ ކޮށްލަމާ!

އެންމެންނަށްވެސް މިވަނީ އެތައް ކަމެއް ކުރިމަތިވެފައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ހެޔޮ ރަޙްމަތަށް ނުހަނު ބޮޑަށް ބޭނުންވފައެވެ. ގިނަ ބައަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކަމަކީ ޙަޔާތުގެ ބައިވެރިޔާގެ ކިބައިންނާއި ދަރިންގެ ކިބައިންވެސް ލޯބި ނުލިބުމެވެ.  

މާދަމާއަކީ ހުކުރު ދުވަހެކެވެ! ހުކުރު ދުވަހަކީ ދުޢާކުރުމުގެ ދުވަހެވެ. ވީމާ ފަތިސްނަމާދަށްފަހުގައާއި ދުވާލުގެ ވަޤުތުތަކުގައިވެސް ވީހާ ގިނައިން މިދުޢާކޮށްލަމާތޯއެވެ! މިދުޢާއަކީ ތިމާގެ ޙަޔާތަށް ހެޔޮ ގޮތް މިންވަރުކުރެއްވެވުން އެދިގެންނާއި ބައިވެރިޔާއާއި ދަރިންގެ ހިތުގައި ތިމާއަށް ލޯބި ލެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެކެވެ.  

"ޔާ ﷲ! އަޅަމެން ކުރާ ކޮންމެ ކަމެއް ވެސް ކުރަނީ އިނބަ ﷲ ގެ ހަޟްރަތުން ވާގިއެދިގެންނެވެ. ހަމައެކަނި އިނބަ ﷲ އަށްޓަކައެވެ. އަޅަމެން ގަދައަޅައި މަސައްކަތް މިކުރަނީ ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުމަށެވެ. އަޅަމެންނަކީ ފުރިހަމަ ބައެއް ނޫނެވެ. އެހެންކަމުން އަޅަމެންނަށް ކުށްތައް ކުރެވެއެވެ. ފާފަތައްވެސް ކުރެވެއެވެ. ވަރަށް ގިނައިން ކުރެވެއެވެ. އަޅަމެންނަށް ފާފަ ފުއްސަވައިދެއްވަވާނދޭވެ!  

ޔާ ﷲ! އަޅަމެން ދުވަހަކުވެސް އިނބަ ރސްކަލާނގެ ރަހްމަތްފުޅުން އުންމީދު ކަނޑައެއް ނުލަމުއެވެ. އަޅަމެންގެ އެންމެ ބޮޑު އެދުމަކީ އަޅަމެންގެ ހިތްތައް އަބަދުވެސް އިނބަ ﷲ އާއި ގުޅި ލާމެހިފައިވުމެވެ. އެކަމުގެ ފުރުޞަތު އަޅަމެންނަށް މިންވަރުކޮށްދެއްވަވާނދޭވެ! 

ޔާ ﷲ! މިއަޅާގެ ހިތާއި މިއަޅާގެ ބައިވެރިޔާގެ ހިތް ލޯބިން ގުޅި ލާމެހިފައި ޢުމުރަށް އޮތުމަށް މިންވަރުކުރައްވަވާނދޭވެ! އަދި މިއަޅާއަށް ދެއްވަވާފައިވާ ދަރިންނާއި ދެއްވަވާނެ ދަރިންނާއި މާމަކާފަ ދަރިންގެ ހިތުގައިވެސް މިއަޅާއަށް ލޯބިލައްވަވާނދޭވެ!" 

މިފަދަ މޭރުމުން ދުޢާކުރަން ޖެހޭ ސަބަބަކީ އަހަރެމެން ތިބީ ﷲ ތަޢާލާގެ ޙަޟްރަތަށް ވަކީލުކޮށްގެން އަދި ﷲ ތަޢާލާގެ މަދަދަށް އެދިގެން ކަމަށްވާނަމަ ﷲ ތަޢާލާ އަބަދުވެސް އަހަރެމެން ހިމާޔަތްކޮށް ދެއްވަވާނެތީއެވެ. އަހަރެމެންނަށް ބޭނުންވާނެ އެންމެހައި ނިޢްމަތްތައް މިންވަރުކޮށްދެއްވަވާނެތީއެވެ. އަހަރެމެން އެދޭ ކަންކަމުގެ ތެރެއިން އަހަރެމެންނަށް ފައިދާހުރި ހުރިހާ ކަމެއްވެސް ފަހިކޮށްދެއްވަވާނެތީއެވެ.

ކޮންމެ މީހަކުވެސް އެމީހަކަށް ވިސްނޭ ގޮތަކަށް ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރާށެވެ! ހުކުރު ދުވަހެއް ނިމިގެންދާއިރު އެމީހަކު ބޭނުންވާ ކަންކަމަށް އެދި ދުޢާ ނުކުރާނަމަ އެ ގެއްލުވައިލެވެނީ ލިބިފައި އޮތް ރަނުގެ ފުރުޞަތެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން