އިބިލީހަށް ހެއްލެވި ކިތަންމެ ބޮޑު ފާފައެއް ކުރެވުނަސް ތައުބާވެ މި ދުޢާކުރުމުން ފާފަ ފުއްސަވައި ދެއްވަވާނެކަން މުޖައްރިބް ދުޢާއެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
އިބިލީހަށް ހެއްލެވި ކިތަންމެ ބޮޑު ފާފައެއް ކުރެވުނަސް ތައުބާވެ މި ދުޢާކުރުމުން ފާފަ ފުއްސަވައި ދެއްވަވާނެކަން މުޖައްރިބް ދުޢާއެއް! އިން ޝާ ﷲ

ﷲ ތަޢާލާ އާދަމްގެފާނާއި ޙައްވާގެފާނު އުފެއްދެވުމަށްފަހު ސުވަރުގޭގެ ބަގީޗާއެއްގައި ލެއްވެވިއެވެ. ބޭނުންފުޅު ކަމެއް ކުރެއްވެވުމަށް ދެކަނބަލުންނަށް ހުއްދަދެއްވެވިއެވެ. ބޭނުންފުޅު އެއްޗެއް ފަރިއްކުޅުއްވެވުމުގެ ހުއްދަ ދެއްވެވިއެވެ. ހަމައެކަނި އެންމެ ގަހަކުން ފަރިއްކުޅުއްވެވުން ފިޔަވައެވެ.  

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެއީ "ޖައްނަތުލްފިރްދައުސެއް ނޫނެވެ. އާދަމގެފާނަށް ޚާއްޞަ ކުރެއްވެވި ތަނެކެވެ."  

ވިސްނާށެވެ! ﷲ ތަޢާލާގެ އަތްޕުޅުން އާދަމްގެފާނު އުފައްދަވައި ބަސްވަޙީކުރައްވައި ޚާއްޞަ ސުވަރުގޭގައި ލައްވަވާފައި އެންމެ ގަހަކުން ފަރިއްނުކުޅުއްވަން އެންގެވުމުން އާދަމްގެފާނާއި ޙައްވާގެފާނަށް އެގަހުން ފަރިއްކުޅުއްވެވުނެވެ. ޝައިޠޯނާގެ މަޅީގައި ޖެހިވަޑައިގަތީއެވެ. ބޭނުންފުޅުވާނެ ހުރިހާ ނިޢްމަތްތަކެއް ދެއްވަވާފައި ސުވަރުގޭގައި ލެއްވެވުމުން ޝައިޠޯނާގެ މަޅީގައި އެދެކަނބަލުންޖެހިވަޑައިގެންނެވިއިރު އެނުބައި ޝައިޠޯނާގެ މަޅީގައި ނުޖެހޭނީ އަހަރެމެންގެތެރެއިން ކާކުހެއްޔެވެ؟ އެންމެންވެސް ޖެހޭނެއެވެ.  

ނަމަވެސް އޮތް އުފާވެރި ޚަބަރަކީ މިދުޢާއެވެ.  

رَبَّنَا ظَلَمۡنَاۤ اَنۡفُسَنَا وَاِنۡ لَّمۡ تَغۡفِرۡ لَـنَا وَتَرۡحَمۡنَا لَـنَكُوۡنَنَّ مِنَ الۡخٰسِرِيۡنَ‏ 

"އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަލަމެން އަނިޔާވެރިވެއްޖައީމުއެވެ. އަދި އަޅމެންނަށް އިނބަރަސްކަލާނގެ ފާފަފުއްސަވައި ނުދެއްވަވައިފިނަމަ އަދި ރަޙްމަތް ނުލައްވަވައިފިނަމަ އަޅަމެންވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތރެއިންނެވެ." (އަލްއައްރާފް: 23)  

އާދަމްގެފާނުގެ ދެކަނބަލުންނަށް ފާފައެއް ކުރެއްވެވިއްޖެކަން އެނގިވަޑައިގެންނެވި ހިނދު ކުރެއްވެވި ދުޢާއެވެ. ފާފައެއް ކުރެއްވެވިއްޖެކަން އެނގިވަޑައިގަތުމުން އަވަސްވެވަޑައިގަތީ މިދުޢާކުރެއްވެވުމަށެވެ. އަހަރެމެންނަށްވެސް އޮތީ ފާފައެއް ކުރެވުމުން ހަމަ މިފަދައިން ދުޢާކުރުމަށް އަވަސްވެގަތުމެވެ! އާދަމްގެފާނުގެ ދެކަނބަލުންނަށް ފާފަ ފުއްސަވައިދެއްވެވި ފަދައިން ފާފަ ފުއްސަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ  

މިދުޢާއަކީ ކީރިތި ޤުރްޢާނުގައި ބަޔާންވެގެންވާ ދުޢާތަކުގެ ތެރެއިން މުޖައްރިބް ދުޢާއެކެވެ. އެއީ މިދުޢާކުރެއްވެވުމުން އެދެކަނބަލުންނަށް ކުރެއްވެވުނު އެބޮޑު ފާފަ ފުއްސަވައިދެއްވެވީތީއެވެ. 

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން