މާފު ކުރުމަށާ މާފަށް އެދެން އިބިލީސް އެހާބޮޑަށް ބާރުއަޅާ ސަބަބުތަކަށް ނުވިސްނުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ އެންމެ ބޮޑު ސަބަބަށްވުމަކީ ގާތުގަ އޮތްކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
މާފު ކުރުމަށާ މާފަށް އެދެން އިބިލީސް އެހާބޮޑަށް ބާރުއަޅާ ސަބަބުތަކަށް ނުވިސްނުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ އެންމެ ބޮޑު ސަބަބަށްވުމަކީ ގާތުގަ އޮތްކަމެއް!

ބައްދަލުވުމުން ސަލާމްކުރަން ލަދުގަންނަފަދައިން ކުށެއް ކުރެވުމުން މާފަށް އެދުންވެސް މިއަދު މިވަނީ ލަދުގަންނަ ކަމަކަށް ހަދައިފައެވެ. އެހެންވެ ބުނަންޖެހެނީ މީހުންނަށް އައިސްފައިވާ އެންމެ ނުބައިކަން ބޮޑު އެއްބަދަލަކީ މާފަށް އެދެންޖެހޭ ޙާލަތުގައި މާފަށް އެދެން ލަދުގަތުމާއި ނުވަތަ ބޮޑާވުމާއި މާފަށް އެދުމުން މާފުކުރަން ފަސްޖެހުން ކަމަށެވެ. މިނުބައި ބަދަލު އައިސްގެން މިއުޅޭ ސަބަބަށް ވިސްނައިލަމާ ހެއްޔެވެ؟

މީހަކާއިމެދު ކުށެއް ކުރެވިފައިވާނަމަ، އަދި އެންމެ ކުޑަމިނުން ނުބައި ބަހެއް ބުނެވިފައިވީނަމަވެސް އެމީހެއްގެ ކިބައިން މަޢާފަށް އެދެން ޖެހޭކަން އެއީ ޔަޤީންކަމެކެވެ. ނޫން ނަމަ އެމީހަކު ޤިޔާމަތް ދުވަހު އެމިހާގެ ޙައްޤު ހޯދަން ތިބާ އާއި ކުރިމަތިލާނެއެވެ. އަދި ޖެހޭނީވެސް ބަދަލު ދޭށެވެ.

މިކަން ހުރިހާ މުސްލިމުންވެސް ޤަބޫލުކުރެއެވެ. އަދި އެފަދަ ކަމެއް ކުރެވިފައިވާނަމަ މާފަށް އެދެން ބޭނުންވެސް ވެއެވެ. ނަމަވެސް ހިތާމައަކީ މާފަށް އެދުމުގެ ފުރުޞަތު ބައެއް މީހުންނަށް ނުލިބޭ ކަމެކެވެ. އެހެން އެކަން މެދުވެރި އެވަނީ އެދެމެދަށް ޝައިޠާނާ ވަދެގަންނާތީއެވެ. ތިއަކަން ކުރުމުން ތިމާގެ އަގު ވެއްޓޭނެ ކަމަށް ވިސްނައިދީ ބިރު ދައްކާތީއެވެ. ޝައިޠާނާގެ ބޭނުމަކީ އެ މައްސަލަ ދުނިޔޭގައި ހައްލުކުރިއަ ނުދިނުމެވެ. ދެމީހުންގެ މައްސަލަ ޤިޔާމަތް ދުވަހަށް ބޭއްވުމެވެ.

އެގޮތަށް ބޭނުންވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ އެމީހާއަށް ބަދަލުދޭން ޖެހުމުން ތިބާގެ ހެޔޮ އަމަލުތައް މަދުވެ ތިބާއަކީވެސް ނަރަކައަށް ދާން ޖެހިދާނެ މީހެއް ކަމުގައި ހެދޭތޯ ބެލުމެވެ. އިބިލީހާއި އެކު ނަރަކަސް ވެއްދޭނެ މީހުންގެ އަދަދު ވީހައި ގިނަ ކުރުމެވެ. އެއިގެ ތެރޭގައި ތިބާވެސް ހިމެނުމެވެ.

ވީމާ މިއީ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. ބިރުވެތިވާން ޖެހޭނެ ކަމެކެވެ. އިބިލީހުގެ ބަހަށް ނުހެއްލޭށެވެ. މާފަށް އެދެންޖެހޭ އެންމެންގެ ކިބައިން އަވަހަށް މާފަށް އެދޭށެވެ! މާފަށް އެދުމުން މާފު ނުކުރުމަކީ ތިބާގެ މައްސަލައެއް ނޫނެވެ. އެއީ އެމީހާގެ މައްސަލައެކެވެ. މާފަށް އެދުމުން ތިބާގެ ވާޖިބު އަދާކުރެވުނީއެވެ. ވީމާ މާފު ނުކޮށްފާނެ ކަމަށް ބަލައި މާފަށް ނުއެދު ހުރުމެއް ނެތެވެ!

އިބިލީސް މަޅިފަތިލާނީ ވަރަށް ބޮޑަށް ގިރިޓީކޮށްފައެވެ. އެއީ މަޅިއެއްކަން ނުވެސް ވިސްނޭނެހައި ވަރަށް ޒީނަތްތެރިކޮށްފައެވެ. ނަރަކައިން ސަލާމަތްވެވޭނީ މިކަންކަމަށް ވަރަށް ބޮޑަސް ވިސްނައި ސަމާލުކަންދީގެން ހުރުމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން