ބޭސްފަރުވާއަށް މިދިޔަމަހު އެންސްޕާއިން 21.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ބޭސްފަރުވާއަށް މިދިޔަމަހު އެންސްޕާއިން 21.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހު އެންސްޕާއިން 21.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ. މީގެ ތެރޭގައި ރާއްޖޭގައި ބޭސްފަރުވާ ކުރި ފަރާތްތަކަށް 12.9 މިލިޔަން ރުފިޔާ އަދި ރާއްޖެއިން ބޭރުގައި ފަރުވާ ހޯދި ފަރާތްތަކަށް 8.9 މިލިޔަން ރުފިޔާ ހިމެނެއެވެ.

އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ނޭޝަނަލް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލީ އަދި އެހެނިހެން އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. މިގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 14,790 މީހަކަށް މާލީ އެހީގެ ގޮތުގައި 52.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެސިސްޓިވް ޑިވައިސްތަކަށް މިދިޔަ މަހު އެންސްޕާއިން 3.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރޭގައި 33 ހިއަރިންގް އެއިޑް، 30 ބައިޕެޕް މެޝިން އަދި މާސްކް، 25 ވީލްޗެއަރ އަދި އެހެނިހެން މެޑިކަލް އާލާތްތައް ހިމެނެއެވެ.

މީގެއިތުރުން، ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި 698 މީހަކަށް 25,640 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ މަހު އަލަށް 3 މީހަކަށް މި އެހީ ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.

އެންސްޕާގެ މި ޕްރޮގްރާމްތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން