އދ. ކުނބުރުދޫގައި އެކި ކުޅިވަރުތަކަށް ބޭނުން ހިފޭގޮތަށް ތައްޔާރުކޮށްފައިވާ ފެންވަރު ރަނގަޅު މަލްޓިޕާޕަސް ކޯޓާއި ޓާފް އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓްބޯޅަ ދަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ކުނބުރުދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މަލްޓި ޕާޕަސް ކޯޓަކީ ދެ ޖިންސުގެ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޯޓެކެވެ. މި ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ބައްލަވާލައްވާފައެވެ.
މި މަލްޓި ޕާޕަސް ކޯޓު ހުޅުވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤް އަދި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒްމީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުނބުރުދޫގައި އަލަށް ތަރައްޤީކޮށްފައިވާ ޓާފް ފުޓްބޯޅަ ދަނޑުވެސް ހުޅުއްވައިދެއްވާފައެވެ. ކުނބުރުދޫގެ ޒުވާނުންގެ އުންމީދުތަކާ ގުޅިފައިވާ މި ދަނޑުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި އުމުރުފުރައިގެ ކުދިންނާ ބައްދަލުކުރައްވައި، އެ ދަނޑު ބައްލަވާލައްވާފައެވެ.
މި ދެ ވަސީލަތް ހުޅުވުމާއެކު، ކުނބުރުދޫގެ ކުޅިވަރުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.