ޢިބްރަތްތެރި ވާހަކަ: މައިންބަފައިންނާއިމެދު މިގޮތަށް ކަންތައްކޮށްފަ ސުވަރުގެ އެދެވޭނެ ގޮތަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 32ސ
ޢިބްރަތްތެރި ވާހަކަ: މައިންބަފައިންނާއިމެދު މިގޮތަށް ކަންތައްކޮށްފަ ސުވަރުގެ އެދެވޭނެ ގޮތަކީ ކޮބާ؟

މުސްކުޅިވާ ދުވަހު ދަރިންގެ ލޯބި ނުލިބުމަކީ މައިންބަފައިންނަށް ކުރަންޖެހޭނެ އެންމެ ބޮޑު ހިތާމައެވެ. އެކަން އެންމެންވެސް ޤަބޫލުކުރާނެއެވެ. ކޮންމެ މީހަކީވެސް ތިމާގެ ދަރިންގެ ކިބައިން ލޯބިލިބުމަށް އެދޭނެވެސް މީހެކެވެ. ނަމަވެސް ހިތާމައަކީ ތިމާއަށް ތިމާގެ މައިންބަފައިންނަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން ނުދެވޭ ކަމެވެ. 

އަދިވެސް ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ބައެއް ދަރިންނަށް ތަނަވަސްކަން ނުވަތަ ފުދުންތެރިކަން ލިބުމުން ނިކަމެތި ޙާލުގައި ދިރިއުޅެމުން އަންނަ މައިންބަފައިންނަށް ބަލައިލަންވެސް ބޭނުންނުވާ ކަމެވެ. ފެނުނަސް ލަދުގަންނަ ކަމެވެ. މިއީ މީހަކަށް ކުރެވޭނެ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭނެ ފާފައެކެވެ. 

މިފަދަ މީހުންނަށް ތަފާތު މުޞީބާތްތައް ކުރިމަތިވެއެވެ. މިގެނެސްދޭ ޙާދިސާ ވިދާޅުވެލައްވާށެވެ! ބައްޕައަކީ ސަލާންޖަހާ މީހަކަށްވުމުން ލަދުން ފިލީއެވެ. އެކަމުގެ ޢުޤޫބާތަކަށްވީ ލިބިފައިވާ ބޮޑު ތަނަވަސްކަމުން އުފާވެރިކަމެއް ނުލިބުމެވެ. އެދުވަހު ނިކަމެތިކޮށްލެވުނު ބައްޕަގެމަތިން ހަނދާންވެ އަބަދު ހިތާމައިގައި ހުންނަން ޖެހުމެވެ.   

ހެންރީ ނިޞްބަތްވަނީ ވަރަށް ފަޤީރު ޢާއިލާއަކަށެވެ. ހެންރީގެ އުމުރުން އެންމެ 6 އަހަރުގައި އައި ބިންހެލުމެއްގައި އޭނާ އާއި މައިން ބަފައިން ވަކިވިއެވެ. މައިންބަފައިންނަށް ހީވީ ހެންރީ މަރުވީ ކަމަށެވެ. ހެންރީއަކަށް އޭނާގެ މައިންބަފައިން ފެންނާނެ ގޮތެއް ނުވިއެވެ.

ބިންހުލުމުގައި މައިންބަފައިން ގެއްލުނު ހުރިހާ ކުދިން ގެންދެވުނީ ޔަތީމުކުދިން ބަލަހައްޓާތަނަކަށެވެ. އެތަނުގައި ކުޑަދުވަސްކޮޅެއް ވީތަނާ އެހެން ޤައުމަކުން އައި ދަރިން ނުލިބޭ ވަރަށް މުއްސަނދި ދެމަފިރިއަކު ހެންރީ އާއި ހަވާލުވެގެން ގެންދިއައެވެ. 

ހެންރީ ބޮޑުވީ ވަރަށް ތަނަވަސްކަމުގައެވެ. ހެންރީގެ އެންމެ ބޮޑު މައްސަލައަކީ ފަޤީރުން ދެކެ ރުޅިއައުމެވެ. ހެންރީ ޤަބޫލުކުރާ ގޮތުގައި އެއީ އެއްވެސް ބައެއް ނޫނެވެ. އެމީހުންގެ ސަބަބުން މުޖުތަމައަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 

ހެންރީ ކިޔަވާ ނިމި ބޮޑުވި ފަހުން އޭނާގެ ވާންއުޅޭ ބައިވެރިޔާއާއިއެކު އޭނާގެ ޤައުމަށް ދަތުރެއްކުރިއެވެ. އެދަތުރުގައި މަގުމަތިން ފަޤީރަކު ފެނުނެވެ. އޭނާއަށް ބަލައިލަން ބޭނުންނުވި ނަމަވެސް ކަންދިމާވިގޮތުން އޭނާއަށް ބަލައިލަންޖެހުނެވެ. ބަލައިލުމުން ހެންރީއަށް ފެނުނީ އޭނާކުޑައިރު އޭނާގެ ކަރުގައި އޭނާގެ ބައްޕަ އަޅުވާފައި އޮންނަ ފަށުފުލެއް އެމީހާގެ ކަރުގައި އޮއްވައެވެ. 

ހެންރީއަކަށް ނުހުރެވުނެވެ. އެއީ ކޮން ގޮތަކުން އޭނާއަށް ލިބުނު އެއްޗެއްކަމާއިމެދު ސުވާލުކުރިއެވެ. ޖަވާބުގައި އޭނާ ބުނީ އެއީ އޭނާގެ ދަރިފުޅު ހެންރީގެ ކަރުގައި އޭނާ އެޅުވި ފުލެއް ކަމަށާއި ހެންރީވަނީ ބިންހެލުމުގައި މަރުވެފައި ކަމަށެވެ. އެހެންކަމުން ދަރރިފުޅުގެ ހަނދާނަކަށް ކަރުގައި އަޅާފައި ބާއްވަނީ ކަމަށެވެ! 

ހެންރީ އިތުރު އެއްވެސް އެއްޗެއް ނުބުނެ އޭނާ ހޮސްޕިޓަލަށް ގެންދިއައެވެ. ޑީއެންއޭ ހެދުމުން އެއީ އޭނާގެ ބައްޕަކަން ޔަޤީންކުރެވުނެވެ. ނަމަވެސް ބައްޕައަކީ ސަލާންޖަހާ މީހަކަށްވުމުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ރިޕޯޓް ސިއްރުކޮށްފައި އަތަށް ވަކިލާރިކޮޅެއް ދީފައި ފޮނުވައިލީއެވެ. 

ހެންރީ އެނބުރި އޭނާގެ މިހާރު ޤައުމަށް ދިއުމަށްފަހު ވިސްނަން ފެށިއެވެ. ބައްޕައާއިމެދު ކަންކަން ކުރެވުނު ގޮތާއިމެދު ހިތާމަކުރަން ފެށުނެވެ. މަންމަ ކޮބައިތޯ އަހައިނުލެވުނު ކަމާއިމެދުވެސް ހިތާމަކުރެވުނެވެ. 

ހެންރީއަކަށް ކެތެއް ނުކުރެވުނެވެ. އެންމެފަހުން އެނބުރި ބައްޕަ ހޯދަން ދިއައީއެވެ. ބައްޕަ އާއި ބައްދަލުވި ސަރަހައްދަށް ގޮސް ހޯދަންކުރި މަސައްކަތުން އެނގުނީ މީގެ 2 މަސް ދުވަސްކުރިން ބައްޕަ މިދުނިޔެ ދޫކޮށްފިކަމެވެ. 

ހެންރީއަށް ރޮއެގެންފައި ބުނެވުނެވެ. "ބައްޕާއެވެ! އަހަރެންނަށް މާފުކުރާށެވެ!" 

ހެންރީއަކީ މިހާރު މުސްކުޅިއެކެވެ! އަދިވެސް ކޮންމެ ދުވަހަކު ބައްޕަގެމަތިން ހަނދާންކޮށްފައި އޭނާގެ ލޮލުން ކަރުނަ އޮހޮރައެވެ! ބަލައި ބޮޑުކުރި މައިންބަފައިންގެ ތަނަވަސްކަން ވަނީ އޭނާއަށް ވާރުތަކޮށްފައެވެ. ނަމަވެސް ލިބޭ ހިތްހަމަޖެހުމެއް އޮންނަ ކަމަކަށް ނުވެއެވެ! 

ނިކަން ބުނެބަލާށެވެ! ހެންރީ ފަދަ މީހަކަށް ވެވިއްޖެ ނަމަ ޤިޔާމަތް ދުވަހުން ސަލާމަތްވެވިދާނެހެއްޔެވެ؟ ބައްޕަ ނުވަތަ މަންމަ މާފުކުރާނެ ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދޭނެ ހެއްޔެވެ؟ 

އެއްވެސް މީހެއްގެ ނަސްލަށް ނުވަތަ މާލީ ޙާލަތަށް ބަލައި އެއްވެސް މީހަކަށް ނަފްރަތުނުކުރާށެވެ! ތަނަވަސް ބިލިއަނަރުންވެސް އަދި އެންމެ ނިކަމެތި ފަޤީރުންނަކީވެސް ހަމަ ޢަބަދުﷲ އެވެ. ﷲ ތަޢާލާގެ އަޅުންނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން