ޙަޤީޤީ ލޯތްބަކީ ކޮބައިކަމާއިމެދު ޚިޔާލުތަފާތުވާބައަކު އުޅެއެވެ. އެއްބައަކު މާނަކުރަނީ ޙަޤީޤީ ލޯބުވުމަކީ ގައިގޯޅިވެ ބައްދައި އޮޅުލުން ކަމަށެވެ. ނައިވެރިޔާގެ ކިބައިން އެކަންކަން ނުލިބޭނަމަ އެއީ ޙަޤީޤީ ލޯބި ނުވަނީ ކަމަށެވެ.
އެކަމަކު އަނެއް ބައަކު ދެކޭ ގޮތުގައި ޙަޤީޤީ ލޯބިވުމަކީ ދިރިއުލުމުގައި ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް، ކިތަންމެ ބޮޑުި ތަކްލީފެއް އުފުލަން ޖެހުނަސް، މާޔޫސްވާން ޖެހޭ ފަދަ ކަމެއް ކުރިމަތިވިނަމަވެސް ދެމީހުން ވަކިނުވެ އެކުގައި ދިރިއުޅެން މަސައްކަތްކުރުން ކަމަށެވެ.
މިގޮތަށް ބުނާ މީހުން ދެކޭ ގޮތުގައި ކުރިމަތިވާ ކޮންމެ މައްސަލައަކީވެސް ވަޤުތީ ކަމެކެވެ. އެމައްސަލައެއް ޙައްލުކުރެވޭނެއެވެ. ޙައްލުކުރެވުމުން އުފާވެރިކަން ލިބޭނެއެވެ.
ޙަޤީޤީ ލޯބިވުން މިފަދަ އެތައް ގޮތަކަށް މާނަކުރެއެވެ. އެހެންކަމާއިއެކުވެސް އެންމެންވެސް އެއްބަސްވާ އެއްކަމެއް އެބައޮތެވެ. އެއީ ޙަޤީޤީ ލޯބިވާނަމަ ބައިވެރިޔާއަށް ބޭވަފާތެރިނުވާނެ ކަމެވެ.
މިހެން ބުނާ ގިނަ މީހުން ބުނަނީ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމުގެ ތެރެއިން ކެތްތެރިވާން އެންމެ އުނދަގޫވާނެ ކަމަކީ ބޭވަފާތެރިވުން ކަމަށެވެ. ބޭވަފާތެރިވުމުން ބައިވެރިޔާ ކަންކަން ކުރާނީ ކޮން ގޮތަކަށް ނުވެސް އެނގޭނެއިރު ބައިވެރިޔާ ތިމާއާއި ވަކިވެދާނެކަން އެނގޭނެ ކަމަށެވެ. އެކަން އެނގިހުރެ ބޭވަފާތެރިވާނީ ބައިވެރިޔާ ވަކިވިޔަސް އެންމެ ރަނގަޅުކަމަށެވެ. އަދި އެއިގެ މާނައަކީ ބައިވެރިޔާ މުހިންމު ނޫން ކަމާއި ވަކިވިޔަސް ކަންބޮޑުނުވާކަމެވެ.
މިބަހުސްގައި އަހުރެންވެސް ބުރަވާނީ ބައިވެރިޔާ ދެކެ ޙަޤީޤީ ލޯބިވާ މީހަކު ބޭވަފާތެރިނުވާނެ ކަމަށެވެ. ބައިވެރިޔާއާއިއެކު ދިރިއުޅެން ބޭނުންވާ މީހަކު ބޭވަފާތެރި ނުވާނެތީއެވެ.
ދެން ބަލައިލަންވީ ބޭވަފާތެރިވުން އަހުރެން މިކުރާ މާނައަށެވެ. މިޒަމާނުގައި ދެމީހަކު ކޮފީއަކުން ބައްދަލުކޮށްލުން އެއީ ކުޑަކުޑަ ކަމެކެވެ. އެއީ ދެމީހަކު ކޮންމެހެން ލޯބިވެގެން ކުރާކަމަކަށްވުރެ މާއާދައިގެ ކަމަކަށް މިހާރު މިއޮތީވެފައެވެ.
އަހުރެން ބޭވަފާތެރިވުން ބޭވަފާތެރިވުން މާނަމިކުރަނީ އެހެން މީހަކު ދެކެ ލޯބިވުމާއި އެހެން މީހަކާއިއެކު ގުޅުން ހިންގުމަށެވެ. މިކަމުގައި އަހުރެންނަކީ ވަރަށް ހަރުކަށި ފިކުރު ގެންގުޅޭ މީހެކެވެ. އެހެންވެ އެފަދަ ތުހުމަތެއް ކުރެވޭ ދެމީހަކު ބީހިލުންވެސް އަހުރެން ނަގާނީ ވަރަށް ބޮޑުކޮށެވެ. ސަބަބަކީ ޢާންމުންނަށް ފެންނަ ގޮތަށް ޖެހިލުމެއް ނެތި ބީހިލެވޭނަމަ ފަރުދާގެ ފުރަގަސް ވަރަށް ހަޑިވާނެތީއެވެ. ގާތްވާނީ ދެމީހުން ނުކުރާ ކަމެއް ނެތުމާއިއެވެ.
ކޮންމެއަކަސް މިއީ އަހުރެންގެ ވިސްނުމެވެ. އަހުރެންގެ ހަޔާތުގައި ދިމާވި ކަންކަމުން ދަސްވި ގޮތެވެ.
- ނައީޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް