ބޮޑަށް ކާމިޔާބުވަނީ ލޯބިވާ މީހާއާ ކައިވެނިކުރެވުމުންތަ؟
މިސުވާލަށް އަހުރެން ދޭނެ ޖަވާބަކީ ނޫނެކެވެ! ތިމާ މީހަކު ދެކެ ކިތަންމެ ބޮޑަށް ލޯބިވިޔަސް އެމީހާ ތިބާދެކެ ލޯބިނުވާނަމަ ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ އެއިގެ ބަދަލުގައި ތިމާއަށް އަނެކާ ދެކެ ލޯބި ނުވެވުނަސް އަނެކާ ތިމާ ދެކެ ލޯބިވާ މީހަކާއި ކައިވެނިކޮށްފިނަމަ އޭނާ ތިބާ ގެންގުޅޭނީ އުފަލުގައެވެ. އެކަމުން ތިބާއަށް ލިބޭ އުފާވެރިކަން މާބޮޑުވާނެއެވެ! އިން ޝާ ﷲ
ތިމާ މީހަކުދެކެ ލޯބިވުމަކީ އަނެކާ ތިމާދެކެ ލޯބިވާނެކަމަށް ޔަޤީންކުރެވޭނެ ސަބަބެއް ނޫނެވެ. ގިނަބައަކަށް ވިސްނެނީ ތިމާ އަނެކާދެކެ ލޯބިވާނަމަ އަނެކާވެސް ތިމާދެކެ ލޯބިވާނެ ކަމަށެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
އިތުރަށް ވިސްނައިލާށެވެ! ކައިވެނިތައް އެހައި ފަސޭހައިން ރޫޅިގެންދާ އެއް ސަބަބަކީ ލޯބިވުމާއި ކައިވެންޏާއި ގުޅުވައިގެން ކައިވެނިކުރެވޭތީއެވެ. ޙަޤީޤަތަކީ ލޯބިވުމާއި ކައިވެނިކުރުމާއި މިއީ ތަފާތު ދެކަމެއް ކަމެވެ. ހަމައެފަދައިން އަނެކާ ތިމާގެ ޙަޔާތް އުފާވެރިކޮށްދޭނެ ކަމުގައި ދެކެގެން ކައިވެނިކުރުމަކީވެސް މައްސަލައެކެވެ.
ކިތަންމެ ބޮޑަށް ލޯބިވާ މީހަކާއި ކައިވެނިކުރިނަމަވެސް ކައިވެންޏާއި ލޯތްބާއި ނުގުޅުވާށެވެ. ކައިވެނިކުރަންވާނީވެސް އޭނާ ތިމާގެ ހަޔާތް އުފާވެރިކޮށްދޭނެ ކަމަށް ބަލައިގެނެއް ނޫނެވެ. ތިމާ އޭނާގެ ހަޔާތް އުފާވެރިކޮށްދޭނެ ކަމަށް ބަލައިގެންނެވެ.
މިހެން ބުނަން ޖެހޭ ސަބަބަކީ މިނޫން ވިސްނުމެއްގައި ކައިވެނިކޮށްފިނަމަ ކިތަންމެ ކުޑަކުޑަ މައްސަލައެއް ޖެހުނު ނަމަވެސް އެއީ ވަރަށް ބޮޑު ކަމެއް ކަމުގައި ދެކެވި ބޮޑެތި މައްސަލތައް އުފެދޭތީއެވެ.
ދެން މިބުނަނީ މިދެއްކި ވާހަކައިގެ ޚުލާޞާއެވެ. ދެމީހަކު ލޯބި ނުވިނަމަވެސް ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ނިޔަތުގައި ކައިވެނިކޮށް، ބައިވެރިޔާ އާއިމެދު ވީހާ ރަނގަޅަކަށް ކަންކަން ކޮށްދޭނަމަ އެކަންކަމުގެ ސަބަބުން ލޯބި އުފެދޭނެއެވެ. އަދި އެގޮތުން އުފެދޭ ލޯބި ފިލައިގެން ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.
މައްސަލައަކަށް މިވަނީ ކައިވެނިކުރަނީ އަނެކާ ތިމާއަށް ވީހާ ރަނގަޅަކަށް ކަންކަން ކުރާނެ ކަމަށް ބަލައި އެވިސްނުމުގައި ކަމަށްވާތީއެވެ. އެކަން ކާމިޔާބުކުރެވޭނެ ގޮތަކީ ތިމާ އަނެކާއަށް ވީހާ ރަނގަޅަކަށް ކަންކަން ކުރުމެވެ. އެއިރުން އަނެކާވެސް މަސައްކަތްކުރާނީ ތިބާއަށް ވީހާ ރަނގަޅަކަށް ކަންކަން ކުރުމަށެވެ. އެގޮތަށް ދެމީހުންވެސް ކަންކަން ކުރާނަމަ ދެމީހުންގެ މެދުގައި މައްސަލަތައް ޖެހުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. ކުރަންޖެހޭ ޝަކުވާތައްވެސް މަދުވެގެންދާނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން