ޢިބްރަތްތެރި ވާހަކަ: ތަށީގެ އެއްފަޅިކާން ބޭނުންނުވިޔަސް އަނބިމީހާއަށް އަނިޔާވެރިވުމަކީ ނިކަމެތިކަމާ ބޮޑެތި ދެރަތައް ލިބޭކަމެއްކަން ތަޖުރިބާކުރަންޖެހުނު ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 4ސ
ޢިބްރަތްތެރި ވާހަކަ: ތަށީގެ އެއްފަޅިކާން ބޭނުންނުވިޔަސް އަނބިމީހާއަށް އަނިޔާވެރިވުމަކީ ނިކަމެތިކަމާ ބޮޑެތި ދެރަތައް ލިބޭކަމެއްކަން ތަޖުރިބާކުރަންޖެހުނު ފިރިއެއްގެ ވާހަކަ-

އަޅުގަނޑުގެ ފިރިމީހާގެ މާލީޙާލަތާ ޞިއްޙީ ޙާލަތު ހުރިގޮތުން އަޅުގަނޑާއި އަޅުގަނޑަށް ލިބިފައި ތިބި ދަރިންގެ ކަންކަން ނުބެލެހެއްޓޭއިރުވެސް ދެއަންތބަށް ކައިވެނިކުރަން ރުހެން ޖެހޭނެތޯ؟ އެކަމަށް ނުރުހިގެން އެކި ގޮތްގޮތަށް ވަރަށް ގިނަ އަނިޔާތައް އެބަކުރޭ!  

ކިޔުންތެރިޔާ ތިއަކުރެއްވި ސުވާލަކީ އެކި ޢިބާރާތްތަކުން ވަރަށް ގިނައިން ލިބޭ ސުވާލެކެވެ. ވިދާޅުވެފައި އޮތް މިންވަރު ކުޑަކަމުން ސީދާ ބަހެއް ބުނަން އުނދަގުލެވެ. އެހެންވެ މިގެނެސްދެނީ ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ. ލިޔުން ވިދާޅުވުމުގެ އިތުރުން ލަދުނުގަނެ ޙާލަތު އިތުބާރުކުރެވޭ ދީނީ ޢިލްމްވެރިއަކަށް ކިޔައިދީ ލަފާ ހޯދުންވެސް އެދެމެވެ.  

އަޅުގަނޑުމެންގެ ކައިވެންޏަށް 11 އަހަރެވެ. 8 އަހަރުން ދަށުގެ 3 ކުދިން އެބަ ތިއްބެވެ. ފިރިމީހާ ބޭނުންވަނީ ދެވަނަ އަންތބަކާއި ކައިވެނިކުރުމުގެ ހުއްދައެވެ. އެހުއްދަ އަޅުގަނޑަކަށް ދެވޭކަށް ނެތެވެ. ސަބަބު އޭނާއަށް ރަނގަޅަށް އެނގޭނެއެވެ. ދެވަނަ އަންބަކު ބޭނުންވަނީ ކީއްކުރަންތޯ ސުވާލުކުރީމާ ޖަވާބެއް ނުދެއެވެ.  

ކޮންމެއަކަސް އަޅުގަނޑު މިވަނީ ގެއަށް ފޮނުވާލައިފައެވެ. އަހަރުވީއެވެ. އަޅުގަނޑު ދެކެލަން ބޭނުންނުވާތަނުގައި ދަރިއަކު ދެކެލަންވެސް އޭނާ ބޭނުމެއް ނުވެއެވެ. އެއަންހެން މީހާއާއި ކައިވެންޏެއް ނުކުރެއެވެ. އުޅެނީ ގެއަށް ގެންގޮސްގެންނެވެ. އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި ވަރިވުން ހުއްދަވާނެތޯއެވެ؟ 

ތިއަ ޙާލަތުގައި ވަރިއަށް އެދުމަކީ ހުއްދަކަމެކެވެ. އެހެނަސް ވަރިއަށް އެދުމުގެ ކުރިން ދެން ހަމަ މިނޫން ގޮތެއް ނެތީތޯ ބަލައިލަން މަޝްވަރާކޮށްލުމަކީވެސް ރަނގަޅުކަމެކެވެ. އެއީ 3 ދަރިން ތިބުމުންނެވެ. ތިރީގައި އެވަނީ ރަނގަޅު ފިލާވަޅެއް ލިބުނު ފިރިއެއްގެ ވާހަކައެވެ.  

އޭނާއަކީ އަޅުގަނޑުގެ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ. ބެސްޓްފްރެންޑް ކަމަށްވެސް ބުނެވިދާނެއެވެ. އަދި އޭނާގެ ފިރިމީހާއަކީވެސް ހަމަ އެހައި ގާތް ރަޙްމަތްތެރިއެކެވެ.  

އޭނާ އޮތީ 5 ވަނަ ދަރިފުޅު ވިހައިގެން ގަދަނުވެ ތަންމަތީގައެވެ. އެޙާލަތުގައި އޮއްވާ ފިރިމީހާ ބޭނުންވީ އިތުރު އަންހެނަކާއި ކައިވެނިކުރުމަށެވެ. އަނބިމީހާ އެކަމަށް އެއްބަސްނުވެ ބުނީ ވަރިކޮށްދީފައި ކައިވެނިކުރުމަށެވެ. ހިނގި ދެބަސްވުމުގައި އަނބިމީހާގެ ބަނޑަށް ކުރި އަނިޔާގެ ސަބަބުން ވަގުތުން ލޭފައިބަން ފެށިއެވެ.  

ރާއްޖެއިން ރަނގަޅު ނުވެގެން ޖެހުނީ ސިންގަޕޫރަށް ގެންދާށެވެ. ޝިފާ ލިބުނީ ސިންގަޕޫރުގައި މަހެއްހައި ދުވަހު ތިބެގެން ފަރުވާކުރި ފަހުންނެވެ.  

ފިރިމީހާއަކީ އެހައިތަނަށް ވަރަށް ކާމިޔާބު ވިޔަފާރިވެރިއެކެވެ. ނަމަވެސް އެހިސާބުން މަސައްކަތުގެ ބަރަކާތް ކެނޑި ގެއްލުންވާން ފެށިއެވެ. ހައަކަ މަސްދުވަސްވީއިރު ލިބުނު ގެއްލުން ބޮޑުކަމުން ދަރަނިވެރިވެ ބޭންކް ލޯންތައްވެސް ނުދެއްކޭ ހިސާބަށް ދިއަކަމަށް ފިރިމީހާ އަޅުގަނޑު ގާތު ބުންޏެވެ. 

އެހިސާބަށް ކަންކަން ދިއުމުން އޭނާގެ ގާތް އެކުވެރިއެއްގެ ބަހަށް އެއިރު ވާހަކަ ދެއްކުންވެސް ހުއްޓާލައިގެންހުރި އަނބިމީހާގެ ކިބައިން މާފަށް އެދުނެވެ. އަދި އޭނާއަށް ހެޔޮކޮށް ހިތަން ފެށިއެވެ. މިވެނިކަމެއް މިހެންވީ މިވެނިކަމެއް ވެގެންކަމަށް ބުނުމަކީ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެނގޭ ކަމަކީ އަނބިމީހާގެ ކިބައިން މާފަށް އެދި ހެޔޮކޮށް ހިތަން ފެށިފަހުން ޙާލަތު ބަދަލުވާން ފެށިކަމެވެ. ކުރިން ލިބެމުން އައި ނަފާ ލިބެންފަށައި ދަތިތައް ފިލިކަމެވެ.  

މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާ މިކުރީ ބޭރު ޤައުމެއްގެ ފިރިއަކު ކުރި އެފަދަ ޢަމަލަކުން އޭނާއަށް ޖެހުނު މުޞީބާތުގެ ވާހަކަ ކިޔާފައި ހަމަ ކެތް ނުކުރެވިގެންނެވެ. ދަންނަވާލަން ބޭނުންވަނީ ދެއަންތބަށް ކައިވެނިކުރަން އަނބިމީހާ ހުއްދަ ނުދިންނަމަވެސް އަދި އެހެން މައްސަލައެއް މެދުވެރިވިނަމަވެސް ދެމަފިރިންކުރެ އެކަކުވެސް އަނެކާއަށް ޖިސްމާނީ އަނިޔާ ކުރުމަކީ ހިތުގައި ޖެހޭ ފަދަ ކަންކަން ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށެވެ. އަނބިމީހާ ނުޤަބޫލުވެއްޖެނަމަ އޭނާ ދޫކޮށްލާފައި ލޯބިވާ މީހާ އާއި ކައިވެނިކުރުމުގެ ޙައްޤު ފިރިމީހާއަށް އޮތްއިރު ގަދަކަމުން ރުހުން ހޯދަން އަނިޔާވެރިވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. ގަދަކަމުން ރުހުން ހޯދައިގެން ކުރާ ކަމަކުން ލިބޭނެ ހިތްހަމަޖެހުމެއްވެސް ނުއޮންނާނެތީއެވެ!

 

- ޒުލްފާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން