އަލަށް ތަންފީޒުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުކުރާއިރު ފުޅާދާއިރާއެއްގައި އެކިސިނާއަތްތަކުގެ ޚިޔާލާއި ވިސްނުން ހޯދާފައިވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިކަން ވަޒީރު ފާހަގަކުރެއްވީ، އަލަށް ތަންފީޒުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ޤާނޫނާއެކު ދިވެހި ކޮންޓްރެކްޓަރުންނަށާއި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކިވަރެއްގެ މަސައްކަތްތަކެއް ޚާއްސަކޮށްފައިވާތީ، މަސީން ނެރުނު ބަޔާނަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ދިވެހީންނަށް ހުރި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެކެވެ. އަދި 45 އަހަރުގެ ދިގު މުއްދަތަކަށްފަހު، 1979 ވަނަ އަހަރު ފާސްކުރެވުނު ޤާނޫނު އަލުން އެކުލަވާލައި، 3 ސެޕްޓެމްބަރު 2024 ގައި ވަނީ އައު ޤާނޫނު ތަންފީޒުކުރަން ފަށާފައެވެ.
އައު ޤާނޫނުގެ ދަށުން، ކުރިއާ ޚިލާފަށް ގިނަ ދާއިރާތަކެއް ދިވެހީންނަށް ޚާއްސަކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް ލިބިދޭ ރައްކާތެރިކަމާއި، ހިފަހައްޓަންޖެހޭ ބައިނަލްއަޤްވާމީ މިންގަނޑުތަކަށްވެސް މި ޤާނޫނުގައި ޚާއްސަ ސަމާލުކަމެއް ދެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އައު ޤާނޫނަށް ޢަމަލުކުރުމުގައި އެކުލަވާލަންޖެހޭ އުސޫލުތަކާއި، ބޭރުގެ ފަރާތްތައް ހަރަކާތްތެރިވާނެ ދާއިރާތައް ކަނޑައެޅުމުގައި، އެކި ސިނާޢަތްތަކުގެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދިފައިވާކަން ވަޒީރު ސަޢީދު އިތުރަށް ފާހަގަކުރެއްވިއެވެ.