މިހާރަކަށް އައިސް ގާތްއެކުވެރިންގެ ތެރެއިން ގިނަބައަކުވެސް ޢާއިލާގެ ގިނަ ބައަކުވެސް ކަމަށް ބޭނުންވެގެން އެހީތެރިކަމަސް އެދިގެން ފޮނުވާ މެސެޖުގައި އެއްވާހަކައެއް ލިޔުން ގިނަވެއްޖެއެވެ. އެއީ "އަހުރެންގެ އެކައުންޓް މިވަޤު ޑެބިޓްވެފައި. ފޮނުވިޔަސް ނުނެގޭނެ. އަތަށް ލިބޭނެ ގޮތެއް ހަދައިދީ! ބަލައިވެސް ހިނގައިދާނަން!" މިފަދަ ވާހަކަތަކެވެ.
މިވާގޮތަކީ ބޭންކް މެދުވެރިކޮށް ގަންނަ ތަކެއްޗަށް ޤަވާއިދުން ފައިސާ ނުދެއްކޭ ކަމުގެ މައްސަލަ އޮއްވައި އިތުރު މައްސަލައެއް މާބޮޑުވީއެވެ. އެއީ ލޯނުލިބުން ފަސޭހަވީމާ ނެގެނީއެވެ. ރަޙުނުކުރަން ނުޖެހޭތީ ކިރިޔާ ކަމަކަށް ބޭނުންވިޔަސް ނަގަނީއެވެ. ނަގާއިރު ބޭނުންވާވަރަށްވުރެ މާގިނައިންވެސް ނަގަނީއެވެ. އިސާހިތަކު އެކައުންޓް ރަތްވެ ބްލޮކްވަނީއެވެ.
މިހުރީ މުސްލިމުން ވިސްނައިލަންޖެހޭނެ ކަންކަމެވެ. ދަރަނިވެރިވާންޖެހޭނީ ދެން އެެހން ގޮތެއް ނެތުމުން ކިރިޔާ ފުދޭނެ މިންވަރަކަށެވެ.
މިޙާލުގައި ގިނަ ބައަކު ތިބުމުން އެމީހުންނަށްޓަކައި މިދުޢާކުރާށެވެ!
"ޔާ ﷲ! އިނބަ ﷲ އީ މީސްތަކުންނަށް ރަޙުމްކުރައްވަވާ އަދި އިމެއް ނެތި ރަޙްމަތް ލައްވަވާ ރަސްކަލާނގެއެވެ. ދަރަނިވެރިންގެ ދަރަނިތަކުން މިންޖުވެވޭނެ މަގު ދައްކަވައިދެއްވަވާ ރަސްކަލާނގެއެވެ.
ޔާ ﷲ! ދަރަނިވެރިވެފައިވާ އެންމެންނަށް ހެޔޮ ރަޙްމަތް ލައްވަވާނދޭވެ! އެކަމުގެ ސަބަބުން އެމީހުންނަށް ކުރިމަތިވެފައިވާ މުޞީބާތާއި އުފުލަންޖެހިފައިވާ ތަކްލީފްތަކުން އެމީހުން ސަލާމަތްކުރައްވަވާނދޭވެ! އަދި އެމީހުންގެ ދަރަނި އަދާކުރެވޭނެ ތަނަވަސްކަން އެމީހުންނަށް ދެއްވަވާނދޭވެ! އާމީން
މިފަދަ ދުޢާތައް ކުރުމަކީ ދުޢާކުރާ މީހާއަށްވެސް ރަޙްމަތް ލައްވަވައި ހެޔޮ ގޮތްތައް މިންވަރުކުރައްވަވާ ކަމެކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން