ނަރަކައަށް ވަންނާކަށް ބޭނުމެއް ނޫން! އަހުރެންނަށް ނަރަކައަށް ނުވަދެ ސަލާމަތްވެވޭނެތަ؟
މިސުވާލަށް ޖަވާބެއް ދެވޭތޯ ވާހަކަ މިފަށަނީ ތަންކޮޅެއް ދުރުންނެވެ. ވިސްނައި އަޑުއަހަން ތިބޭށެވެ! ސީދާ ޕޮއިންޓަށް ފަހުން ދާނަމެވެ. އިން ޝާ ﷲ
އަހުރެމެންގެ ކުދި ދަރިންނަށް ދަތި އުނދަގޫވެދާނެ ކޮންމެ ކަމަކުން އެކުދިން ސަލާމަތްކުރަން އަހުރެމެން މަސައްކަތްކުރަމުއެވެ. އެކުދިންނަށް އުފާވެރިކަން ހޯދައިދޭންވެސް ކުރެވުނުހައި ކަމެއް ކުރަމުއެވެ. ބަލިވެއްޖެ ނަމަ ނިދިނަގާލައި އެކުދިންގެ ޚިދުމަތުގައި ހޭލައިތިބެމުއެވެ.
ސްކޫލަށްދާ ޢުމުރަށް އެޅުމުން އަހުރެމެންގެ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް އެކުދިންގެ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރަމުއެވެ. އެއީ އެކުދިންނަށް ރަނގަޅު ތަޢްލީމެއް ލިބި ތަނަވަސްކަމާއި އެންމެ މަތީދަރަޖައިގައި ދިރިއުޅޭތަން ދެކެން އަހުރެމެން ބޭނުންވާތީއެވެ.
ބުނަން ހެއްޔެވެ؟ ގާތުން ކިރުދެމުން ގެންދާ ދަރިފުޅުދެކެ އެކުއްޖާގެ މަންމަވާ ލޯތްބަށްވުރެ އެތައް ގުނައެއް އިތުރަށް ﷲ ތަޢާލާ އަހުރެމެން އިންސާނުން ދެކެ ލޯބިވެވޮޑިގަންވާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަހުރެމެންނަށް ޤިޔާމަތް ދުވަހު އެއްވެސް ޢަޛާބެއް ލިބުމަކަށް ﷲ ތަޢާލާ ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. ސުވަރުގެ ހައްދަވައި ސުވަރުގޭގެ އެންމެ މަތީ ދަރަޖަތައް ޙާޞިލްކުރުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ދެއްވަވާފައި އެވަނީ އެހެންވެގެންނެވެ.
ދެން އޮތީ ނަރަކައަށް ވަންނަން ޖެހުމެވެ. ނަރަކައަށް ވަންނަން ޖެހެނީ ﷲ ތަޢާލާ އެކަމަށް ބޭނުންފުޅުވެ ވޮޑިގަތުމަކުން ނޫނެވެ. އަހުރެމެން އެކަމަށް ބޭނުންވުމުންނެވެ. މުބުނަނީ ދުނިޔޭގައި ހުރެ ތިމާއަށް އިޚްތިޔާރުލިބިގެންވީއިރު ނަރަކައިން ސަލާމަތްވުމަށް މަސައްކަތްނުކުރި މީހުންގެ ވާހަކައެވެ.
ﷲ ތަޢާލާ ވަނީ ސުވަރުގެ ވަދެވޭނެ މަގު ދައްކަވައިފައެވެ. ނަރަކައަށް ވަންނަން ޖެހޭނެ ސަބަބުތައްވެސް ބަޔާންކޮށް ދެއްވަވައިފައެވެ. ދެގޮތުން ކުރެ ބޭނުން ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރު ދެއްވަވައިފައެވެ.
ފާފަތަކަކީ ކޮބައިކަމާއި އަދި ފާއެއް ކުރެވުމުން ޢަމަލުކުރަންވީ ގޮތް ޤުރްޢާނުގެ އެތައް ތަނެއްގައި ވަނީ ވަޙީކުރައްވަވައިފައެވެ. އެއިގެ އިތުރުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން އެކަންކަން އޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ. ބަލައި ގަތުމާއި ނުގަތުމަކީ އެމީހެއްގެ ކަމެކެވެ. އެމީހަކު ބޭނުންނަމަ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ސުވަރުގެ ވަންނަންވީއެވެ. ސުވަރުގެ ވަންނަން ބޭނުން ނޫންނަމަ ފާފަކޮށް ނަރަކައަށް ވަންނަންވީއެވެ.
ޚުލާޞާކޮށްލާނަމެވެ! ނަރަކައަށް ވަންނަން ދުނިޔޭގައި ހުރެ ބޭނުންނުވެ ނަރަކައިން ސަލާމަތްވާން މަސައްކަތްކުރި ހަމައެކަކަށްވެސް ނަރަކައަށް ވަންނާކަށް ނުޖެހޭނެއެވެ. ވަންނަންޖެހޭނީ ދުނިޔޭގައިހުރެވުނުއިރު އެކަމަށް ނުއެދުނު މީހުންނަށެވެ. މާނައަކީ ނަރަކައިން ސަލާމަތްވާން މަސައްކަތް ނުކުރި މީހުންނަށެވެ.
ދުޢާއަކީ އަހުރެމެންނަށް ހެޔޮ ވިސްނުން ދެއްވެވުމެވެ. ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކުރާ ބައަކު ކަމުގައިވެސް ލެއްވެވުމެވެ. އާމީން
- މުފްތީ މެންކުގެ ދަރުސަކުން