ދަރިވަރުން އެސެސްކުރުމަށް ތިބޭ ފަރާތްތަކުގެ ފެންވަރު މަތިކުރުމަކީ މުހިއްމުކަމެއް ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެސެސަރސް ކާޑު ލިބިފައިވާ ފަރާތްތަކަށް ކާޑު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މަތީ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި، ދަރިވަރުން އެސެސްކުރުމަށް ތިބޭ ފަރާތްތަކުގެ ފެންވަރު މަތިކުރުމަކީ މުހިއްމުކަމެއްކަމަށެވެ. އެގޮތުން އެސެސަރުންނަކީ ތެދުވެރި އަދި ނަޒާޙަތްތެރިބައެއްކަމުގައިވުމަށް ވަޒީރުވަނީ ކާޑު ލިބުނު އެސެސަރުންނަށް އިލްތިމާސްކުރައްވާފައެވެ.
"މިއަހަރު އަލަށް 20 އެސެސަރުންވަނީ ތަމްރީންކުރެވިފައި. އިތުރު ޓްރެއިނިންގތައް ކުރިއަށް ގެންދިޔުމަށްވަނީ ރާވާފައި. މިކާޑު ލިބިފައިވާ ފަރާތްތަކަކީ އިތުބާރުހިފޭ، ޕްރޮފެޝަނިލިޒަމް ހިފަހައްޓާ ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަން އިސްކޮށް އެސެސްމަންޓުތައް ކުރިއަށްގެންދާ އެސެސަރަކަށްވާންވާނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އެސެސަރުންނަކީ އިންޑަސްޓްރީތަކަށް އަންނަ ބަދަލުތަކަށް ފަރިތަ އަދި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ލިބިފައިވާ ފަރާތްތަކަށްވުމަށް ރިފްރެޝަރ ކޯސްތަކުގައި ބައިވެރިވުމަކީވެސް މުހިއްމުކަމެކެވެ.
އެކި ދާއިރާތަކަށް ނިސްބަތްވާ މި އެސެސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޓިވެޓް ކޯސްތަކުގައި ހަދަންޖެހޭ އެސެސްމަންޓުތައް ހެދުމެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގައި ހަރުދަނާ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.