ބައެއް ޢިލްމްވެރިން ވިދާޅުވަނީ މާދަމާ ކިޔާ ދުވަހަކާއި ބައްދަލުނުވެދާނެ ކަމަށެވެ. އެއީ މާދަމާ ހެޔޮ ޢަމަލުތައް ގިނައިން ކުރަން ވިސްނައިގެން ތިބޭ ގިނަ މީހުންނަށް އެމާދަމާ އާއި ބައްދަލުވުން ދަންމައިލެވޭތީއެވެ. އެމާދަމާ އާއި ބައްދަލުނުވެ ހުރެ ޢުމުރުން ބޮޑުބައެއް ނުވަތަ ޢުމުރު އެކުގައިވެސް ގެއްލިގެންދާތީއެވެ.
"މާދަމާއާއިމެދު ނުވިސްނާށެވެ! މިއަދަށް ވިސްނާށެވެ!" ބުނެވޭ ބަސް އޮޅުވައިނުލާށެވެ! ބުނެވޭ ބަހުގެ މާނައަށް ފުންކޮށް ވިސްނައިލާށެވެ. އަދި އެހެން ބުނަން ޖެހޭ ސަބަބުތަކަށްވެސް ވިސްނައިލާށެވެ!
ފުރަތަމަ ކަމަކީ މާދަމާ އާއިމެދު ނުވިސްނައި ހަމައެކަނި މިއަދަށް ވިސްނާ މީހަކަށް އާޚިރަތް ޙާޞިލް ނުކުރެވޭނެކަމެވެ! އެހެންކަމުން މުހިންމީ މާދަމާއިމެދު ވިސްނުމެވެ. އެހެންކަމާއިއެކުގައިވެސް ބަހުގައި ބުނަނީ މާދަމާ އާއިމެދު ނުވިސްނުމަށެވެ.
އެބަހުގެ މާނައަކީ މާދަމާ ކަންކަން މެދުވެރިވެދާނެ ގޮތަކާއިމެދު ނުވިސްނުމެވެ. އެކަން ﷲ ތަޢާލާއަށް ވަކީލްކުރުމެވެ. އަދި މިއަދަށް ވިސްނައި ވީހައި ގިނައަޅުކަންކުރަން މަސައްކަތްކުރުމެވެ. މާދަމާ އަކީ ބައްދަލުވެދާނެ ދުވަހެއް ކަމަށް ނުބަލައި މިއަދު ތައުބާވެގެން ހުރުމެވެ.
އެންމެ ބޮޑު ހިތާމައަކީ މާދަމާއަށް ބިރުވެތިނުވެވޭކަމެވެ. މިއަދު ހެޔޮ ޢަމަލު ނުކުރެވޭކަމެވެ. މިއަދު ތިމާކުރަން ބޭނުންވާ ކަމަކީ ބޮޑު ފާފައެއް ނަމަވެސް ކުރަން ބިރުނުގަނެވޭކަމެވެ. ޖެހިލުމެއް ނެތި ފާފަތައް ކުރަމުން ގެންދެވޭކަމެވެ.
އަހުރެން ބުނާނީ ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވެން އޮތީ މިކަންކަމަށް ވަރަށް ފުންކޮށް ވިސްނައިގެން ކަމަށެވެ. ކޮންމެ މީހަކުވެސް ވަހަކު ތިމާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކޮށްގެންނެވެ. ވީހާގިނައިން އަޅުކަންކޮށްގެންނެވެ. މާދަމާ ވުމުގެ ކުރިން މިއަދުވެސް ތިމާ މަރުވެދާނެކަމަށް ބިރުވެތިވެވިގެންނެވެ. މާދަމާ އާއިމެދު ނުވިސްނައި މިއަދާއިމެދު ވިސްނަންވީ އެހެންވެގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން