23 ފަރާތަކަށް ހިޔާވަހި ސްކީމްގެ ދަށުން ފައިނޭންސިން ދިނުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
23 ފަރާތަކަށް ހިޔާވަހި ސްކީމްގެ ދަށުން ފައިނޭންސިން ދިނުމަށް ނިންމައިފި

ސަރުކާރުން ތަޢާރަފްކޮށްފައިވާ ހިޔާވަހި ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި 23 ފަރާތަކަށް ފައިނޭންސިން ދިނުމަށް ނިންމައިފިއެވެ. މިކަމާ ގުޅިގެން ލޯނު ލިބޭ ބައެއް ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.

ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަޢާރަފްކޮށްފައިވާ މި ސްކީމަކީ އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އެންމެ އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންގ ޕްރޮގްރާމެކެވެ. ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި 5 ޕަސެންޓްގެ ފައިދާއެއް ނަގާ އިރު، 25 އަހަރުގެ މުއްދަތެއް ފައިނޭންސް އަނބުރާ ދެއްކުމަށް ދެވޭނެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ސްކީމަށް ޖުމްލަ 2،256 އެޕްލިކޭޝަން ލިބިފައިވެއެވެ. މީގެ ތެރެއިން ޞަހަރު ކެޓަގަރީން 586 އެޕްލިކޭޝަނާއި، ފަހި މާލެ ކެޓަގަރީން 341 އެޕްލިކޭޝަނާއި، އަދި ރަށްވެހި ކެޓަގަރީން 1،329 އެޕްލިކޭޝަން ހިމެނެއެވެ.

ލޯނު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ "މިއީ އެންމެ އަގުހެޔޮކޮށް ލޯނު ދޫކުރާ ސްކީމް" ކަމަށެވެ. އަދި މިހާ ކުޑަ އިންސައްތައެއްގައި ލޯނު ދޫކުރެވެނީ ސަރުކާރުން ސަބްސިޑީ ދިނުމުގެ ސަބަބުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި މިހާރުވެސް 1،400 އަށްވުރެ ގިނަ އެޕްލިކޭޝަންގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދެއެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން