ގިނަބައަކު ދެކެ ލޯބިވާ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ގިނަބައަކު ދެކެ ލޯބިވާ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލަ-

ލޯބީގެ ޢާންމު މާނައަށް ބަލައިފިނަމަ އެންމެން ދެކެވެސް ލޯބިވާންޖެހޭނެއެވެ. ނަމަވެސް ތިމާއާއިއެކު ދިރިއުޅޭނެ ބައިވެރިއަކުދެކެ ވާންޖެހޭ ލޯތްބަށް ބަލައިފިނަމަ އެއީ ބައިބައިކޮށް އަދި ފޮތިފޮތިކުރެވެން އޮތްކަމެއް ނޫނެވެ. އެލޯބި ކާމިޔާބުކުރެވޭނީ އެކަކުދެކެ ލޯބިވެވިގެންނެވެ. އެކަކަށް ހިތްދީގެންނެވެ. 

އެކުގައި ދިރިއުޅޭނެ އެއް ބައިވެރިއަކު ޚިޔާރުކުރަން އުނދަގޫވެގެން ގިނަ ބައަކު އައިސް ސުވާލުކުރެއެވެ. މިފަދަ މީހުންގެ މާޒީ އަޑުއެހުމުން އެނގެނީ އެމީހުންނަކީ ލޯބިވެރިންގެ ގޮތުގައިވެސް އަދި އެހެން ގޮތްގޮތުންވެސް އެކަކަށްވުރެ ގިނަ މީހުންނާ ގުޅުން ބާއްވާ މީހުން ކަމެވެ. 

އެކަން އެނގުމުން އަހުރެން ސުވާލެއް ކުރަމެވެ. "ތިބާގެ ގޭގައި ދުއްވާނެ ބައިވަރު ކާރުތައް އެބައޮވެއެވެ. އަދި އެއީ ދާދި އެއްފެންވަރެއްގެ ކާރުތަކެއް ކަމުގައިވާނަމަ ވަކިކާރެއް މުހިންމުކުރުމުގެ ނުވަތަ ޚާއްޞަ ކުރުމުގެ ބޭނުމެއް އޮންނާނެހެއްޔެވެ؟" 

ޖަވާބުގައި ނޫން ކަމަށް ބުނުމުން އަހުރެން ބުނަމެވެ. "ތިއައުޅޭ އާވާރާ ދިރިއުޅުމުގައި ތިއަ ކުރިމަތިވަނީ ހަމަ އެފަދަ ގޮތެކެވެ. ލޯބިވެގެންވެސް އަދި އެނޫން ކަމަކަށްވެސް އެކަކަށްވުރެ ގިނަ މީހުންނާއި ގުޅުން ބާއްވާ މީހަކަށް އެއްވެސް މީހަކު މުހިންމެއް ނުވާނެއެވެ. އެތަނުން ވަކިމީހަކަށް ސަމާލުކަމެއް ނުދެވޭނެއެވެ. އެކަކު ހިތްހަމަނުޖެހިދާނެތީވެސް ކަންބޮޑެއް ނުވާނެއެވެ. އަދި އެތަނުން ވަކިމީހަކު ދެކެ ޙަޤީޤީ ލޯތްބެއްވެސް ނުވެވޭނެއެވެ." 

އެކުވެރިންނޭވެ! މިފެންނަނީ ދުނިޔެއަށް ފެތުރިފައި މިވާ "ޑޭޓިންގ"ގެ ވަބާއެވެ. ރީތި ނަންތައް ކިޔައިގެން އިންސާނުންގެ ހަށިތައް ނެރެ ނީލަންކިޔަނީއެވެ. އެމީހުން ބައްދަލުކުރަނީ ހަށިވިއްކާ ނާސިގެ ތަކަކު ނޫނެވެ. ބައްދަލުކުރަނީ ޑޭޓްކުރަން ހޮޓާތަކުގައެވެ. ކޮޓަރިތަކުގައެވެ. އެކަމަކު ކުރަނީ ޒިނޭ ނޫންހެއްޔެވެ؟ ކިޔާ ނަން ފިޔަވައި ތަފާތަކީ ކޮބައިހެއްޔެވެ؟ 

މިކުރުވާ ކަމަކީ ކައިވެނިކުރަން ބޭނުންނުވެ ޒިނޭކުރަން ހުންނަން މަގުފަހިކުރުވަނީއެވެ. ކައިވެނިކުރިނަމަވެސް ބައިވެރިޔާއަކީ އެއްވެސް ޚާއްޞަ މީހަކަށް ނުވާނެ ގޮތަށް މީސްތަކުންގެ ދިރިއުޅުން ބައްޓަންކުރުވަނީއެވެ. ދުނިޔޭގެ ބިމަކީ ބޮޑު އަލިފާންގަނޑަކަށް ބަދަލުކުރުވަނީއެވެ.

އެކުވެރިންނޭވެ! އަހުރެމެންނަކީ މުސްލިމުންނެވެ. ހޭލުންތެރިވާށެވެ! ތިމާގެ ނަފްސް އަލިފާނުން ސަލާމަތްކުރުމުގެ މިލިބެނީ ދުނިޔޭގައެވެ. މަރުވުމުން އެފުރުޞަތު ގެއްލުނީއެވެ. އެކަމަށް ވިސްނައިގެން ދިރިއުޅެން މަސައްކަތްކުރާށެވެ. 

މިލިޔުމަކީ އަޅުގަނޑަށް ފެނުނު ވީޑިއޯއެއް އަޞްލަކަށް ބަލައިގެން ލިޔުނު ލިޔުމެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން