ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،790 މީހުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި 6،193 އަންހެނުންނާއި 8،597 ފިރިހެނުން ހިމެނެއެވެ. މީގެ ތެރެއިން 18 އަހަރުން ދަށުގެ 4،950 ކުދިން ހިމެނޭއިރު، އެއީ 1،490 އަންހެން ކުދިންނާއި 3،469 ފިރިހެން ކުދިންނެވެ.
18 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާގައި ޖުމްލަ 7،526 މީހުން ރަޖިސްޓްރީވެފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި އުމުރުފުރާގައި 3،648 އަންހެނުންނާއި 3،878 ފިރިހެނުން ހިމެނެއެވެ.
65 އަހަރުން މަތީގެ އުމުރުފުރާގައި ޖުމްލަ 2،305 މީހުން ރަޖިސްޓްރީވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން އެންމެ މަދު އަދަދެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަކީ އެފަދަ ފަރާތްތަކަށް ދައުލަތުން ދެމުންގެންދާ އެކިއެކި އެހީތެރިކަމާއި ޚިދުމަތްތައް ލިބިގަތުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.