މޯލްޑިވްސް އިންޑަސްޓްރީ އޮފް ބިޒްނަސް އެންޑް މެނޭޖްމަންޓް (އެމް.އައި.ބީ.އެމް.ވީ.) އިން އިންތިޒާމުކޮށްގެން ބޭއްވި ގެސްޓްހައުސް ސިމްޕޯޒިއަމް 2025، މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.
ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ، "ގެސްޓް ހައުސްތަކަށް މި ސިނާޢަތުގެ ދެމެހެއްޓެނިވިކަމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ" ކަމަށެވެ. އަދި މިހާރުވެސް ގިނަ ގެސްޓް ހައުސްތަކުން ޕްލާސްޓިކް ކުނި ނައްތާލުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރަށު ކައުންސިލްތަކާއި ރައްޔިތުންނާ ގުޅިގެން ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީ ވަނީ ގެސްޓް ހައުސް ސިނާޢަތް ތަރައްޤީކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން "ކުރިއަށް އޮތް 5 އަހަރު ތެރޭ 400 ނުވަތަ 500 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް" މި ދާއިރާއަށް ބޭނުންވާނެކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 3 އަހަރަށް 100 މިލިޔަން ޑޮލަރުގެ ފައިނޭންސިންގ ފޯރުކޮށްދިނުމަށް އެ ބޭންކުން މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ސިމްޕޯޒިއަމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް އެއްތަނަކަށް އެއްކޮށް، މި ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށްޓަކައި އީޖާދީ ގޮތްތައް ހުށަހެޅުމަށް ވެސް މަގުފަހިކޮށްދޭނެއެވެ.
މި ސިމްޕޯޒިއަމްގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، ޚާއްޞަކޮށް ގެސްޓްހައުސް އިންޑަސްޓްރީ ކުރިއެރުވުމަށް އެތައް ފައިދާތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.