އެހެން ދީންތަކުގެ މީހުންގެ ވާހަކައެއް ނުދައްކަމެވެ. މުސްލިމުންނަށް ބަލާއިރު މީހަކު މަރުވުމުން މީސްތަކުން ހިތާމަކުރާނެ ސަބަބުތަކުގެ ތެރޭގައި އެމީހާގެ ތަޤްވާވެރިކަމާއި އެމީހާ މީސްތަކުންނަށް ހެޔޮކޮށް ހިތި މިންވަރު ހިމެނެއެވެ.
މީސްތަކުންނޭވެ! ކޮންމެ ކުއްޖަކުވެސް އުފަންވުމުން ރޮއިގަނެއެވެ. އަޑުއަހަންތިބޭ މީހުން އުފާކޮށް މަރުޙަބާކިޔައެވެ. ހަމައެކުއްޖާ ދުނިޔޭގައި އުޅެ ބޮޑުވެ މަރުވާވަޤުތު ކަންކަން މިބަދަލުވަނީ އެހެން ގޮތަކަށެވެ. އެންމެ ބޮޑު އުފާވެރިކަމެއް ލިބެން އޮތީވެސް އެހެން ގޮތަކަށް ބަދަލުވެގެންނެވެ.
އަހުރެމެން މަސައްކަތްކުރަންވީ އަހުރެމެން ދުނިޔޭގައި އުޅެފައި ދުނިޔޭގެ ޙަޔާތް ނިމި ދުނިޔެއިން ބޭރުވުމުން، (މަރުވުމުން) އެންމެހައި މީސްތަކުން (ގިނަ ބައަކު) ހިތާމަކޮށް ކަރުނައަޅާނޭ މީހަކަށްވުމަށެވެ.
އެފަދަ މީހަކަށް ވެވޭނީ ދުނިޔޭގައި އެމީހަކު ހޭދަކުރާ ހަޔާތުގައި އެހެން މީހުންނަށް އަޅާލައި އެހީތެރިވާ މީހަކަށްވެވިގެންނެވެ. އެހެން މީހުންނަށް ހިތް ހެޔޮ، އެހެން މީހުންދެކެ ލޯބިވާ މީހަކަށް ވެވިގެންނެވެ.
މީސްތަކުންނޭވެ! އުންމީދުކުރާށެވެ! އުފާކުރާށެވެ! ތިމާއަކީ އެފަދަ މީހަކަށް ވެވިއްޖެނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. އިން ޝާ ﷲ
އަހުރެމެން ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް އެކަމުގެ ސަބަބުން އެކަނި ސުވަރުގެއަކަށް ނުވައްދަވަތެވެ. ސުވަރުގެ ވަދެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބިގެންނެވެ. ވީމާ އަޅުކަންކުރާއިރުވެސް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާނެ ގޮތަށް ދުނިޔޭގެ ޙަޔާތް ހޭދަކުރަން މަސައްކަތްކުރަން އެބަޖެހެއެވެ.
- ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން