ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ހުށަހެޅުމުގެ ފުރަތަމަ ފިޔަވަހި ތަންފީޒުކުރަން ފެށުމަށް ވެވުނު އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
މިކަމާ ގުޅޭގޮތުން މިއަދު ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އެއްބަސްވުމަކީ އަމާންކަން ދެމެހެއްޓުމަށް އުއްމީދުގެ އަލިމަގެއް ފެނި، ފަލަސްޠީނުގެ ރައްޔިތުންނަށް އެތައް އަހަރެއް ވަންދެން ތަހައްމަލުކުރަމުން އައި ވޭނާއި ހިތްދަތިކަމުން އަރައިގަނެ، ހިޔާލުވެ، ސުލްހަ ޤާއިމުކުރުމުގެ ދިގު މަގަށް ފެށޭ ފުރުސަތެއް ކަމަށެވެ.
ނަމަވެސް، ދިވެހި ސަރުކާރުން ފާހަގަކުރައްވާފައިވާ ގޮތުގައި މީގެ ކުރިން ވެވުނު އެންމެހައި އެއްބަސްވުންތައް އިސްރާއީލުން ވަނީ ތަކުރާރުކޮށް ނަގާލާފައެވެ. އަދި މި އައު އެއްބަސްވުމުގެ ދަށުން އިސްރާއީލުން އުފުލަންޖެހޭ ޒިންމާތައް މިހާރު އަދާކުރަންޖެހޭ ކަމަށް ބަޔާނުގައި ބާރުއަޅާފައިވެއެވެ.
ދިވެހި ސަރުކާރުން އިތުރަށް ފާހަގަކުރައްވާފައިވަނީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ދަޢުވާ އުފުލާފައިވާ އިސްރާއީލީ ލީޑަރުން ޢަދުލުގެ ކުރިމައްޗަށް ގެންނަންޖެހޭނެ ކަމަށެވެ.
މީގެއިތުރުން، 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް، އިރުމަތީ ޖެރޫސަލަމަކީ ވެރިރަށްކަމުގައި ބަލައިގެން، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމާއި، އަމިއްލަ ނަސީބު ކަނޑައެޅުމުގެ ހައްޤު ހިމެނޭގޮތަށް، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ތާއީދުކުރުމުގައި ދިވެހިރާއްޖެ ދެމިހުންނާނެކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.