އަތުން ދޫކޮށްނުލައި އެކުގަ ސުވަރުގެދާން މަސައްކަތްކުރާ ދެމަފިރިއަކަށްވުރެ އުފަލުގަ އުޅެވޭނެ ދެމަފިރިއަކު ނުތިބޭނެ! ކިތަންމެ ބޮޑު ޤުރްބާނެއްވެގެންވެސް ހޯދަންވީ އެފަދަ ބައިވެރިއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަތުން ދޫކޮށްނުލައި އެކުގަ ސުވަރުގެދާން މަސައްކަތްކުރާ ދެމަފިރިއަކަށްވުރެ އުފަލުގަ އުޅެވޭނެ ދެމަފިރިއަކު ނުތިބޭނެ! ކިތަންމެ ބޮޑު ޤުރްބާނެއްވެގެންވެސް ހޯދަންވީ އެފަދަ ބައިވެރިއެއް!

ﷲ ތަޢާލާގެ މަގުގައި ދުނިޔޭގައި އުޅެން މަސައްކަތްކުރާ ގިނަބައަކަށް މާލީ ދަތިތައް ކުރިމަތިވާނެއެވެ. އެއީ ޙައްޤު ނޫން ގޮތުގައި އާމްދަނީ ހޯދަން ބިރުވެތިވާތީއެވެ. ކިތަންމެ ދަތިވިނަމަވެސް ޙަލާލް ނޫން ގޮތުގައި އެންމެ ކުޑަމިނުން ބޯފެންފޮދުވެސް ބޭނުން ނުކުރާށެވެ!  

މިގޮތުގައި ސާބިތުވުމަށް ދެމަފިރިންވެސް ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު 2 ކަމެއް ފާހަގަކޮށްލާނަމެވެ.  

1 ފިރިމީހާ: 

ފިރިމީހާ ސަމާލުކަން ދޭންވީ ﷲ ތަޢާލާ ދެއްވަވާ މިންވަރު ހެޔޮ ގޮތުގައި ބޭނުންހިފުމަށެވެ. އަނބިދަރިންނަށާއި ޢާއިލާއަށް ފައިދާހުރި ގޮތުގައި ޚަރަދުކުރުމަށެވެ. ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމަކަށް ޚަރަދު ނުކުރުމަށެވެ.  

2 އަނބިމީހާ:  

އަނބިމީހާ ސަމާލުކަންދޭންވީ ފިރިމީހާއަށް ލިބޭ މިންވަރަށް ޝުކުރުވެރިވުމަށެވެ. ބޭނުންތައް ނުފުދިގެން ޝަކުވާ ނުކުރުމަށެވެ. އެފަދަ ޝަކުވާތައް ކުރުމަކީ ފިރިމީހާއަށް ޕްރެޝަރު ބޮޑުވުމުން ޙަލާލް ނޫން ގޮތުގައި އާމްދަނީ ހޯދައިފާނެ ކަމެކެވެ. އެއިރުން އެދެވެނީ ނަރަކަ އާއި ދިމާއަށެވެ!  

"ހަމަކަށަވަރުން، ސުވަރުގޭގެ އަހުލުވެރިން މިއަދުވަނީ، އުފާ ފާގަތިކަންމަތީ މަޝްޣޫލު ވެގެންނެވެ. އެއުރެންނާއި އެއުރެންގެ އަނބިންވަނީ، ހިޔަލުގައި ދާންތަކުގެމަތީ ލެނގިލައިގެންނެވެ.... އެއުރެންނަށް އެތާނގައި މޭވާތައްވެއެވެ. އަދި އެއުރެން އެދޭ (ހުރިހާ) ކަމެއް އެއުރެންނަށް (އެތާނގައި) ވެއެވެ". سورة يس 55-57) 

ދެމަފިރިން އެކީ އަތުގުޅައިލައިގެން ސުވަރުގެއަށް ދިއުމަށް އެކަކު އަނެކަކަށް ވާގިވެރިވަމާހުއްޔެވެ؟ އެކަން ނުކުރެވޭނަމަ ޒަވާޖީ ޙަޔާތް އެވަނީ ފޭލްވެފައެވެ. ދުނިޔެއަކީ ވަޤުތީ މަންޒިލެކެވެ. ދާއިމީ ތަނަކީ ސުވަރުގެއެވެ. ނިމުމެއް ނެތް ޙަޔާތްވަނީ ސުވަރުގޭގައެވެ. ވީމާ ލޯބިވާނަމަ މަސައްކަތްކުރަންވީ އެކުގަ ސުވަރުގެ ދާން ނޫންހެއްޔެވެ؟  

ޔަޤީންކަމާއިއެކު ބުނަމެވެ! އަނެކާގެ އަތުން ދޫކޮށްނުލައި އެކުގައި ސުވަރުގެދާން މަސައްކަތްކުރާ ދެމަފިރިއަކަށްވުރެ އުފަލުގަ އުޅެވޭނެ ދެމަފިރިއަކު ނުތިބޭނެއެވެ! ކިތަންމެ ބޮޑު ޤުރްބާނީއެއް ވެގެންވެސް ހޯދަންވީ އެފަދަ ބައިވެރިއެކެވެ! ތަނަވަސްކަމާ އުފާވެރިކަން ލިބި އަދި ސުވަރުގެ ލިބުމަށް ބޮޑުތަނުން މަގުފަހިވެގެންދާނީވެސް އެފަދަ ބައިވެރިއަކު ލިބުމުންނެވެ. އިން ޝާ ﷲ

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން