ނަމާދުގެ އެކި މަޤާމުތަކުގައި ތިއްބައި މަރުވާ މީހުންގެ ވާހަކަތަކާއި ވީޑިއޯތައް އެއްކުރަމުއެވެ. އެހެން މީހުންނަށް ދައްކައިވެސް އުޅެމުއެވެ. އިން ޝާ ﷲ އެމީހުންނަށް ދެއްވަވާނެ އުފާވެރިކަމުގެ ވާހަކަވެސް ދައްކަމުއެވެ. ޚުދު އަހުރެންނަށްވެސް ބައެއް މީހުން ދައްކައެވެ. ފޮނުވައިވެސް ހަދައެވެ. އަދި ސަޖިދައިގައި އޮއްވައި ަމރުވެއްޖެނަމަ އެމީހެއްގެ ވާހަކަ ގިނަބައަކު ދައްކައެވެ. ތިމާވެސް ހަމައެގޮތަށް މަރުވުމަށް އެދެއެވެ.
އެކަންކަން އެގޮތަށް އެކުރެވެނީ ތިމާއަށްވެސް އެފަދަ ރަނގަޅު ނިމުމެއް ދެއްވެވުމަށް އެދެވޭތީއެވެ. އެހެންކަމުން އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް އެންމެ ގިނައިން ދުޢާ ކުރެއްވެވި އެއް ކަމަކީ ރަނގަޅު ނިމުމެއް ދެއްވެވުން އެދިވަޑައިގެންނެވެ.
ވީމާ އަހުރެމެންވެސް އެކަމަށް ދުޢާކުރަންވާނެއެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ ފުރާނަ ނުހިއްޕެވުން އެދިގެން ދުޢާކުރަންވާނެއެވެ. އަދި އެންމެ ހެޔޮ ޢަމަލެއް ކުރުމުގެ މަތީގައި ހުއްޓައި ފުރާނަގެންގެންދެވުން އެދިގެންވެސް ދުޢާކުރަންވާނެއެވެ.
އަހުރެން ކޮށްލަން ބޭނުންވާ ސުވާލަކީ މިކަންކަމަށް މިވަރަށް އެދޭއިރު އަހުރެމެންނަށް ނަމާދުކުރެވެނީ ނަމާދަށް ސަމާލުކަންދީގެން ހެއްޔެވެ؟ އެންމެ ކުޑަމިނުން ނަމާދުގައި ހުންނަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްގެން ހެއްޔެވެ؟ ނަމާދުގައި ކިޔާ ތަކެއްޗަށް ސަމާލުކަން ދެވޭހެއްޔެވެ؟ ޚުޝޫޢަތްތެރިވާން މަސައްކަތްކުރެވޭ ހެއްޔެވެ؟ އެކަންކަމަށް މަސައްކަތް ނުކުރާ މީހަކަށް ސަޖިދައިގައި އޮއްވައި ފުރާނަ ގެންދެވުމަށް އެދެވިދާނެ ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން އެދުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. މައްސަލަ ނުކުންނަނީ އެކަމެއް ޙާޞިލްކުރަން ތިމާ ކުރަންޖެހޭ މަސައްކަތް ނުކޮށް އެދެވޭތީއެވެ. އެހެންވީމާ ނަމާދުގައި ހުއްޓައި އެމީހެއްގެ ފުރާނަ ގެންދެވުމަށް އެދޭމީހާ ފުރަތަމަ ކަމަކަށްވެސް ތިމާ ނަމާދަށް ދޭންޖެހޭ ސަމާލުކަންދީގެން ނަމާދުކުރާށެވެ! އެކަމަށް މަސައްކަތްކުރަމުން ދުޢާ ކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން