ނިދާކޮޓަރީގަ ފަހާފޮށްޓެއް ބަހައްޓައިގެން ފަހަންފެށި ޒުވާން އަންހެނެއްގެ މިހާރު ފަހާ 2 ތަން އެބަހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ނިދާކޮޓަރީގަ ފަހާފޮށްޓެއް ބަހައްޓައިގެން ފަހަންފެށި ޒުވާން އަންހެނެއްގެ މިހާރު ފަހާ 2 ތަން އެބަހުރި!

އަޅުގަނޑު މަތީ ޘާނަވީ ނިންމައި ވަޒީފާއަދާކުރަން ފެށީމެވެ. ވަޒިފާގައި ހުރެގެން ސަމާލުކަންދިނީ ފެހުމުގެ ކޯސްތައް ހަދާށެވެ. 2 އަހަރުތެރޭ 3 ކޯސްހެދީމެވެ. އަމިއްލައަށް ކަނޑައިގެން ފަހަން ދަސްކުރީމެވެ. 

އެއިރު އަޅުގަނޑަށް ޖަމާކުރެވިފައިހުރީ އެންމެ 17،000 ރުފިޔާއެވެ. އެއިން 8000 ރުފިޔާ ދީފައި ލަންކާއިން ފަހާފޮށްޓެއް ގެނުވީމެވެ. އެކުވެރިއަކު މެދުވެރިކޮށް ދެންހުރި ފައިސާކޮޅަށް ގެނުވީ ބަރަންޏާއި ރޭނދާއާއި އެޒާތުގެ ސާމާނެވެ. 

ފުރަތަމަ ފަހަންފެށީ ނިދާކޮޓަރީގައެވެ. ވަޒީފާއިން އައިސް ލިބޭ ވަޤުތުކޮޅުގައެވެ. 3 މަސްވީއިރު އޮތީ އެކުވެރިންގެ ތަކެތިވެސް ނުފެހިފައެވެ. ވަޤުތުނުވާތީއެވެ. އެއިރު އަޅުގަނޑަށް ވަޒީފާއިން ލިބެނީ މަހަކު 11000 ރުފިޔާއެވެ. ރިސްކް ނަގައި ވަޒީފާއިން ވަކިވެ ފަހަން ފެށީމެވެ. 

މިއީ 4 އަހަރު ފަހެވެ. އަޅުގަނޑު ފަހާ 2 ތަން ހިންކަމެވެ. 9 މުވައްޒިފުން ގެންގުޅެމެވެ. ދެތަނުންވެސް ރަނގަޅު އާމްދަނީއެއް ލިބެއެވެ. 

މިއީ މިއަދުނޫހުގެ ކިޔުންތެރިއެއްގެ ވާހަކައެވެ. އޭނާދިން މަޢުލޫމާތެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

މުޅި ދުނިޔެއަށް ބެލިނަމަވެސް ކާމިޔާބު ގިނަ މީހުންނަކީ ވަޒީފާގައި އުޅެގެން ލިބޭ އާމްދަނީ ޖަމާކޮށްގެން އެއިން އަމިއްލައަށް މަސައްކަތެއް ކުރަން ފަށައި އެކަމުގައި ކުރިއަށްދާ މީހުންނެވެ. ނަމަވެސް ގިނަބައަކަށް ވިސްނިފައި އޮންނަނީ ވަޒީފާއެއް ލިބި މުސާރަ ލިބޭނަމަ ހުރިހާ ކަމެއް ފުރިހަމަވެ ނިމުނީކަމަށެވެ. 

އެކަމުގައި އަހުރެންގެ ވިސްނުން ވަރަށް ތަފާތެވެ. އަމިއްލައަށް މަސައްކަތެއް ފެށުމުގެ ތަނަވަސްކަން ނެތްނަމަ އެމީހަކަށް ވަޒީފާއެއް މުހިންމުވާނެއެވެ. އެއީ އަމިއްލައަށް މަސައްކަތެއް ފަށައިގަނެވޭނީ ކޮންމެވެސް ވަޒީފާއެއް އަދާކޮށްގެން ފައިސާކޮޅެއް ޖަމާކުރެވިގެން ކަމަށްވާތީއެވެ. 

އެހެނަސް އަބަދުވެސް ވިސްނަން ޖެހޭނީ އަމިއްލައަށް ކޮންމެވެސް މަސައްކަތެއް ކޮށްގެން ދިރިއުޅުން ކުރިއެރުވުމަށެވެ. ވީމާ ވަޒީފާއެއް ލިބުން ހަދަންޖެހޭނީ ފަށައިގަތުމެއް ކަމަށެވެ. އެއީ ހުރިހާ ކަމެއް ފުރިހަމަވުން ކަމަކަށް ނޫނެވެ. 

ވަޒީފާއަށް ބަރޯސާވުމަކީ އެމީހެއްގެ އުންމީދުތައް އެހިސާބުން ތަޅުލެވުމެވެ. އަދި އެއީ ވަރަށް ކަންނެތް މީހުންގެ ގޮތެކެވެ. ވަޒީފާގައި އުޅެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާނަމަ އިތުރަށް ނުވިސްނިނަމަވެސް މަހުން މަހަށް މުސާރަލިބޭނެއެވެ. ނަމަވެސް އެލިބޭ މުސާރަވާނީ ކިރިޔާ ދިރިއުޅެލެވޭވަރުގެ އެއްޗަކަށެވެ. ދިރިއުޅެން ތިމާ އުންމީދުކުރާ ފެންވަރަށް މުސާރައަކުން ވާޞިލެއް ނުވެވޭނެއެވެ. ތިމާގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖައްސައިދޭނީ އެމީހާ އަމިއްލައަށް ހީވާގިވެ ކުރާ އިޚްލާޞްތެރި މަސައްކަތެވެ. 

ކިތަންމެ ގިނަ ބައަކު އަމިއްލައަށް މަސައްކަތްކުރި ނަމަވެސް ކުރާނެ މަސައްކަތް ހުހެއް ނުވާނެއެވެ. އާބާދީ އިތުރުވާވަރަކަށް މަސައްކަތުގެ ބޭނުން ދާނީ އިތުރުވަމުންނެވެ. މިޘާލަކަށް ވިޔަފާރިކުރުމަށް ބަލާށެވެ. ހީވާގިވެ ތެދުވެރިކަމާއިއެކު ވިޔަފާރިކުރަން މަސައްކަތްކުރާ އެއްވެސް މީހަކަށް ވިޔަފާރި ނުކުރެވިގެން އުޅޭކަށް ނުޖެހޭ ނޫން ހެއްޔެވެ؟ 

ވިޔަފާރި ނޫން އެހެން މަސައްކަތް ކުރަން އުޅޭ މީހުންނަށްވެސް ދުވަހަކުވެސް މަސައްކަތްކުރުމުގެ ފުރުޞަތު ހުސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އޮންނާނީ އެމީހަކަށް ކުރަން ކެރުނުވަރެކެވެ. ހިތްވަރުކުރަން ކެރުނު ވަރެކެވެ. 

ވީމާ އަހުރެންނަށް ވިސްނޭ ގޮތުން އުފާވެރި މުސްތަޤްބަލަކަށް އެދޭމީހާއަށް އޮތީ އެމީހެއްގެ އަމިއްލަ މަސައްކަތަކުން ކުރިއަށް ދިއުމުގެ ވިސްނުން ބަހައްޓައިގެން ވަޒީފާއަދާކުރުމެވެ. ތަނަވަސްކަން ލިބި އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އެއިރުންނެވެ. މުޅި ދުނިޔެއަށް ބެލިނަމަވެސް މިބުނި ވާހަކައިގެ ހެކިތައް ފެންނާނެއެވެ. 

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން