ކައިވެނިކުރަންވީ ކޮން ސިފަތަކެއް ހުންނަ މީހަކާއިކަން މިއަށްވުރެ ތަފްޞީލުކޮށް ކިޔައިދެވޭނެ ކަމެއް ނޭނގެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 13ސ
ކައިވެނިކުރަންވީ ކޮން ސިފަތަކެއް ހުންނަ މީހަކާއިކަން މިއަށްވުރެ ތަފްޞީލުކޮށް ކިޔައިދެވޭނެ ކަމެއް ނޭނގެ!

ކައިވެނިކުރަން އެންމެ ރަނގަޅީ ކޮން ސިފަތަކެއް ހުންނަ މީހަކާތޯ ސުވާލު ނުކުރާ ޢުމުރެއް ނެތެވެ. ޒުވާނުންގެ އިތުރުން ޢުމުރުން ދުވަސްވީ މީހުންވެސް އެސުވާލުކުރެއެވެ. އެއްކައިވެންޏަށްވުރެ ގިނަ ކައިވެނިކޮށްފައި ތިބޭ މީހުންވެސް އެސުވާލުކުރެއެވެ.

ސުވާލުކުރާތީ ކަންބޮޑެއްވެސް ނުވަމެވެ. އެކަމުން އެނގެނީ އެމީހުންނަށް އިތުރަށް ކަންކަން އެނގެން ބޭނުންވާ ކަމެވެ. ކުރިން ވިސްނައިނުލެވުނީތީ ދެރަވާކަމެވެ. ވީމާ އޮތީ އެމީހުންނަށް ހެޔޮކޮށް ހިތުމާއި އެމީހުންނަށް ރަނގަޅަށް އޮޅުންފިލަންދެން ވިސްނައިދިނުމެވެ. އެއީ އަހުރެމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ވީމާ އަޑުއަހާށެވެ!

ކޮންމެ ޒުވާނަކުވެސް ބޮޑުވަމުން އަންނައިރު ދެކޭނެ އެންމެ ބޮޑު ހުވަފެނަކީ ހަޔާތުގެ ބައިވެރިއަކު އިޚްތިޔާރުކޮށް ކައިވެނިކުރުމުގެ ހުވަފެނެވެ. ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހުވަފެނެވެ. މި ހުވަފެން ދެކެމުންދާއިރު އެކަން ކުރަންވީ ގޮތާއިމެދު ވިސްނަނީ ވަރަށް މަދު މީހެކެވެ. ކައިވެނީގެ ފޮނިމީރުކަން ފުރިހަމަ ގޮތުގައި ޙާޞިލުކޮށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތްތައް ދަސްކުރަން މަސައްކަތްކުރަނީވެސް ވަރަށް މަދު މީހެކެވެ. އެހެންކަމުން ކައިވެނި ކުރަނީ އެކަމުގެ މައުލޫމާތު ހޯދަން ޖެހޭ ވަރަށް ހޯދައިގެނެއް ނޫނެވެ. ނަތީޖާއަކަށްވަނީ ކައިވެނި ކުރި ނަމަވެސް އެކަމުގެ އުފާ ޙާޞިލުކުރެވޭނެ ގޮތާއި އެ އުފާވެރިކަން ދެމެހެއްޓޭނެ ގޮތް ނުއެނގުމެވެ.

ކައިވެނިކުރަން ބޭނުންވުމުން ގިނައިން ވިސްނެނީ ހަޔާތުގެ ބައިވެރިއެއްގެ ބޭރުފުށުގައި ހުންނަން ޖެހޭނެ ސިފަތަކަށެވެ. މިގޮތުން ގިނަ މީހުން ސަމާލުކަންދޭ ކަމުގެ ތެރޭގައި އޭނާގެ ތަނަވަސްކަމާއި ހަސަބާއި ނަސްބުގެ މަތިވެރިކަމާއި މުޖުތަމައުގައި އޭނާއަށް ލިބިފައިވާ މަޤާމް ނުވަތަ ދަރަޖަ އާއި ބޭރުފުށުގެ ރީތިކަން ހިމެނެއެވެ. ބައެއް މީހުން ކަމަށް ބުނާކަށް ނެތީމެވެ. ވަރަށް މަދު މީހަކު ނޫނީ ދީންވެރިކަމަށާއި ތަޤްވާވެރިކަމަށް ނުވެސް ބަލައެވެ.

ބަލައިލަންވީ ރަސޫލް (ﷺ)ގެ ޙަދީޘްފުޅަށެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދީންވެރިކަމަށާއި ރިވެތި އަޚްލާޤީ ސިފަތަކަށް ބަލައިގެން ކައިވެނި ކުރުމަށެވެ. އެއިރުން އޮންނާނީ ތަޤްވާވެރިކަމަށް ވެސް ބެލިފައެވެ. ހަމައެއާއިއެކު ރަސޫލް (ﷺ) ހަދީޘްފުޅު ކުރައްވަވާފައިވަނީ ދީންވެރި، ތަޤްވާވެރި، އަޚްލާޤް ރަނގަޅު މީހަކު ކައިވެންޏަށް އެދިއްޖެ ނަމަ އެކަމަށް ދެކޮޅު ނުހަދައި ކައިވެނިކޮށްދިނުމަށެވެ. އެފަދަ މީހަކު ކައިވެންޏަށް އެދުމުން ކައިވެނިކޮށް ނުދިނުމަކީ އެކަމުގެ ސަބަބުން ފިތުނަ އާއި ފަސާދަ ވަރަށް ބޮޑުވެދާނެ ކަމެއް ކަމަށެވެ.

މިތަނުގައި ފިތުނަ މާނަކުރެވެނީ ކޮރަޕްޝަނަށެވެ. ކުރިމަތިވެދާނެ މައްސަލަތަކަށެވެ. ކުރިމަތިވެދާނެ ދަތި އުނދަގޫތަކަށެވެ. ކުރިމަތިވެދާނެ މުޞީބާތްތަކަށެވެ. ވީމާ މިއީ ވަރަށް ބޮޑަށް ބިރުވެތިވާން ޖެހޭނެ ކަމެކެވެ. ބައެއް މީހުން އެމީހުންގެ ދަރިފުޅުގެ ކައިވެންޏަށް އެދިގެން އަންނަ މީހާގެ ޢާއިލާ އާއި މާކުރިން ޖެހިފައިވާ މައްސަލައަކަށް ބަލައި ކައިވެންޏަށް އެބަ ހުރަސް އަޅައެވެ. ވިސްނާށެވެ! އެފަދަ ބަދަލެއް ހިފުމުން ދެ ޢާއިލާގެ ދެދަރިންގެ މުސްތަޤްބަލް އެދަނީ ހަލާކުކޮށްލެވިގެންނެވެ.

ޚާއްޞަކޮށް އަންހެން ދަރިންގެ މައިން ބަފައިން ވިސްނާށެވެ! ހެޔޮލަފާ ތަޤްވާވެރި ފިރިއަކު ލިބުމަކީ މިއަދު މަދުން ނޫނީ ޙާޞިލުކުރެވޭ ކަމެއް ނޫނެވެ. ރަނގަޅަށް ވިސްނާށެވެ! ދަރިން ހަވާލުކުރަންވީ ދުނިޔޭގެ ތަނަވަސްކަމަށާއި މަތީ މަޤާމަށް ބަލައިގެނެއް ނޫނެވެ. ދަރިފުޅަށް ﷲ ތައާލާގެ ރުއްސެވުން ލިބޭނެ ގޮތަށް ބަލައިގެންނެވެ. ދީންވެރިއެއްގެ ގޮތުގައި މުސްތަޤްބަލު ހޭދަކުރެވޭނެ ގޮތަށް ބަލައިގެންނެވެ. ނަރަކަ އާއި ދުރުވެވި ސުވަރުގެއާއި ކައިރިވެވޭނެ ގޮތަށް ބަލައިގެންނެވެ.

ކައިވެންޏަށް އެދިގެން އަންނަ މީހާގެ ޗެކްލިސްޓްގައި ހިމަނަންވީ އޭނާ ނަމާދުކުރާ ކަމެވެ. ޚާއްޞަކޮށް ފަތިސް ނަމާދުކުރާނަމެވެ. ރޭ އަޅުކަން ކުރާކަމެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވާ ކަމެވެ. ޚާއްޞަކޮށް މުޢާމަލާތުކުރާ ބަސްމަގު ނުވަތަ ބަހުރުވައަށް ބަލަން ޖެހޭނެއެވެ. މިކަންކަން ޗެކްލިސްޓްގައި ހިމަނައި ޢަމަލުކުރެވޭނަމަ ދަރިންނަށް ހޯދައި އެދެވެނީ އެންމެ ރަނގަޅު ބައިވެރިޔާއެވެ.

މިޒަމާނުގައި މީސްތަކުންނަށް ބެލެނީ މީހާގެ ތަނަވަސްކަމާއި ރީތިކަމަށެވެ. މަތީ މަޤާމާއި ދަރަޖައަށެވެ. އެކަންކަމުގެ އަވާގައި ޖެހި ލޯބިވެވެނީއެވެ. އެހިސާބުން ދެ ލޯ ކަނުވަނީއެވެ. އެހެން ކަންކަން ނުވެސް ފެންނަނީ އެވެ. އެހެންވެ އިނގިރޭސި ބަހުގައި ބުނަނީ ލޯތްބަކީ ކަނު އެއްޗެއް ކަމަށެވެ. ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުގައިވަނީ ލޯތްބަކީ ކަނު އެއްޗެއް އެކަނި ނޫން ކަމަށެވެ. ލޯތްބަކީ ކަނު އަދި ބީރުވެސް އެއްޗެއް ކަމަށެވެ. މާނައަކީ ލޯބިވުމުން ފެންނާނީ ހަމައެކަނި އެއްބައި ކަންތައްތައް ކަމެވެ. އިވޭނީ އެއްބައި އަޑުތައް ކަމެވެ. ހަމަ އެކަނި ލޯބިވެރިޔާ ދައްކާ މަންޒަރުތަކާއި އޭނާ އިއްވާ އަޑުތައް ކަމެވެ.

ކައިވެނިކުރާތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައްސަލަތައް ކުރިމަތިވެ ހިތްދަތިކަން ލިބެން ފެށުމުން ކައިވެނިކުރެވިގެން މިއުޅެނީ ކައިވެނީގެކުރިން ބައްދަލުވި މީހާ އާއި ނޫންކަން އިޙްޞާޞްކުރަން ޖެހޭ މީހުން ވަރަށް ގިނައެވެ. އެއީ ކައިވެނީގެ ޗެކްލިސްޓް ކަމަށް ބަޔާން ކުރި ކަންކަމަށް ނުބަލައި ކައިވެނިކުރެވޭތީއެވެ. ކަނު، ބީރު ލޯބީގައި ޖެހިގެން ކައިވެނިކުރެވޭތީއެވެ. ވީމާ މީހަކު ދެކެ ލޯބިވީނަމަވެސް ލޯބިވުމުގެ ކުރިން ޗެކްލިސްޓް ޔަޤީންކުރާށެވެ!

އަބަދުވެސް ބުނާފަދައިން ކައިވެނީގެ ކުރިން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ކައިވެނި މިކުރެވޭ މީހާއަކީ ތިމާއަށް ލިބޭ ދަރިންގެ ކަންކަން އެންމެ ފުރިހަމައަށް ބަލަހައްޓައި ދަރިން ﷲ ތައާލާގެ މަގުގައި ތަރުބިއްޔަތުކުރަން އެންމެ ރަނގަޅު މަންމަ ނުވަތަ ބައްޕަކަން ޔަޤީން ކުރުމަށެވެ. ތިމާގެ ކިބައި ހުންނަ އުނިސިފަތައް އޯގާތެރިކަމާއިއެކު އިޞްލާޙުކޮށްދޭނެ މީހާކަން ޔަޤީން ކުރުމަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން