ބައިވެރިޔާއަކީ ތިމާއަށްވުރެ ދެރަ ނިކަމެތި މީހަކު ކަމަށް ހީކޮށް އަނިޔާވެރިވާ މީހުންނަށް ލައްވަވާ ކޯފާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ބައިވެރިޔާއަކީ ތިމާއަށްވުރެ ދެރަ ނިކަމެތި މީހަކު ކަމަށް ހީކޮށް އަނިޔާވެރިވާ މީހުންނަށް ލައްވަވާ ކޯފާ މާބޮޑުވާނެ!

އަހުރެން ސުވާލެއް ކޮށްލާނަމެވެ! ދެރަ ނިކަމެތި މީހަކާ ކައިވެނިކުރަނީ އެކުގައި ދިރިއުޅެން ހެއްޔެވެ؟ ނޫނީ ދެރަކޮށް ނިކަމެތިކޮށް އަޅަކަށް ހަދައިގެން ގެންގުޅެން ހެއްޔެވެ؟ އެފަދަ ނިޔަތެއްގައި ކައިވެނިކޮށްފިނަމަ ފުރަތަމަވެސް އެއޮތީ ނުބައިކަން ބޮޑު ފާފައެއް ކުރެވިފައެވެ. 

ފުރަތަމަ ކަމަކީ އަނެކާގެ ދަރަޖަ އެއްވެސް މީހަކަށް ނުއެނގޭނެ ކަމެވެ. މީހަކު ދިރިއުޅޭ ޙާލަތަށް ބަލައި އަހުރެމެންނަށް މިވެނި މީހަކީ ކިތަންމެ ނިކަމެތި މީހެއް ކަމުގައި ޤަބޫލުކުރެވޭ މީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވެގެންވާ މިންވަރު އެނގޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އޭނާއަށް ތަޢާލާ ލައްވަވާނެ ރަހްމަތެއް ނުއެނގޭނެއެވެ.

ލޮބުވެތި އެކުވެރިންނޭވެ! ބައިވެރިޔާއަކީ ކިތަންމެ ބޮޑު ފަޤީރަކަސް އަދި އަޅައިލާނެ މީހަކު ނެތް މީހަކުނަމަވެސް އޭނާއަކީ ނިކަމެތިވެ ގޮތްހުސްވެފައިވާ މީހަކު ކަމަށް ބަލައި ދެރަކޮށް ނިކަމެތި ނުކުރާށެވެ! ބައިވެރިޔާއަކީ އެފަދަ މީހަކު ކަމުގައިވާނަމަ އެކަމަށްޓަކައިވެސް ހެޔޮކޮށް ހިތުން އިތުރުކުރާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އެކަމުގެ ހެޔޮ ދަރުމަ އެމީހަކަށް ދެދުނިޔޭގައިވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ

އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބަކީ ކުށެއް ކުރެވުމެއް ނޫނެވެ. ކުށް ތަކުރާރުކުރަމުން ގޮސް އިޞްލާޙް ނުވާނެކަމަށް ޤަބޫލުކުރެވުމުންނެވެ. ވަކިވުމަށްވުރެ ރަނގަޅު ގޮތެއް ނެތްކަމަށް ވިސްނޭ ޙާލަތަށް ދިއުމުންނެވެ. ބައިވެރިޔާ އިޞްލާޙްވާނެ ކަމަށް އުންމީދުކޮށް އެކަމަށް މަސައްކަތްކުރަމުން، އިންތިޒާރުކުރަމުންގޮސް ކެތްތެރިކަން ކޮޅުންލުމުންނެވެ. މާޔޫސްވެ ގޮތްހުސްވުމުންނެވެ.  

މިކަން މެދުވެރިވާ ސަބަބަކީ ތިމާ ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް، ކޮންމެ ކަމެއް ކުރިނަމަވެސް ބައިވެރިޔާ ތިމާއާއި ވަކިވެގެން ނުދާނެ ކަމަށް ޔަޤީންކުރެވުމެވެ. ފަހަރެއްގައި އެގޮތަށް އެކަން ޔަޤީންކުރެވެނީ ކުރިން ބުނިފަދައިން ބައިވެރިޔާއަކީ ތިމާއަށްވުރެ މާނިކަމެތި މީހެއް ކަމަށް ޤަބޫލުކުރެވުމުން ކަމަށްވެސް ވެދާނެއެވެ. ގިނަ ފަހަރަށް އެކަން މެދުވެރިވަނީ އެގޮތަށެވެ!  

އެކަމުން އެނގެނީ ތިމާއަށް ތިމާ ފެނި ބޮޑާވެގެންހުރިކަމެވެ. ކިބުރުވެރި ބޮޑާ މީހުން ސުވަރުގެ ނުވައްދަވާނެއިރު މިއީ ވަރަށް ބޮޑަށް ވިސްނައި ބިރުވެތިވާންޖެހޭނެ ކަމެކެވެ. އަހުރެން ދުނިޔޭގެ އެންމެންނަށް ސުވާލެއް ކުރާނަމެވެ! އެސުވާލަކީ ދެރަނިކަމެތި އަންހެނަކާ ނުވަތަ ފިރިހެނަކާ ނަމަވެސް ކައިވެނިކޮށް ﷲ ތަޢާލާ އަންގަވައިފައިވާ ފަދައިން ދިރިއުޅުމުން އުފާވެރިކަން ނުލިބުނު މީހަކާއި ބައްދަލުވި ހެއްޔެވެ؟  

ވަރަށް ގިނަ ބޮޑެތި ބައްދަލުވުންތަކުގައިވެސް އަހުރެން މިސުވާލުކުރަމެވެ. ބައްދަލުވި ކަމަށް ހަމަ އެކަކުވެސް ބުނެފައެއް ނެތެވެ! އެކަމުން އެނގެނީ އެފަދަ ކައިވެނީގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާ ކަމެވެ! ހަމައެއާއިއެކު ދެރަނިކަމެތި މީހުންނާއި ކައިވެނިކޮށް ހެޔޮކޮށް ހިތައިގެން ގެންގުޅުމުން އުފާވެރިކަން ލިބުނު ގިނަ ބައަކާއި ބައްދަލުވިކަމަށް ގިނަ ބައަކު ބުނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން