އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ހެޔޮ އަމަލުތައް ކުރާ މީހުންނެވެ. ނަމަވެސް މިފަދަ ބައެއް މީހުންނަކީ އެމީހުންގެ ކިބައިގައި ހުރި އުނިސިފަތައް، ކުރެވޭ ކުށްތައް އިޞްލާޙްކުރަން މަސައްކަތްކުރާ ބައެއް ނޫނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ސަބަބަކީ އެފަދަ މީހުން ކުރާ އަމަލުތައް ބޭކާރުވެގެން ހިނގައިދާނެ ކަމުގެ ބިރު "ބޮޑުކޮށް" އޮތުމުންނެވެ.
އާޚިރަތް ދުވަހު މީސްތަކުންގެ ހިސާބު ބެއްލެވުން ޚާއްޞަވެގެންވަނީ ﷲ ތަޢާލާއަށެވެ. އެދުވަހު އަހަރެމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ނަމަވެސް އަހަރެމެން ކޮންމެ މީހަކީވެސް ދުނިޔޭގައި ހުރި ކޮންމެ ދުވަހަކު އެމީހެއްގެ އަމަލުތައް އަމިއްލައަށް ހިސާބު ބަލަން ޖެހޭ މީހެކެވެ. ވީމާ ކޮންމެ ދުވަހަކު ދެބައި އަޅައިކިރަން އެބަޖެހެއެވެ. އަޅައި ކިރައި ހިސާބު ބަލާއިރު މިވާ ގޮތަކީ ކޮންމެ ދުވަހަކުވެސް ހެޔޮ އަމަލުތަކެއް ކުރެވެއެވެ. ނުބައި އަމަލުތަކެއްވެސް ކުރެވެއެވެ. އެހެން ކަމަށް ވެއްޖެ ނަމަ ދެބައި އެދަނީ އަޅައި ކެނޑެމުންނެވެ. އެހެން ވެއްޖެ ނަމަ ޤިޔާމަތް ދުވަހު ގެންދަން އޮންނާނީ ކޮން ކަމެއް ހެއްޔެވެ؟ މީޒާނުގައި ބުރަވާނީ ކޮން ކޮޅެއް ހެއްޔެވެ؟
އެއްވެސް މީހަކީ އެންމެ ފާފައެއްވެސް ނުކުރެވޭ މީހެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ކޮންމެވެސް ފާފައެއް ކުރެވޭނެއެވެ. އަދި އެހެން މީހުންނަށް ކުރެވޭ ފާފަތައް ނިކަން ފަސޭހައިން ފާހަގަ ކުރެވޭނެއެވެ. ސަމާލުކަން ދޭންވީ އެފަދަ ވަގުތަށެވެ. މީހެއްގެ ކިބައިން ނުރަނގަޅުކަމެއް ފެންނައިރަށް ފުރަތަމަވެސް އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ! ތިމާއަށް ކުރެވެނީ ކޮން ފާފައެއް ހެއްޔެވެ؟ ތިމާއަށް ކުރެވޭ ކަމަށް ފާހަގަކުރެވުނު ކަންތައް އިޞްލާޙްކޮށްލާށެވެ!
މިސާލަކަށް ތިމާއަކީ އެއްވެސް ފާފައެއް ނުކުރާ މީހެއް ކަމަށް ޤަބޫލުކުރާ ބައެއް މީހުންނަކީ ވަރަށް ގިނައިން ދޮގުބުނާ ބައަކަށްވެދާނެއެވެ. ދޮގު ހަދަމުން ގޮސް ދޮގުހެދުން ގިނަވެ ދޮގުހެދުމަކީ އެއްވެސް ފާފައެއް ކަމަށް ޤަބޫލު ނުކުރެވޭ މީހުންވެސް އެބަ އުޅެއެވެ. އެފަދަ މީހުން ގާތު ދޮގުހެދުމަކީ ފާފައެއް ނޫން ކަމަށް ބުނީ ކާކު ހެއްޔެވެ؟ ދޮގު ހެދުމުގެ ޙުކުމަކީ ހަރާމްކަމެއް ކުރުން ނޫން ކަމަށް ބުނީ ކާކު ހެއްޔެވެ؟
މީހުންނަށް އިހްތިރާމް ނުކުރުމަކީ ވެސް ހަމަ ވަރަށް ޢާންމުކަމެކެވެ. މުސްލިމުންނަކީ މީހާގެ ނަސްލަށް، ދަރަޖައަށް ބެލުމެއް ނެތި މީސްތަކުންނަށް އިޙްތިރާމްކުރަން ޖެހޭ ބައެކެވެ. އެކަން ނުކުރުމުގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ބުނީ ކާކު ހެއްޔެވެ؟ އެއްވެސް މީހަކާއި ޤަދަރު ކުޑަކޮށް ވާހަކަ ދެއްކުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ.
މިބުނެލީ ވަރަށް ޢާންމު ދެ ކަމެކެވެ. ކިތަންމެ ޢާންމު ނަމަވެސް މިއީ އިސްލާމް ދީނުގައި ހުއްދަ ކަންކަމެއް ނޫނެވެ. އިސްލާމް ދީނުގައި ހުއްދަ ނޫން ކަންކަން ކުރާނަމަ އެމީހެއްގެ މާރކްސް ދާނީ ކެނޑެމުންނެވެ. ކުރާ މަސައްކަތުން އިތުރުވާ ޕޮއިންޓްކޮޅުގެ ފައިދާ ޤިޔާމަތް ދުވަހު ކުރާނީ ޕޮއިންޓް ނުކެނޑޭނެ ގޮތަށް އަމަލުތައް ބަހައްޓައިގެންނެވެ. ނޫން ނަމަ ވާނީ ބަނޑު ދިޔާވެފައި ހުންނަ މީހަކަށްވާ ގޮތެވެ. ކާއިރަށް ބޭރުވާނެއެވެ! އަބަދުވެސް ޖެހޭނީ ކާށެވެ! ކިތަންމެ ވަރަކަށް ކެއި ނަމަވެސް ބަނޑެއް ނުފުރޭނެއެވެ!
--މުފްތީ މެންކުގެ ދަރުސަކުން