މަޤަބޫލު ސަބަބެއްނެތި ބަޔޯމެޓްރިކްސް މަޢުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓްކޮށްލާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން މިއަދު ވަނީ އިޢުލާނުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އެ ވުޒާރާއިން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކްސްޕެޓް އޮންލައިން ސިސްޓަމަށް ބަޔޯމެޓްރިކްސް މަޢުލޫމާތު އަދާހަމަކުރަން ޖެހޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި މި މަޢުލޫމާތު އަދާހަމަނުކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކުރެވޭނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި 68,000 ވަޒީފާދޭ ފަރާތް ރަޖިސްޓްރީވެފައިވާއިރު، އޭގެ ތެރެއިން 3,942 ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި 27,773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް މަޢުލޫމާތު މިހާތަނަށް އަދާހަމަކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
އަދި މި ޤަވާޢިދާ ޚިލާފުވާ ވަޒީފާދޭ ފަރާތްތަކަށްވެސް ފިޔަވަޅު އެޅޭނެކަން އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މިގޮތުން، އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާދޭ ފަރާތްތައް ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އިތުރު ފިޔަވަޅުތައްވެސް އެޅޭނެއެވެ.
މި ފިޔަވަޅުތައް އަޅަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަރުދަނާ ރެކޯޑެއް ބެލެހެއްޓުމަށާއި، ޤާނޫނާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.