ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ ފައިނޭންސިން އަނބުރާ ދެއްކުމުގެ ޒިންމާ ގަވާއިދުން އަދި ވަގުތަށް އަދާކުރުމަކީ މުހިއްމުކަމެއް: ޝަރީފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ ފައިނޭންސިން އަނބުރާ ދެއްކުމުގެ ޒިންމާ ގަވާއިދުން އަދި ވަގުތަށް އަދާކުރުމަކީ މުހިއްމުކަމެއް: ޝަރީފް

ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ ފައިނޭންސިން އަނބުރާ ދެއްކުމުގެ ޒިންމާ ގަވާއިދުން އަދި ވަގުތަށް އަދާކުރުމަކީ މުހިއްމުކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިނޭންސް ލިބޭ ކަމުގެ ލިޔުން ހަވާލުކުރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ހިޔާވެހި ފައިނޭންސް ސްކީމަކީ ހިލޭ އެހީގެ ސްކީމެއް ނޫންކަމަށެވެ. އަދި ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ ފައިނޭންސިން އަނބުރާ ދެއްކުމުގެ ޒިންމާ ގަވާއިދުން އަދި ވަގުތަށް އަދާކުރުމަކީ މުހިއްމުކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިޔާވެހި ސްކީމާއި، މުސްތަގްބަލުގައި ހިންގާ މިފަދަ އެހެން ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ކާމިޔާބުކަމާއި ދެމެހެއްޓެނިވިކަން ބިނާވެގެންދާނީ ޒިންމާދާރުކަމާއެކީ އަނބުރާ ފައިސާ ދެއްކުމުގެ ސަގާފަތުގެ މައްޗަށްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިފަދަ މުހިންމު ސްކީމްތަކުން ފައިސާ ލިބޭ ފަރާތްތަކުން އެމީހުންގެ މާލީ ޒިންމާ އަދާނުކޮށްފިނަމަ، މުޅި ސްކީމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފައިސާދެއްކުމުގެ ޕަރފޯމަންސް ދަށްވެއްޖެނަމަ މުސްތަގުބަލުގައި މިފަދަ ސްކީމްތައް ކުޑަރޭޓްތަކުގައި ލުއި ޝަރުތުތަކާއި އެކު ނުހިންގި ހިނގައިދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ކަސްޓަމަރުންނަށް ބޭންކުން ދޫކުރެވޭ ފައިނޭންސަށް ބަރާބަރަށް ފައިސާ ދެއްކުމުން، މިފަދަ އިތުރު މަޝްރޫއުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެހީތެރިވުމުގެ ފުރުސަތު ބޭންކަށް ފަހިވޭ. އަނބުރާ ފައިސާ ދެއްކުމަކީ ހަމައެކަނި އެއްބަސްވުމެއްގެ ދަށުން އޮތް ޒިންމާއެއް ނޫން. އެއީ ހުރިހާ ދިވެހިންނަށް އަތްފޯރާފަށުގެ ފައިނޭންސިންގ ލިބިދިނުމަށާއި މުސްތަގުބަލުގައިވެސް އެނިޒާމް ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއް،" ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

މިއަދު އޮންލައިން