މާލޭގެ ޝާރިޢުވަރުދީ މަގުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގަމުންދިޔަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބިދޭސީން ހައްޔަރުކުރެވިފައިވަނީ އިއްޔެ ޝާރިޢުވަރުދީ މަގަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ޖުމްލަ 44 ބިދޭސީއެއް ބަލައި ފާސްކުރެވުނެވެ.
ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގުމަކީ ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ކަމެކެވެ. އަދި މިފަދަ ޙަރަކާތްތަކުގައި ބައިވެރިވާ ބިދޭސީންނާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ އަދި މަސައްކަތްކުރަމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ހަރުދަނާ މަސައްކަތުގެ ބައެކެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހިންގަމުން ގެންދާނެ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކާއި، ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންނާމެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.