ކޮންމެ މީހަކުވެސް ޔަޤީންކުރަންޖެހޭނެ އެއްކަމަކީ ކޮންމެ ކަމެއް ކުރުމުގައިވެސް ތަރުތީބެއް އޮންނާނެކަމެކެވެ. ބުއްދިވެރި އަދި ހަރުދަނާ ދިރިއުޅުމެއް އުޅޭ މީހަކުނަމަ ކަންކަން ކުރާނީ ތަރުތީބަކުންނެވެ. އަދި ކަންކަން ތަރުތީބުކުރާނީ މަތިން ތިރިއަށެވެ. ތިމާކުރަންޖެހޭ އެންމެ މުހިންމު ކަންކަމަށް އިސްކަން ދީގެންނެވެ.
މިރޭގެ ދަރުސްވެސް މިޚާއްޞަމިކުރަނީ ވަރަށް ބޮޑު އިޖުތިމާޢީ އަދި ދީނީ މައްސަލައަކަށެވެ. ކައިވެނިކުރަން އުޅޭ ބައިވެރިޔާއަކީ ތިމާއަށް ކުލުނު ނުބަހައްޓާނެ މީހަކުކަން ޔަޤީންކުރެވޭނެ ގޮތުގެ ވާހަކައަށެވެ. މިވާހަކަ ދައްކަން މިޖެހެނީ ކައިވެނިކުރުމަށްފަހު ބައިވެރިޔާގެ ކިބައިން ލޯތްބާއި ކުލުނު ނުލިބިގެން ޝަކުވާކުރާ މީހުން ގިނަވާތީއެވެ.
ހަޔާތުގެ ބައިވެރިޔާ ތިމާއަށް ކުލުނު ބަހައްޓާނެކަން ބެލުމަށް އޮތް އެންމެ ފަސޭހަގޮތަކީ އެމީހަކު އޭނާގެ މަންމަ އާއިމެދު ކަންކަން ކުރާ ގޮތް ބަލައިލުމެވެ. ރަނގަޅަށް ވިސްނައި އަޑުއަހާށެވެ!
އެމީހެއްގެ މައިމީހާއަށް ލޯތްބާއި ކުލުނު ނެތް މީހެއްގެ ހިތުގައި އެހެން އެއްވެސް މީހަކަށް ކުލުނެއް ނުއޮންނާނެއެވެ! މައިމީހާއަށް ރަޙްމާއި ހަމަދަރުދީ ނެތް މީހަކު އެހެން މީހަކަށް ރަޙުމެއް ހަމަދަރުދީއެއް ނުބަހައްޓާނެއެވެ. ވީމާ އަހަރެންގެ ނަޞޭޙަތަކީ ހަޔާތުގެ ބައިވެރިއަކު އިޚްތިޔާރު ކުރާއިރު އިޚްތިޔާރު މިކުރެވެނީ ތިމާއަށް ކުލުނު ބަހައްޓާނެ މީހަކުކަން ބެލުމަށްވެސް އެމީހަކު އޭނާގެ މަންމަ އާއިމެދު ކަންކަން ކުރާ ގޮތް ބަލައިލުމެވެ.
ވިހެއުމާއި ގާތުން ކިރުދިނުމާއި ބަލައި ބޮޑުކުރުމުގެ ތަކްލީފްތައް އެއްފަރާތުގައި ބަހައްޓާށެވެ! ކިޔަވައިދޭން ކުރި ހޭދަތަކާއި އުފުލި ތަކްލީފްތައް އެއްފަރާތުގައި ބަހައްޓާށެވެ! ތިބާގެ ޒުވާން އުމުރުގައި ނޫނީ ކުޑައިރު ތިބޭއަށް ކުރެވޭ ކަމަކުން މީސްތަކުން ތިބާއަށް ރުޅި އައިސް އެއްޗެތި ގޮވާއިރު ތިބާގެ ދިފާއުގައި ނުކުމެ ކުރިމަތިލަނީ ކާކު ހެއްޔެވެ؟ ކުށެއް ކުރެވިގެން ޖަލަށް ލުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ތިބާގެ ޙާލު ބަލަނީ ކާކުހެއްޔެވެ؟ މިފަދަ ކޮންމެ ދަތި އުނދަގުލެއްގައި ތިބާއަށް އެންމެ ބޮޑަށް އެހީތެރިވަނީ މަންމަ ނޫން ހެއްޔެވެ؟
ތިބާ ގާތު އިސްލާމް ދީނަށް އަމަލުކުރަން ބުނާތީ ތިއަހުންނަނީ މަންމަ ދެކެ ރުޅި އައިސްފައެވެ. ނަމާދުކުރަން ބުނާތީ ތިއަ ހުންނަނީ ރުޅި ގަދަވެފައެވެ. މަންމަ ދެކެ ރުޅި އަންނައިރު ނިކަން ވިސްނައިލަބަލާށެވެ! ބައްޕައަށް ކަމޭ ހިތުމަށް، އަޅައިލުމަށް ޙަދީޘްފުޅު ކުރެއްވެވީ 3 ފަހަރު މަންމައަށް އެކަން ކުރުމަށް އެންގެވުމަށްފަހުގައި ނޫން ހެއްޔެވެ؟ ނަމަވެސް ތިބާގެ ބައްޕަ ރުޅި އަރުވައިފިނަމަ ﷲ ތަޢާލާ ތިބާއަށް ކޯފާވެ ވޮޑިގަންނަވައެވެ. ވީއިރު މަންމަގެ ހިތުގައި ޖައްސައި ރުޅި އެރުވީމާ ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން ކިތައް ދަރަޖަ މައްޗަށް އުފުލިގެންދާނެ ކަމަށް ވިސްނައި ބިރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟
ތިބާ މަރުވެއްޖެނަމަ ތިބާއަށްޓަކައި ހެޔޮ ދުޢާކުރުން މަންމަ ހުއްޓައެއް ނުލާނެއެވެ! ތިބާއަށްޓަކައި ޞަދަޤާތްކޮށް ތިބާ ނަރަކައިން ސަލާމަތް ކުރެވޭތޯ މަސައްކަތްކުރުން މަންމަ ހުއްޓައެއް ނުލާނެއެވެ! މިތަނުގައި ތިބި މައިން މަރުވެފައިވާ މީހުން ނިކަން ތެދުވެ މޫނުދައްކާލާފައި އެންމެ ފަހުން އެމީހުން މައިންނަށްޓަކައި ހެޔޮ ދުޢާކުރި ދުވަސް ނިކަން ބުނެބަލާށެވެ! އެމީހުންގެ މައިން ދުނިޔޭގައި ތިބި މީހުން ތެދުވެފައި ތިމާގެ މަންމަ ބައިންދާފައި އިންނާނީ އުފަލުގައި ކަމަށް ނިކަން ބުނެބަލާށެވެ! ސަތޭކައަކުން މީހަކަށް ވެސް ނުބުނެވޭނެއެވެ.
މީސްތަކުންނޭވެ! މިއަދު ތިބާ ބޮޑުވެ، އާމްދަނީ ލިބި ބާރުލިބުމުން ބޭނުން ގޮތަކަށް ކަންކަން ކުރެވިދާނެއެވެ. ބޭނުންހައި ގޮތަކަށް ދުނިޔޭގައި އުޅެވިދާނެއެވެ. ޖަވާބުދާރީވާން ޖެހޭނެ ދުވަސް އޮތީ ކުރިއަށެވެ. ވީމާ، މައިންނަށް ހެޔޮކޮށް ހިތާށެވެ! މައިންގެ ކިބައިން މާފަށް އެދޭށެވެ! މައިންނަށް ޚިދުމަތް ކުރުމަކީ އެންމެ ބޮޑު އުފާ ކަމުގައި ދެކޭށެވެ! އަދި އެއީ އެންމެ ފައިދާހުރި އަޅުކަމެއް ކަމުގައިވެސް ދެކޭށެވެ!
ތިބާއަށް ކާރެއް ލިބުނީ ވަޒީފާ ލިބުމުންނެވެ. ވަޒީފާ ލިބުނީ މަންމަ ކުރި ޚިދުމަތުންނެވެ. ކާރުލިބުމުން ކޮންމެ ދުވަހަކު އެކާރުގައި ލޯބިވެރިޔާ ގޮވައިގެން ދުއްވައި އެބަ އުފާކުރަމުއެވެ. ކާރު ގަނެ ބައުވެ ހަލާކުވެގެންދާއިރު އެކާރުލިބުމުގެ ސަބަބު ކަމުގައިވި މަންމަ ގޮވައިގެން، މަންމަގެ ހިތް ހަމަޖައްސައިލަދޭން ބުރެއް ޖަހައިލީ ކިތައް ދުވަހުހެއްޔެވެ؟ މީސްތަކުންނޭވެ! ހިތާމަކޮށް ރޯންވީ މަންމަ މަރުވުމުން ވަޅުލާފައި ޤަބުރުސްތާނަކު ނޫނެވެ! އެއިރު އެވަނީ ވަގުތު ފާއިތުވެފައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން