މަސްޖިދުލް އަޤްޞާ މިސްކިތުގެ ކޮމްޕައުންޑަށް ޔަހޫދީ ބާރުތަކުން ވަދެ ހިންގި ޢަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއް ކަމަށެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިއީ މަސްޖިދުލް އަޤްޞާގެ ޤަދަރާއި، ޤާނޫނީ ހައިސިއްޔަތާއި، އަދި އެތަނުގެ ފުން ތާރީޚީ އަދި ދީނީ މުހިންމުކަން ނަގާލުމަށް ގަސްތުގައި ކުރެވޭ ޢަމަލުތަކެކެވެ. އަދި މިފަދަ ތަކުރާރުކޮށް ކުރެވޭ ޢަމަލުތަކަކީ ހަމައެކަނި ފަލަސްޠީނު ރައްޔިތުންގެ ދީނީ ޙައްޤުތަކަށް އަރައިގަތުމެއް ނޫންކަމަށާއި، އެއީ މުޅި ދުނިޔޭގެ މުސްލިމުންނަށް ސީދާ ކުރެވޭ ފުރައްސާރައެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ އިސްލާމީ އުއްމަތުގެ އެންމެ މަތިވެރި އެއް މަރުކަޒާ ގުޅޭގޮތުން ކުރީއްސުރެ އޮތް 'ސްޓޭޓަސް ކޯ' އާ ޚިލާފަށް އިސްރާއީލުން ކުރަމުންދާ އިންސާނީ ޙައްޤުތަކުގެ ހަޑިމުޑުދާރު ޢަމަލުތަކާ ގުޅިގެން އެ ޤައުމު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ފަލަސްޠީނު ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހިރާއްޖެ ދެމިހުންނާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިސްރާއީލުން ކުރަމުންދާ ޢަމަލުތަކާ ގުޅިގެން އެ ޤައުމު ޖަވާބުދާރީ ކުރުވުމަށާއި، ފަލަސްޠީނު ރައްޔިތުންގެ ޤަދަރާއި، ޙައްޤުތަކާއި، ރައްކާތެރިކަން ކަށަވަރުކުރުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށްވެސް ގޮވާލާފައިވެއެވެ.