އަހުރެން ފަށާނީ އޮތް އެންމެ ބޮޑު ނުރައްކަލުންނެވެ. އެކަމަށް އިންޒާރުދެމުންނެވެ. ބައިވެރިޔާއާއިމެދު ހިތުގައި ޝައްކެއް އުފެދިއްޖެނަމަ އެކަމުގެ ޙަޤީޤަތް އޮޅުންފިލުވަން ަބއިވެރިޔާއާއި ސުވާލުކުރާށެވެ! ނުވަތަ ފާރަލައިގެންނަމަވެސް އަމިއްލައަށް އެކަންބަލާށެވެ. އެކަންކުރުމުގެ ބަދަލުގައި އެވާހަކަ ކިތަންމެ ގާތްނަމަވެސް އެކުވެރިންނަށް ޙިއްޞާކުރުމަކީ ބައިވެރިޔާ ޖަހައިގަތުމަށް ދެވޭ ދަޢުވަތެކެވެ. އެކަމަށް ދަޢޭުވަތުދީފައި ފަހުން ޝަކުވާކުރުމުން ކުރާނެ ފައިދާއެއް ނެތެވެ.
ބައެއް މީހުންނަށް އެންމެ ގިނައިން ދެކެވޭ އެއްވާހަކައަކީ އޭނާގެ ކައިވެނީގައި ޖެހެމުން އަންނަ މައްސަލަތަކުގެ ވާހަކައެވެ. މިފަދަ ވާހަކަތައް އެހައި ގިނައިން ދެއްކޭ އެއް ސަބަބަކީ ކައިވެނި ރޫޅެން ބޭނުންނުވުމެވެ. ކައިވެނި ދަމަހައްތަން ބޭނުންވުމެވެ.
ބުނެލަން ޖެހެނީ ކައިވެނީގައި ޖެހޭ މައްސަލަތަކުގެ ވާހަކަ މީސްމީހުންގެ ގާތުގައި ދެއްކުމުން މައްސަލަތައް ޙައްލުކުރެވޭނެ ކަމަށް ވިސްނޭނަމަ އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެމައްސަލަތައް ޙައްލުކުރެވޭނީ ދެމަފިރިން އެކުގައި ހަމަޖެހިލައިގެން ތިބެ އެކަންކމުގެ ވާހަކަ ދައްކައިގެންނެވެ. ޙައްލު ހޯދަން ކުރެވިޑާނެ ކަންކަމަށް ދެމަފިރިން މަޝްވަރާކޮށްގެންނެވެ. މަޝްވަރާކޮށް ކުރަން އެއްބަސްވެވޭ ކަންކަން ދެމީހުންވެސް ކޮށްގެންނެވެ.
އަހުރެންނަށް އެއް ދުވަހަކު ކުރިމަތިވި ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އެކުވެރިއަކު އޭނާގެ އަނބިމީހާ އާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވެ ދެއްކި ވާހަކައަކާއި ގުޅިގެން އަހުރެން އޭނާގެ އަނބިމީހާ އާއި ބައްދަލުކުރީމެވެ. ފިރިމީހާގެ ކަންބޮޑުވުން ކިޔައިދިނުމުން ބުނީ އެފަދަ ކަމެއް ވެގެން އުޅޭކަން ނުވެސް އެނގޭކަމަށެވެ. ފިރިމީހާ އެފަދަ ވާހަކައެއްވެސް ބުނެފައި ނެތް ކަމަށެވެ. އަދި ފިރިމީހާއަށް ތިއައުޅެނީ ނުބައި ޝައްކެއް ކުރެވިގެން ކަމަށެވެ.
އަނބިމީހާގެ ކިބައިން ލިބުނު މަޢުލޫމާތަށް ބަލައި އަހުރެން އެކުވެރިޔާއަށް ނަޞޭޙަތްތެރިވީމެވެ. އޭނާ ލައްވައި އަނބިމީހާ އާއި އެވާހަކަ ދެއްކުވީމެވެ. ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކަށްފަހު އެކުވެރިޔާއަށް އެއްބަސްވާންޖެހުނީ އަނބިމީހާގެ އެއްވެސް ކުށެއް ނެތް ކަމަށާއި ކުށެއް ކުރެވިފައިވަނީވެސް އެކުވެރިޔާއަށް ކަމަށެވެ. އަދި މިހާރު ހުރިހާ ކަމެއް ޙައްލުކުރެވިފައިވާ ކަމަށެވެ.
ލޮބުވެތި އެކުވެރިންނޭވެ! ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލައެއް އެއްވެސް މީހަކާއި ޙިއްޞާކުރަންވާނީ ދެމީހުންގެ މެދުގައި މަޝްވަރާކޮށްގެން ޙައްލެއް ނުހޯދިއްޖެނަމައެވެ. އެއީ އެއްވެސް ޙާލެއްގައި ފުރަތަމަ ކުރާ ކަމަކަށް ނުހަދާށެވެ! ހުރިހާ އެކުވެރިންގެ އަމަލުތައް އެއްގޮތެއް ނުވާނެއެވެ! ނާޖާއިޒު ފައިދާ ނަގާނެ ބައަކުވެސް ތިބޭނެކަން ޤަބޫލުކުރަންވާނެއެވެ. ވީމާ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް އެހެން މީހުންނާއި ޙިއްޞާކުރުމަކީ ޙައްލުކުރެވޭނެ އެހެން އެއްވެސް ގޮތެއް ނެތިގެން އެންމެ ފަހު ކަމަކަށް ކުރާ ކަންތައް ކަމުގައި ހަދާށެވެ!
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން