މިއަދުގެ ޙާލަތަށް ބަލައިފިނަމަ ތަނަވަސްކަން ހުރީތީ ތިމާއަށް އެހީތެރިވެދޭ މީހާއަށް ދެއްވަވާފައިވާ ތަނަވަސްކަމަށްވެސް އެބަ ޙަސަދަވެރިވެއެވެ. އެހެންކަމަށްވާއިރު ތިމާއަށް އެހީތެރިނުވާ މީހުންނަށް ދެއްވަވާދފައިވާ ތަނަވަސްކަމަށް ޙަސަދަވެރިވާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ!
މިހެންމިވަނީ ދެއްވެވި މިންވަރު މަދުވެގެން އުޅެވޭތީއެވެ. އަނެކާއަށް ދެއްވެވި މިންވަރު ގިނަވެގެން ހިތުގައި ޙަސަދަވެރިކަން އުފެދޭތީއެވެ. ޙަސަދަލެވޭތީއެވެ. މި ދެ ޙާލަތުންވެސް އަންގައިދެނީ އެއްކަމެކެވެ. އެއީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ނިޢުމަތްތަކަށް ޝުކުރުވެރިނުވެވޭ ކަމެވެ.
ދެން ބަލައިލަންވީ ޝުކުރުވެރިވުމުން ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށާއި ޝުކުރުވެރި ނުވުމުން ދެއްވަވާ ޢަޛާބަށެވެ.
"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ."
(އިބްރާހީމް: 7)
މީސްތަކުންނޭވެ! ކޮންމެ ކަމެއް ނަމަވެސް، ﷲ ތަޢާލާ ދެއްވަވާ ކޮންމެ ނިޢުމަތެއް ނަމަވެސް އިތުރުކޮށްދެއްވެވުމަށް އެދޭނަމަ ދެއްވަވާފައިވާ މިންވަރަށް ޝުކުރުވެރިވާށެވެ! ޝުކުރުވެރިވުމުގެ އެންމެ މަދުމިންވަރީ ފަރުޟުތައް އަދާކުރުމެވެ. ފުރަތަމަ ކަމަކަށްވެސް ފަރުޟު 5 ނަމާދު އަދާއަށް ކުރުމެވެ.
ހަމައެއާއިއެކު ހަނދާންކުރާށެވެ! އެކުވެރިޔާއަށް ދެއްވަވާވަރު ގިނަވެގެން ޙަސަދަވެރިވެވޭނަމަ އެކަމުން އަނގައިދެނީ ޝުކުރުވެރި ނުވެވޭކަމެވެ. ތިބާ ޙަސަދަވެރިވާކަން އެކުވެރިޔާއަށް ނުވަތަ އެހެން ބައަކަށް ސިއްރުކުރެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
ލޮބުވެތި އެކުވެރިންނޭވެ! އެހެން މީހަކަށް ދެއްވަވާ އެއްވެސް ނިޢުމަތަކަށް ޙަސަދަވެރިނުވާށެވެ. އެކުވެރިއަކަށް ގިނައިން ދެއްވަވާނަމަ އަދިވެސް އިތުރަށް ދެއްވެވުން އެދި ދުޢާކުރާށެވެ! އެދުޢާގެ ސަބަބުންވެސް ތިބާއަށް އިތުރުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ
ދެން ބުނެލަން ބޭނުންވަނީ ކަންކަން ވާނެގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެއްވެސް މީހަކަށް އެކަމެއް ނުއެނގޭނެ އެވެ. އަހުރެންނަކަށްވެސް ނުއެނގޭނެއެވެ. އެކަމަކު ފެންނަމުން އަންނަ ކަންކަމަށް ބަލާއިރު މިފެންނަނީ އެހެން މީހުންނަށް ދެއްވަވާ ނިޢުމަތްތަކަށް ޙަސަދަވެރިވާ މީހުން އިތުރަށް ނިކަމެތިވަމުން އަންނަ ތަނެވެ. އެއީ އެމީހުންގެ ހިތުގައި އޮންނަ ޙަސަދައިގެ ސަބަބުން އެމީހުންގެ ހެޔޮކަން އަނދައިގެންދާތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭތީއެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން