"އަހުރެންގެ ބައިވެރިޔާ މިހާރު ކުރިއާ ވަރަށް ތަފާތު! ވަރަށް ފަރުވާކުޑަކުރޭ އެބަ! ހީވަނީ ވަކިވާން އުޅޭހެން!" މިފަދަ ޚިޔާލުތައް ކުރެވޭނަމަ އޮތީ އެވާހަކަ ހިނގުމެއް ނޫނެވެ. އެކަންކަން އެގޮތަށް މެދުވެރިވުމުގައި ތިމާގެ އިހްމާލެއް އޮތްކަމާއިމެދު ވިސްނައިލުމެވެ.
ކައިވެންޏަށްފަހު ޒަވާޖީ ޙަޔާތުގެ ބައިވެރިޔާގެ އުޅުމަށް ބަދަލުތައް އަންނާތީ ކަންބޮޑުވާ މީހުންނާއި ކޮށްލަންޖެހޭ ސުވާލެއް އެބައޮތެވެ. އެސުވާލަކީ ބައިވެރިޔާއަށް އެ ބަދަލުތައް އަންނަން ފެށީ ހަމަ ހުރެފައި ހެއްޔެވެ؟ ނުވަތަ ތިބާގެ ކިބައިން މައްސަލަތަކެއް ކުރިމަތިވާން ފެށުމުން ހެއްޔެވެ؟
އަހުރެން މިބަސް މިބުނަނީ އަނބިންނަށް އަދި ފިރިންނަކަށްވެސް ނޫނެވެ. ދެބައި މީހުންނަށެވެ. އަނބިންނަށާއި ފިރިންނަށެވެ.
އަނެކާއަށް އަނިޔާވެރިވެ ހިތުގައި ޖައްސުވަމުން ގެންދާނަމަ އެކަންކަމަށް ކެތްތެރި ނުވެވިގެން ނުކުންނާނެ މައްސަލަތައް ނުކުންނަން ފަށާނެއެވެ. ކޮންމެ އިންސާނަކަށް ހިތާމައާއި ހިތްދަތިކަމުގައި ކެތްތެރިވެވޭނީ ވަކި މިންވަރަކަށެވެ. އެހިސާބަށް ކަންކަން ދިއުމުން ކެތްތެރިވާން މަސައްކަތްކުރިނަމަވެސް ކެތްތެރިކަން ކޮޅުންލާނެއެވެ. ނުކުރަން ހުންނަ ކަންކަން ކުރެވޭނެއެވެ. ނުބުނަން ހުންނަ ބަސްތައް ބުނެވޭނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ.
ވީމާ ބައިވެރިޔާއަށް އެއްވެސް ބަދަލެއް ނައިސް އެންމެ ކުރިއާއި އެއްގޮތަކަށް ކަންކަން ދަމަހައްޓަން ބޭނުންވާނަމަ ފުރަތަމަ ދުވަހުން ފެށިގެން އެކަމަށް ސަމާލުކަންދޭށެވެ. އަނެކާގެ ހިތުގައި ޖެހޭނެ ފަދަ ކަންކަން ނުކުރާށެވެ.
ކުރިންވެސް މިބުނި ފަދައިން އަނެކާގެ ކެތްތެރިކަން ކޮޅުންލައިގެން ދިއުމުން އެކަމާ ޝަކުވާކުރަމުން ހިނގުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެހިސާބުންވެސް ކުށް ޤަބޫލުކުރާށެވެ. މާފަށް އެދޭށެވެ. އަނެކާއަށް ރަޙުމްކުރާށެވެ. ލޯބިދީގެން އޭނާގެ ހިތުގައި ރަނގަޅު މަޤާމެއް އުފައްދަން މަސައްކަތްކުރާށެވެ.
ޢާންމު ބަހުރުވައިންނަމަ ބައިވެރިޔާއަށް ބަދަލުތަކެއް އަންނަން ފެށުމަކީ ރަތްކާޑު ދައްކަން ތައްޔާރުވާކަމުގެ ސިގްނަލެކެވެ. ފަހަރެއްގައި ވަކިނުވެ މަޑުކުރިޔަސް އަނެކާދެެކ ފޫހިވާން ފަށައިފިކަމުގެ ހެއްކެކެވެ. އަނެކާއާއިމެދު ކަންބޮޑުވާ ކަންކަން ހުރިކަމުގެ ޢަލާމާތެކެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ކުރިން މިބުނި މަގުން ވިސްނާލައި ދެމީހުން މަޝްވަރާކޮށްގެން ކަންކަން ޙައްލުކުރަން މަސައްކަތްކުރާށެވެ! އެކަން ޙައްލުކުރެވޭނީ އެއިރުންނެވެ. އެވާހަކަ ހިފައިގެން ހިނގުމަކުން ކުރާނެ ފައިދާއެއް ނެތެވެ.
މިއީ މިކަމުގައި ތަޖުރިބާކާރު ޢިލްމުވެރިން ދެއްވާ ލަފައެވެ.
- އަލަފް / މިއަދުނޫހަށް