އަނބިމީހާގެ ގައިގައި މުސްކުޅި ސިފަޖެހުން އަވަސްވީމާ އޭނާ ދޫކޮށްލުމަކީ ﷲ ތަޢާލާގެ ލަޢުނަތް ޙައްޤުވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
އަނބިމީހާގެ ގައިގައި މުސްކުޅި ސިފަޖެހުން އަވަސްވީމާ އޭނާ ދޫކޮށްލުމަކީ ﷲ ތަޢާލާގެ ލަޢުނަތް ޙައްޤުވާނެ ކަމެއް!

ފިރިމީހާއަށްވުރެ ކުރިން އަނބިމީހާގެ ގައިގައި މުސްކުޅިކަމުގެ ސިފަޖެހުމަކީ މެދުވެރިވާ ކަމެކެވެ. ސަބަބުތަކުގެ ތެރޭގައި ވިހެއުމުން ބައެއް އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ބުރަކޮށް މަސައްކަތްކުރަންޖެހުން ހިމެނެއެވެ.  

މިދެކަންތަކަށް ބެލިނަމަވެސް އެޙާލަތު ދިމާވަނީ ހަމަ ހުރެފައެއް ނޫނެވެ. ދެމަފިރިން ދަރިންނަށް ބޭނުންވާތީއެވެ. އަދި ބޭނުން ނުވިނަމަވެސް ﷲ ތަޢާލާ ދަރިން ދެއްވަވާތީއެވެ. ހަމަ އެއާއެކު ދަރިން ބެލުމާއި ގޭތެރޭގެ މަސައްކަތުގައި ބުރަކޮށް އުޅެންޖެހެނީ ދެމަފިރިންނަށްޓަކައެވެ. ވީމާ އެކަމުގެ ޒިންމާ ނަގަން ފިރިހެނުންނަށް ޖެހޭނެއެވެ. އޮތީ ވަރިކޮށް ބާކީކޮށްލުމެއް ނޫނެވެ. އެގޮތަށް ކަންތައް ކުރުމަކީ އެމީހަކަށް ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވާނެކަމެކެވެ.  

ވީމާ މިމއްސަލައަށް ތަންކޮޅެއް ބޮޑަށް ވިސްނައިލަމާ ހިނގާށެވެ!  

ކޮންމެ މީހަކުވެސް ސުވަރުގޭގައި ވާހުށީ ބައިވެރިއަކާއިއެކުގައެވެ. މާނައަކީ ކޮންމެ މީހަކުވެސް ސުވަރުގެ ވައްދަވާނީ އަންތބަކާއި ނުވަތަ ފިރިއަކާއިއެކުގައި ކަމެވެ. އާދަމްގެފާނު ސުވަރުގެ ވެއްދެވީވެސް ހައްވާގެފާނާއިއެކުގައެވެ. ވީމާ ސުވަރުގޭގައި އެއްވެސް މީހަކު އެކަންޏެއް ނުވަތަ ބައިވެރިއަކާއި ނުލައެއް  ނުހުންނާނެއެވެ.  

ސުވަރުގޭގައި ބައިވެރިއަކު ދެއްވަވާނީ ކިހިނަކުންކަމެއް ނުއެނގެނެއެވެ. އެމީހަކީ ދުނިޔޭގައި ތިމާ އެންމެ ލޯބިން ކައިވެނިކޮށްގެން އެކުގައި އުޅުނު މީހާ ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ދުނިޔޭގައި އެމީހަކު ދެކެ ލޯބިވީ ނަމަވެސް ކައިވެނި ނުކުރެވިވާ މީހެއް ކަމުގައިވެސް ވެދާނެއެވެ. ﷲ ތަޢާލާ ދެއްވަވާ ބައިވެރިއެއް ކަމަށްވެސް ވެދާނެއެވެ. މިއިން ކޮންމެ ގޮތަކުން ނަމަވެސް ކޮންމެ މީހަކަށްވެސް ބައިވެރިއަކު ވާނެއެވެ.  

ބައެއް މީހުން ކުރާ ސުވާލެކެވެ. ސުވަރުގޭގައި ތިބޭއިރު ބައިވެރިން ބަދަލުކުރެވޭނެ ހެއްޔެވެ؟ ސުވަރުގޭގައި ތިބޭއިރު ހަމަ އެކަކުވެސް ބައިވެރިން ބަދަލުކުރަން ބޭނުމެއް ނުވާނެއެވެ. އެހެނީ ސުވަރުގޭގައި ތިބޭއިރު ބައިވެރިޔާ އަބަދުވެސް ފެންނާނީ ކުރިއަށްވުރެ ރީތިވެފައި ޒުވާންވެފައި ހުއްޓައެވެ. އެހެންވެ ފިރިހެނުން އެމީހުންގެ އަނބިންނަށް ބުނާނެއެވެ. "އެންމެފަހުން ފެނުނުއިރަށްވުރެ ތިބާ މިހާރު މާރިތިވެފައި މާ ޒުވާނެވެ." ޖަވާބުގައި އަނބިންވެސް ހަމަ އެފަދައިން ބުނާނެއެވެ.  

ދުނިޔޭގައި ތިބޭއިރު އުމުރުން ދުވަސްވާ ވަރަކަށް މީހާ މިދަނީ މުސްކުޅިވަމުންނެވެ. ޒުވާންކަން ގެއްލި ސިފަ ބަދަލުވަމުންނެވެ. ކިތަންމެ ވަރަކަށް ފުޓުނި އެޅިނަމަވެސް މޫނުގައި ރޫތައްވެސް ޖެހޭނެއެވެ! ދުވަހެއް ދުވަހަކަށް އިތުރުވެސްވާނެއެވެ.  

ނަމަވެސް ސުވަރުގޭގައި އެކަން ހިނގާނީ އެގޮތަކަށް ނޫނެވެ. ދުވަހެއް ދުވަހަކަށް ދާނީ ޒުވާންވަމުންނެވެ. މިއީ ރަސޫލް ()ގެ ޙަދީޘްފުޅުން އެނގެން ހުރި ކަންކަމެވެ.  

ވީމާ އަހަރެމެންގެ އެންމެ ބޮޑު މަޤްޞަދަކަށް ހަދަންވީ ސުވަރުގެލިބޭތޯ ގަދައަޅައި މަސައްކަތްކުރުމެވެ. ޙަޤީޤީ އުފާވެރިކަން ނިމުމެއް ނެތް ގޮތުގައި ލިބެން އޮތީ ސުވަރުގެ ލިބިގެން ކަމަށްވާތީއެވެ. އެހެންކަމުން ބަލަންވީ ދުނިޔޭގައި ދެމަފިރިންގެ ސިފައަށް އަންނަ ބަދަލުތަކެއް ނޫނެވެ. ކަންބޮޑުވާންވީ އަނބިމީހާ ނުވަތަ ފިރިމީހާ މުސްކުޅިވުމުން ނުވަތަ ބައްޔެއްގެ ސަބަބުން ސިފައަށް އަންނަ ބަދަލަކަށް ނޫނެވެ. އުންމީދުކުރަންވީ ސުވަރުގޭގައި ދެމަފިރިން އެކުގައި ތިބުމަށެވެ. އެއިރުން ދާނީ ހަމަ ދުވަހެއް ދުވަހަކަށް ޒުވާންކަން އިތުރުވަމުންނެވެ. އަދި އުންމީދުކުރަންވީ ސުވަރުގެއިން ލިބޭނެ އަބަދުވެސް ޒުވާންކަން އިތުރުވަމުން އަންނާނެ  ބައިވެރިޔާއަށެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން