ކިތަންމެ ބޮޑުކަމަށް ނުވަތަ ގިނަ ކަންތައްތަކަކަށް ބޭނުންވިޔަސް މިދުޢާކުރާ މީހެއްގެ ހުރިހާ ބޭނުންތައް ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ކިތަންމެ ބޮޑުކަމަށް ނުވަތަ ގިނަ ކަންތައްތަކަކަށް ބޭނުންވިޔަސް މިދުޢާކުރާ މީހެއްގެ ހުރިހާ ބޭނުންތައް ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ

ކިތަންމެ ބޮޑު ކަމަކަށް ބޭނުންވިޔަސް އަދި ކިތަންމެ ގިނަ ކަންތައްތަކަށް ބޭނުންވުމުންވެސް އޮތީ ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމެވެ. ދުޢާކުރާއިރު ތިމާއަށް ބޭނުންވާ ވަކިކަމެއް ނުވަތަ ކަންތައްތަކެއް ބަޔާންކޮށް އެކަންކަން ހިންމަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ނުދެންނެވި ނަމަވެސް (ދުޢާ ނުކުރިނަމަވެސް) އެމީހާގެ ބޭނުންތައް އެކަލާނގެ ފުއްދަވައި ދެއްވަވާނެކަން ޔަޤީން  ދުޢާއެއް އެބަހުއްޓެވެ. 

މިބުނެދެނީ އެތަނުން އެއް ދުޢާއެވެ. އެބިޔަ ބޮޑު މަހުގެ ބަނޑުގައި އޮންނަވައިގެން ޔޫނުސްގެފާނު ކުރެއްވެވި ދުޢާއެވެ. 

لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ  

"---އިނބަ ރަސްކަލާނގެ މެނުވީ އިލާހކު ނެތެވެ! އިނބަ ރަސްކަލާނގެހުސްޠޯހިރުވަންތަކަމާއެވެ! ހަމަ ކަށަވަރުން އަނިޔާވެރިންގެ ތެރެއިން މިއަޅާވީމެވެ." (އަލްއަނަބިޔާ: 87) 

މިދުޢާއިން އެނގިގެންދަނީ އެކަލޭގެފާނު އެ ބިޔަ މަހުގެ ބަނޑުގައި އޮންނަވައިގެން އެކަލޭގެފާނު އެ މުޞީބާތުން ސަލާމަތް ކުރެއްވެވުން އެދިވަޑައިގެން ﷲ ތަޢަލާގެ ޙަޟްރަތުގައި ނުދަންނަވާ ކަމެވެ. ކުރެއްވެވި ކަމަކީ ކުރެއްވެވުނު ކުށަށް އިޢްތިރާފްވެވަޑައިގަތުމާއި ﷲ ތަޢާލާ މަތިވެރިކުރެއްވެވުން ކަމެވެ. 

އެންމެ މަތިވެރިކަން ބޮޑު އަސްތަޣްފާރަކީ ތިމާގެ ނިކަމެތިކަމާއި ތިމާއަށް ކުށްކުރެވޭކަން ޤަބޫލުކުރުމާއިއެކު ﷲ ތަޢާލާ މަތިވެރިކުރުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ މިއީ އެގޮތަށް ކުރެވެން އޮތް އެންމެ މަތިވެރި ދުޢާއެވެ! 

މިދުޢާއާއިއެކު ކީރިތި ޤުރްޢާނުގައި އެބައޮތެވެ! 

فَٱسْتَجَبْنَا لَهُۥ وَنَجَّيْنَٰهُ مِنَ ٱلْغَمِّ ۚ وَكَذَٰلِكَ نُۨجِى ٱلْمُؤْمِنِينَ (88) 

"ފަހެ، ތިމަން ރަސްކަލާނގެ އެކަލޭގެފާނަށް ޢިޖާބަ ދެއްވެވީމެވެ. އަދި ދަތިކަމާއި މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވެވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ މުއްމިންތަކުން ސަލާމަތް ކުރައްވަވަމެވެ." (އަލްއަންބިޔާ: 88) 

ޖެހިގެން މިފަދައިން ވަޙީކުރައްވަވާފައި އޮތުމުން ޔޫނުސްގެފާނު ކުރެއްވެވި ދުޢާގައި އެކަމަށް އެދިވަޑައިގެންފައި ނުވި ނަމަވެސް އެދިވަޑައިގެންނެވި ކަންތައް ހިންމަވައި ދެއްވެވިކަން މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ. އަދި މުއުމިނުން މިފަދައިން ދުޢާކުރުމުން ޢިޖާބަކުރައްވަވާނެކަންވެސް މިއޮތީ އެނގޭށެވެ. " އަދި އެފަދައިން ތިމަންރަސްކަލާނގެ މުއްމިންތަކުން ސަލާމަތް ކުރައްވަވަމެވެ." މިފަދައިން އޮތުމުންނެވެ. ނުއެނގެނީ ޢިޖާބަ ކުރައްވަވާނެ ގޮތެކެވެ. 

މިދުޢާ ކުރެއްވެވުމުން ޔޫނުސްގެފާނަށް ކުރެއްވެވުނު ުށަށް ޢަފޫކުރައްވަވައި ދެއްވެވިއެވެ. އަދި އެކަލޭގެފާނުގެ ދަރަޖަ ކުރިއަސްވުރެ މަތިވެރި ކުރައްވަވައިވެސް ދެއްވެވިއެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް އަނބުރައި ފޮނުއްވަވައި ދެއްވެވިއެވެ. ކުރިން އެކަލޭގެފާނަށް ތަބަޢަ ނުވި މީހުން ތަބަޢަވިއެވެ. 

މިކަންކަމަކީ ޔޫނުސްގެފާނަށް ކުރިން އުންމީދުކުރެއްވެވުނު ކަންކަމެއް ނޫނެވެ. ނަމަވެސް އެ ދުޢާ ކުރެއްވެވުމުން މިހުރިހާ ކަމެއް ހިންމަވައި ދެއްވެވީއެވެ. ވީމާ ކޮންމެ ދަތި ޙާލަތެއް މެދުވެރިވުމުންވެސް މި ދުޢާކުރާށެވެ. 

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން 

މިއަދު އޮންލައިން