ދިރިއުޅުމުގެ ސުންނަތްތައް ކަމުގައި ހިމެނޭ އެއްވެސް ކަމަކުން ބަރީޢަވެގެން ހުރެވޭނެ އެކަކުވެސް ނުހުންނާނެއެވެ. އެހެން މީހުންގެ ފިތުނަތަކާ ޙަސަދަވެރިކަމާ އަދި ތަކްލީފްތައް އުފުލަންޖެހުމަކީ ދިރިއުޅުމުގެ ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ކޮންމެ ޙާލަތެއް ކުރިމަތިވިޔަސް ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ އެޙާލަތު ތިމާއަށް ކުރިމަތިކުރެއްވެވީ ﷲ ތަޢާލާގެ ޙަޟްރަތުންކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ. ހަމައެއާއިއެކު މިޙާލަތު އަބަދު ދެމިނުއޮންނާނެކަމާއި މިޙާލަތުން ސަލާމަތްކޮށްދެއްވަވާނެކަމުގެ ޔަޤީންކަމުގައި ހުރުމެވެ.
މިންވަރަށް އީމާންވުން ކަމަށް ކިޔަސް ޤަޟާޤަދަރަށް އީމާންވުން ކަމަށްކިޔަސް މިދެއްކެނީ ހަމަ އެއްކަމެއްގެ ހަމަ އެއްކަމެއްގެ ވާހަކައެކެވެ. އަހުރެމެންނަށް މިއަދު މައްސަލައަކަށްވެގެން މިއުޅެނީ އެކަން ޤަބޫލުކުރެވޭ މިންވަރު ކުޑަވުމެވެ. އުފަލާއި ހިތްހަމަޖެހުން ލިބެން އޮތީ އެކަން އިޞްލާޙްކޮށްލައިގެންނެވެ.
ވިސްނުންތެރިކަމާއިއެކު މިވާހަކަކޮޅު ވިދާޅުވެލައްވާށެވެ! ޢަމަލުކުރައްވައިފިނަމަ ކަންބޮޑުވުންތަކުން ސަލާމަތްވެ ހުންނެވޭނެއެވެ. އިން ޝާ ﷲ
ޤަޟާޤަދަރަށް އީމާންވާ މީހަކު އޭނާގެ ޙަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައެވެ. ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެއެވެ. ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެއެވެ. މިންވަރަށް އީމާންވުމުގެ ސަބަބުން އަޅާ އަށް، ސުވަރުގެ ވަނުމަށް މަގު ފަހިވެގެންދާނެއެވެ. މާތް الله އާއި، އެކަލާނގެ ރަސޫލާ އަންގަވާފައިވާ ގޮތަށް، އީމާންވެ، ޢަޤީދާ ވަރުގަދަކޮށްފި މީހާގެ، ހަށިގަނޑާއި ގުނަވަންތަކުން އެކަން ފައުޅުވެގެންދާނެއެވެ.
ފެންނަ ތަކެއްޗާއި، ނުފެންނަ ތަކެތީގައި ވެސް މާތް اللهގެ ކުޅަދުންވަންތަކަމާއި، ދެނެވޮޑިގަތުން ޝާމިލުވެއެވެ. ވަންހަނާ ވެފައިވާ ކަންތައްތަކާއި، އަޅާގެ ހިތުގައި ހިނގާ ވަސްވާސްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ވެގޮސްފައިވާ ކަންތައްތަކާއި، ވަމުންދާ ކަންތައްތަކާއި، ވާނޭކަންތައްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. މާތް الله ގެ ޢިލްމުފުޅާ ލައިގެން މެނުވީ އެއްވެސް ކަމެއް ނުހިނގައެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "އަދި ޣައިބުގެ ތަޅުދަނޑިތައް ވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއް ވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއް ވިޔަސް، އަދި ރޯއެއްޗެއް ވިޔަސް، ހިކިއެއްޗެއް ވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ."
މާތް الله އީ ހުރިހާ ކަމެއް އައްސަވާ އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެކަން އަބަދުމެ ހަނދާންކުރުމަކީ، ނަފުސުތަކަށް ހިތްހަމަޖެހުން ލިބިގެންދާނެކަމެކެވެ. ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތް اللهގެ ޢިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިޢުތިޤާދުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ މާޔޫސްވާކަށް ނުޖެހޭނެއެވެ. ފަހެ އީމާންކަން ހަރުދަނާވެ ތާޒާވުމަކީ، ހިތުގެ ސާބިތުކަން ވަރުގަދަވެ، ޙަޔާތަށް އާރޯކަން ލިބި، އަމާންކަމާއި އުފާވެރިކަން ވެރިވެގެންދާ ކަމެކެވެ.