ބުއްދިއާއި އިޚްތިޔާރު ދެއްވަވައި ދޮނުއްވެވި ކޮންމެ މަޚްލޫޤަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނީ އުފާވެރިކަމެވެ. ގިނަ ބައަކަށް ފެންނާނެ ކަމެއް ބުނެލާނަމެވެ. ކުކުޅަކަށް އޭތީގެ ފިޔޮއްކޮޅު ގެއްލުނީމާ ކަންބޯދުވެގެން ދުވާވަރު ފެންނާނެއެވެ. ފިޔޮއްކޮޅު ފެނުނީމާ ބަނޑުދަށުލައިގެން ހަމަޖެހިލުމުން މޫނުން ފެންނަ އުފާވެރިކަންވެސް އެނގޭނެއެވެ.
މިބުނެލީ އިންސާނުންފަދައިން ވިސްނުމުގެ ކުޅަދާނަކަން ދެއްވަވާފައި ނުވާ އެއްޗެއްގެ ވާހަކައެވެ. ވީއިރު ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރެވި އުފާވެރިކަން ލިބުމަށް އިންށާނުން އެދޭނެ މިންވަރު ހިތަށް ގެންނާށެވެ!
ހަމަކޮންމެ މީހަކީވެސް އުފާވެރިކަމަށް އެދޭނޭ މީހެކެވެ. މިދުނިޔޭގައިވެސް އުފާވެރިކަން ލިބުމަށް އެދޭނެއެވެ. އަދި އާޚިރަތް ދުވަހުގެ އުފާވެރިކަމަށް މާ ބޮޑަށް އެދޭނެއެވެ. އެހެންކަމުން އުފާވެރިކަމަށް އެދޭ މީހާ އެންމެ އިސްކަން ދީގެން ކުރަން ޖެހޭ 3 ކަންތައް އިމާމް ހަސަނުލް ބަސްރީ ވަނީ ބަޔާންކުރައްވަވައިފައެވެ.
އެ 3 ކަންތަކުގެ ގޮތުގައި ހަސަނުލްބަސްރީ ބަޔާން ކުރައްވަވާފައިވަނީ ކީރިތި ޤްރްއާން ކިޔެވުން ގިނަކުރުމާއި، ޛިކްރު ކުރުން ގިނަ ކުރުމާއި ނަމާދުކުރުން ގިނަކުރުމެވެ. އަދި މި 3 ކަމުން އުފާވެރިކަން ނުލިބުނު މީހަކަށް އުފާވެރިކަން ލިބޭނެ އެއްވެސް ގޮތެއް ނުއޮންނާނެ ކަމަށާއި އުފާވެރިކަން ލިބޭނެ ހުރިހާ ދޮރުތަކެއް އެމީހަކަށްޓަކައި އެވަނީ ބަންދުވެފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކީރިތި ޤްރްއާން ކިޔެވުމުން ހިތަށް ލިބޭ ހަމަޖެހުން އެހެން އެއްވެސް ކަމަކުން ނުލިބޭނެއެވެ. ނިދި ހަމަނުކޮށް ފަތިހު ހޭލައިފި ނަމަ ހަށިގަނޑުގައި ލޮޑުކަމެއް ހުރެދާނެއެވެ. ނިދި ހަމަކޮށްގެން ހޭލައިފި ނަމަ އެ ލޮޑުކަމެއް ނުހުންނާނެއެވެ. ހުންނާނީ ތާޒާކަންމަތީގައެވެ. ކޮންމެ ޙާލަތެއްގައި ނަމަވެސް ފަތިހު ހޭލައި. ޚާއްޞަކޮށް ޖަމާއަތުގައި ފަތިސް ނަމާދުކުރުމުން އެ ލިބޭ ހިތްހަމަޖެހުން އެހެން އެއްވެސް ކަމަކުން ނުލިބޭނެއެވެ.
ޛިކްރު ކުރާ މީހާއަށް ﷲ ތަޢާލާ އާއިމެދު ލިބޭ ޔަޤީންކަން އެހެން އެއްވެސް ކަމަކުން ނުލިބޭނެއެވެ. އެހެނީ ޛިކްރުކުރުން ގިނަކުރާ މީހާ އަބަދުވެސް ހުންނާނީ ފާފައަށް ބިރުންނެވެ. ފާފައަށް އަބަދުވެސް ބިރުން ހުންނަ މީހާ އަށް ﷲ ތަޢާލާ އާއިމެދު އަބަދުވެސް ދާނީ އިތުބާރު ބޮޑުވަމުންނެވެ.
ވީމާ ބަންދުވެފައިވާ އުފާވެރިކަމުގެ ދޮރުތައް ހުޅުވަވައި އުފާވެރިކަން ލިބުމަށް އެދޭމީހާ ކީރިތި ޤްރްއާން ކިޔެވުން ގިނަކުރާށެވެ! ޛިކްރު ކުރުން ގިނަ ކުރާށެވެ! އަދި ނަމާދުކުރުން ވެސް ގިނަކުރާށެވެ! މިތަނުގައި ނަމާދުކުރުން ގިނަކުރުން މި މާނަކުރަނީ ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކުރުމާއިއެކު ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމަށެވެ.