ދަރިންގެ މަންމަ ނިކަމެތިކޮށް ހިތުގައި ޖެއްސުވުމަކީ ދަރިންދެކެ ލޯބިވާ ބައްޕައަކު ނުކުރާނެ ކަމެއް! އިންސާނިއްޔަތުކަން ހުރި މީހަކުވެސް ކުރާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދަރިންގެ މަންމަ ނިކަމެތިކޮށް ހިތުގައި ޖެއްސުވުމަކީ ދަރިންދެކެ ލޯބިވާ ބައްޕައަކު ނުކުރާނެ ކަމެއް! އިންސާނިއްޔަތުކަން ހުރި މީހަކުވެސް ކުރާނެ ކަމެއް ނޫން!

އަނބިމީހާއާއި ދަރިން ދެކެ ލޯބިވާ މިންވަރު ބަލަންޖެހޭނީ އަތަށް ލައިދޭ ހަދިޔާތަކަކުން ނޫނެވެ. އަނބިދަރިންނަށްޓަކައި ފިރިމީހާވާ ޤުރްބާނީންނެވެ. ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ސަމާލުކަންދޭވަރުންނެވެ. ތެދުވެރިކަމާ ވަފާތެރިކަމުންނެވެ.  

ތަނަވަސްކަން ހުރިނަމަ އަގުބޮޑު ހަދިޔާތައް ކިތަންމެ ގިނައިންވެސް ދެވިދާނެއެވެ. ނަމަވެސް އެމީހެއްގެ ކިބައިން އަނބިދަރިންނަށް ލިބެންޖެހޭ މިބުނި ކަންކަން ނުލިބޭނަމަ އޭނާއަކީ އަނބިމީހާ ދެކެވެސް އަދި ދަރިންދެކެވެސް ލޯބިވާ މީހަކަށްވާނީ ކިހިނަކުންހެއްޔެވެ؟  

މިހެން ބުނާއިރުވެސް ބައެއް އަންހެނުން ޤަބޫލުކުރާ ގޮތުގައި އެމީހުން ދެކެ ލޯބިވާނަމަ ކުރަން އޮތްކަމަކީ ގިނަގިނައިން ހަދިޔާދިނުންކަމަށްވެއެވެ. ތަނަވަސްކަން ހުރިނަމަ އަގުބޮޑު ހަދިޔާތައް ނުވަތަ ތަނަވަސްކަން ހުރިވަރަކުން އަނބިންނަށް ހަދިޔާދޭންވީއެވެ. އެކަމަށް ދެކޮޅުހަދާކަށް ނެތީމެވެ.   

އަދިވެސް އެއް ކަންތައް ފާހަގަކޮށްލާނަމެވެ. ދަރިން ދެކެ ޙަޤީޤީ ލޯބިވާ ބައްޕައަކު މަންމަގެ ހިތުގައި ޖައްސުވައި ރޮއްވުމަކީ ކުރާނެ ކަމެއް ނޫނެވެ. އެކަމުގެ އަސަރު ދަރިންނަށް ކުރާނެތީއެވެ. ހިތްދަތި ޙާލުގައި އިންނަންޖެހޭ މައިންގެ ކިބައިން ދަރިންނަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން ނުދެވޭނެތީއެވެ. 

ވީމާ ދަރިން ލިބުމަށްފަހު އަނބިމީހާއަށް ހެޔޮކޮށްހިތުން އިތުރުކުރަންޖެހޭނެއެވެ. ލޯތްބާއި އަޅައިލުން ދިނުންވެސް އިތުރުކުރަންޖެހޭނެއެވެ. އަނބިމީހާ ހިތްދަތިވާނެ ކަންކަން ކުރުން ހުއްޓާލަންޖެހޭނެއެވެ.  

ބައެއް ފިރިން އަނބިމީހާއާއިމެދު ހިތަށް އެރިހައި ގޮތަކަށް ކަންކަން ކޮށްފައި ގެއަށް ވަދެ ދަރިންނަށް އަޅައިނުލެވިހުރެގެން އަނބިމިހާދެކެ އެބަ ރުޅިއައުދެއެވެ. މިއީ ކޮން އިންޞާފެއް ހެއްޔެވެ؟ އަނބިމީހާއަކީވެސް އިންސާނެކެވެ. ކޮންމެ އިންސާނަކަށްވެސް ފިކުރުތަކާއި ހިތްދަތިކަމުން ސަލާމަތްވެވިފައިވާ ހިތެއް ބޭނުންވާނެއެވެ. އޭނާ އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރެވޭނީ އެއިރުންނެވެ.  

ދެން ބުނެލަން ބޭނުންވަނީ ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް އެކުގައި އުޅެން ބޭނުން ނުވެގެން ވަކިވިޔަސް ދަރިންގެ މަންމައަށް ހެޔޮކޮށް ހިތާށެވެ! ދަރިފުޅުގެ ސަބަބުން ދެމީހުން ގުޅިފައިވާ ގުޅުމަށް އިޙްތިރާމްކުރާށެވެ! އެއީ ކަނޑައިލެވޭނެ ގުޅުމެއް ނޫނެވެ. ކަނދައިލުން ހުއްދަ ގުޅުމެއްވެސް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން