ސަރުކާރުގެ އަމާޒަކީ ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ ފުރަތަމަ ބޯހިޔާވަހިކަން ހޯދުމަށް މަގުފަހިކޮށްދިނުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ސަރުކާރުގެ އަމާޒަކީ ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ ފުރަތަމަ ބޯހިޔާވަހިކަން ހޯދުމަށް މަގުފަހިކޮށްދިނުން: ވަޒީރު

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ ފުރަތަމަ ބޯހިޔާވަހިކަން ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ވީހާވެސް އަވަހަކަށް މަގުފަހިކޮށްދިނުން ކަމަށެވެ.

ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން ލޯނު ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ހުރިހާ ގިންތިއެއްގެ މީހުން ސޯޝަލް ހައުސިންގ ޕްރޮގްރާމްތަކަށް ހުށަހެޅުމުން، މި މަޝްރޫޢުގެ އަސްލު މަޤްޞަދު ހާސިލްކުރުމަށް ސަރުކާރުތަކަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"ބޯހިޔާވަހިކަމުގެ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ފަރާތްތަކަށްވެސް ހުރިހާ ގިންތިއަކަށްވެސް އެފަރާތްތަކުގެ އާމްދަނީއާ ހާލަތަށް ބަލައި ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން،" ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ތެރޭގައި ބޮޑު އާމްދަނީ ލިބޭ ފަރާތްތަކަށް ލަކްޝަރީ އެޕާޓްމަންޓް ގަތުމުގެ ފުރުޞަތާއި، މެދު ފަންތީގެ އާޢިލާތަކަށް އެފޯޑަބަލް ހައުސިންގ ޕްރޮގްރާމްގެ ތެރެއިން ފުރުޞަތު ހޯދައިދިނުން ހިމެނޭކަމަށް ވިދާޅުވިއެވެ.

ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްއާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިއީ ބޭންކުތަކުން 9 އާއި 12 އިންސައްތައާ ދެމެދުގައި ދެމުން އަންނަ ލޯނުތައް ސަރުކާރުން ސަބްސިޑައިޒްކޮށް 5 އިންސައްތައަށް ކުޑަކޮށްފައިވާ ސްކީމެއް ކަމަށެވެ. މީގެ އިތުރުން، 20 އިންސައްތައިން މަތިން ނަގަމުން އައި އިކުއިޓީގެ މިންވަރު ކުޑަކޮށްފައިވާ ކަމަށާއި، ޕްރޮފިޓް ރޭޓް ކުޑަކުރެވިފައިވަނީ ސަރުކާރުން ސަބްސިޑައިޒް ކުރާ އުޞޫލުގެ ދަށުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ލޯނު ނަގާ ފަރާތުން ދައްކަންޖެހޭ އިކުއިޓީ ދަށްކުރެވިފައިވަނީ ސަރުކާރުން ގެރެންޓީއެއް ދޭ އުޞޫލުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ސަބަބުން ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވަޒީރު އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު އޮންލައިން