ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވަވާނެ މަގު- ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވަވާނެ މަގު- ޤުރްއާނުން-

ކޮންމެ މުސްލިމަކުވެސް ބޭނުންވާނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައެވެ. ޖަންނަތުލްފިރުދައުސްއެވެ. ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައި ވުމަށެވެ.  

އެހެންކަމުން މިފާހަގަކޮށްލަނީ އެމަތިވެރި ނިޢުމަތަށް އެދެމުން މިއަދު ގިނަ ބައަކު ވަރަށް ބޮޑަށް އިހްމާލްވަމުންދާ ކަމެކެވެ. ހެޔޮއަމަލުކުރަމުން ފާފަކުރަމުން ގެންދާ މީހުން އިތުރަށް ވިސްނައިލަންޖެހޭނެ ކަމެކެވެ. ތިމާއަކީ ﷲ ތަޢާލާއަށާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރިހަމަގޮތުގައި ކިޔަމަންވާ މީހަކު ކަމުގައި ވެއްޖެނަމަ ލިބެން އޮތް ބޮޑު ފައިދާ ދޫކޮށްލަން ހެޔޮވެދާނެހެއްޔެވެ؟  

ތައުބާން (ރޢ) އަކީ ރަސޫލް () މިނިވަން ކުރެއްވެވި އަޅެކެވެ. ތައުބާން އިންތިހާއަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިފުޅުވެއެވެ. ކޮންމެ ދުވަހަކު 4،5 ފަހަރު މަތިން ރަސޫލް () ގެ އަރިއަހަށް ވަޑައިގެން ފައިންޕުޅު ދެކެ އެކަމުގެ ހިތްހަމަޖެހުން ހޯއްދަވައެވެ. 

އެއް ދުވަހަކު އެތައް ފަހަރެއްގެ މަތިން ވަޑައިގަތުމުން ވެސް ރަސޫލް ()ގެ ފައިންޕުޅު ފެންނާނެ ގޮތެއް ނުވިއެވެ. އެކަމާއި ވަރަށް ބޮޑަށް ދެރަފުޅުވެފައި ހުންނަވަނިކޮށް ރަސޫލް () އާއި ބަދައްލުކުރެއްވެވުނެވެ. އެއިރު ތައުބާންގެ މޫނުފުޅުމަތިން ފެނިވަޑައިގެންނެވި ހިތާމައިގެ ބޮޑުކަމުން އެހައި ދެރަފުޅުވެފައި ހުންނެވީ ކޮން ކަމަކާތޯ ރަސޫލް () ސުވާލުކުރެއްވެވިއެވެ.  

ޖަވާބުގައި ތައުބާން ދެންނެވިއެވެ. "އަޅުގަނޑަށް ހުރިހާ ހިތްހަމަޖެހުމެއް ވެސް ލިބެނީ ކަލޭގެފާނު، ރަސޫލް () ފެނުމުންނެވެ. ނުފެނުނީމާ ކިހައި ދެރަވާނެތޯއެވެ؟ ކަލޭގެފާނު () އަވަހާރަވީ ނަމަވެސް ވާނީ ސުވަރުގޭގެ އެންމެ މަތީގައެވެ. ނަބީބޭކަލުންނާއި ރަސޫލްބޭކަލުންނާއިއެކުގައެވެ. ޝަހީދުންނާއި އެންމެ މާތް ބޭކަލުންނާއިއެކުގައެވެ. އަޅުގަނޑުމެން ތިބޭނީ މާ ދަށު ދަރަޖައިގައެވެ. ފެންނާނެ ކަމެއްވެސް އެނގެނީއެއް ނޫނެވެ. އަދި ސުވަރުގެ ވަދެވޭނެ ކަމެއް ވެސް އެނގެނީއެއްވެސް ނޫނެވެ. ވީމާ ކަލާގެފާނު ނުފެނުމުން ކިހައި ދެރަވާނެތޯއެވެ؟" 

އެވަގުތު 7 އުޑުމަތިން ވަޙީ އާއިގެން ޖިބްރީލްގެފާނު ވަޑައިގެންނެވިއެވެ. ބާވައިލެއްވެވުނު އާޔަތުގައި ވަނީ "ﷲ ތައާލާއަށާއި ރަސޫލް ()އަށް ފުރިހަމަ ގޮތުގައި ތަބަޢަވީ ކޮންމެ މީހަކު ރަސޫލް () އަރިއަހުގައި ސުވަރުގޭގައި ލައްވަވާނެ" ކަމުގެ އުފާވެރި ޚަބަރެވެ. މިއަށްވުރެ އުފާވެރި ކަބަރެއް ނުލިބޭނެއެވެ! ނަމަވެސް އުފާވެރިކަން ލިބޭނީ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމުންނެވެ.    

މިއާޔަތް ބާވައިލެއްވެވުމުން ތައުބާން މީސްތަކުންގެ ގާތުގައި ވިދާޅުވެ އުޅުއްވިއެވެ. "މިއީ ތިމަންނާއަށްޓަކައި ﷲ ތައަލާ ބާވައިލެއްވެވި އާޔަތެކެވެ. ތިމަން ރަސޫލް ދެކެ އިންތިހާއަށް ލޯބިވެވަޑައިގަންނަވަމެވެ. ޤިޔާމަތް ދުވަހު ރަސޫލް އާއި ތިމަންނާއަށް ބައްދަލު ނުވެދާނެ ކަމުގެ ހިތާމަ އާއި ކަންބޮޑުވުން ފައުޅުކުރެއްވެވުމުން ބާވައިލެއްވެވި އާޔަތެކެވެ. މިއާޔަތުގައި ﷲ ތަލާލާ އަނަގަވާފައި އެވަނީ ﷲ ތަޢާލާ އާއި ރަސޫލް އަށް ފުރިހަމައަށް ކިޔަމަންތެރިވި ކޮންމެ މީހަކު ރަސޫލް ()ގެ އަރިއަހުގައި ސުވަރުގޭގައި ލައްވަވާނެ ކަމަށެވެ.  

މީސްތަކުންނޭވެ! މިއީ އަހަރެމެން ކޮންމެ މީހަކު ވިސްނައި ފިކުރުކުރަން އެންމެ މުހިންމު ކަންތަކެވެ. ޤިޔާމަތްދުވަހު ސުވަރުގޭގައި ރަސޫލް ގެ އަރިއަހުގައި ލެއްވެވުމަށް އެދޭނަމަ ކުރަންޖެހޭ ކަމަކީ ﷲ ތައާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯލެނބުމެވެ. ކިޔަމަންތެރިކަން އަދާކުރުމެވެ. ރަސޫލް ގެ ސުންނަތަށް ތަބަޢަވުމަކީވެސް ﷲ ތަޢާލާގެ އަމުރުފުޅެކެވެ. ހަމައެއާއިއެކު ﷲ ތަޢާލާ ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވެ ހުރުމެވެ! އަހަރެމެން ހުރިހާ މުސްލިމުންނަކީވެސް ޤިޔާމަތް ދުވަހު މިމަތިވެރި ދަރަޖަ ދެއްވަވާ މީހުންގެ ތެރޭގައި ލައްވަވައި ދެއްވަވާނދޭވެ! އާމީން.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން