ހުކުރު ދުވަހު ގޭގެ އެންމެން އެކުގަ ތިބެގެން މީރު ކެއުމެއް ކެއުމަށްވުރެ މުހިންމީ އެންމެންގެ ލޭގެ ޕްރެޝަރު ބަލައިލުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 48ސ
ހުކުރު ދުވަހު ގޭގެ އެންމެން އެކުގަ ތިބެގެން މީރު ކެއުމެއް ކެއުމަށްވުރެ މުހިންމީ އެންމެންގެ ލޭގެ ޕްރެޝަރު ބަލައިލުން!

ލޭމައްޗަށް ދިއުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ކުރިމަތިވެފައި ނެތް މީހަކު މިހާރުނެތްކަމަށް އެބުނަނީ އެންމެންނަށް ބަލިބޮޑުވެ ބޭސްކާންޖެހޭތީއެއް ނޫނެވެ. އާބާދީގެ ގިނަބައަކަށް އެކަމުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާތީއެވެ.  

ކުރިން ބެލެވެނީ އެއީ ޢުމުރުން ދުވަސްވުމުން ކުރިމަތިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް މިހާރުގެ ޙާލަތުގައި އެގޮތަށްވެސް އެކަން ނިންމޭކަށް ނެތެވެ. ޒުވާނުންނަށްވެސް މައްސަލަތައް ކުރިމަތިވާތީއެވެ.  

އެންމެ ދެރަކޮށް ކުރިމަތިވާ އެއްކަމަކީ ލޭމައްޗަށް ދިއުމުގެ މައްސަލަ ހުރިކަން ނުއެނގި ގިނަދުވަސްތަކެއް ފާއިތުވެގެންދާކަމެވެ. އެޙާލަތުގައި ކަސްރަތާއި ކެއިންބުއިމަށް ބަދަލުގެނަޔަސް ފުދޭކަމަކަށް ނުވެއެވެ. ޑޮކްޓަރުން ބުނާ ގޮތަކަށް ބޭސްކާންވެސް އެބަޖެހެއެވެ. ނަމަވެސް ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ ބޭހާއިނުލައި ޝިފާލިބުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.  

މިހާރު މިމައްސަލަ ބޮޑުވެ ފެތުރެމުންމިދާ މިންވަރަށް ބަލައިފިނަމަ ކޮންމެ ގެއަކު ޕްރެޗަރުބަލާ އެއްޗެއް ގެންގުޅެން އެބަޖެހެއެވެ. ހަފްތާއަކު ގޭގެ އެންމެންގެ ޕްރެޝަރު ބަލަން އެބަޖެހެއެވެ. މަދުވެގެން މަހަކު އެއްފަހަރު ބަލަން އެބަޖެހެއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން މިކަންކަން އިތުރަށް ޔަޤީންކުރެއްވޭނެއެވެ.  

ލޭމައްޗައް ދިއުމާއި ބެހޭގޮތުން ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުން ބައެއް ކަންކަން:  

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ރިޕޯޓެއް ނެރެފައެވެ. މި ރިޕޯޓުގައި ލޭމައްޗައް ދިއުމާއި ދެކޮޅަށް ރޭސް ކާމިޔާބު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ލަފާ ދެއްވާފައިވެއެވެ.  

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓްގައި ބުނާ ގޮތުގައި ލޭ މައްޗައް ދިއުމުގެ ބަލީގެ އަސަރު މުޅި ދުނިޔޭގެ އާބާދީގެ ބޮޑެތި މީހުންގެ ތެރެއިން ކޮންމެ 3 މީހަކުން އެކަކަށް ކުރެއެވެ. މީގެތެރެއިން ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ދިރިއުޅެނީ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގައެވެ. ގާތްގަޑަކަށް ލޭގެ ޕްރެޝަރު މައްޗައްދާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަށް އެމީހުންގެ ބަލީގެ މިހާރުގެ ހާލަތު ނޭނގެއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު މައްޗައްދާ މީހުންވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައެވެ. އެގޮތުން 1990 ވަނަ އަހަރު 650 މިލިއަން މީހުން ލޭމައްޗައްދާ ބަލި ތަހައްމަލު ކުރިއިރު، 2019 ވަނަ އަހަރާހަމައަށް އައިއިރު މިއަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ. 2019 އަހަރު ލޭމައްޗައްދާ މީހުން ނުވަތަ މި ބައްޔަށް ބޭސް ކާމީހުން އަދަދު ވަނީ 1.3 ބިލިއަންއަށް އަރާފައެވެ.  

ލޭމައްޗަށް ދިއުމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އޭގެތެރޭގައި ސްޓްރޯކް ޖެހުމާއި، ހާޓް އެޓޭކް ޖެހުމާއި، ހާޓް ފެއިލްވުމާއި، ކިޑްނީއަށް ގެއްލުން ލިބުން ފަދަ ޞިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ. އުމުރުން މަތިވުމާއި ޖެނެޓިކްސްގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ލޮނު ގިނަ އިން ކެއުމާއި ޖިސްމާނީގޮތުން ހަރަކާތްތެރި ނުވުމުންވެސް ލޭ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްދެއެވެ.  

ލޭ މައްޗަށް ދިއުމުގެ ބަލިން ރައްކާތެރިވާނެ ގޮތާއި ބަލި އަވަހަށް ދެނެގެންނާނެ ގޮތާއި އަދި ހަރުދަނާ ގޮތެއްގައި ބަލި މެނޭޖުކުރުމަކީ ޞިއްހީ ހިދުމަތުގެ އެންމެ ހަރަދު ކުޑަ އިންޓަރވެންޝަންތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައްކަމަށް ޑަބްލިއުއެޗްއޯ އިން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވެއެވެ.

ލޭމައްޗަށް ދިއުން ކޮންޓްރޯލު ކުރުމަށްޓަކައި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ބައެއް ކަންތައްތައް: 

ލޭމައްޗަށް ދިއުމުގެ ފަރުވާ ހަރުދަނާ ކުރުމަށްޓަކައި، އަގުހެޔޮ ބޭސް، މެދުނުކެނޑި ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ލިބެން ޖެހޭނެކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މިހާރު ކޮންމެހެން ބޭނުންވާ އެންޓި-ހައިޕަރޓެންސިވް ބޭހުގެ އަގުތައް ދިހަ ގުނައަށްވުރެން ބޮޑުގެ ތަފާތެއް ގައުމުތަކުގެ މެދުގައި އޮވެއެވެ. ޑޮކްޓަރުންގެ އޯޑަރުތަކާއި ޕްރޮޓޮކޯލްތަކާ އެއްގޮތަށް ލޭގެ ޕްރެޝަރުގެ ބޭހުގެ ރެޖިމެންސްތައް އެޑްޖަސްޓްކޮށް ހަރުދަނާ ކުރުމަށް ޓީމެއް ގުޅިގެން މަސައްކަތް ކުރުމުން ބަލިމީހާގެ ނަތީޖާ ރަނގަޅުވެގެންދާނެކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ހިލޭ ބޭހާއި، ގޭގައަށް ޒިޔާރަތްކޮށް ލޭގެ ޕްރެޝަރު ޗެކްކޮށްދިނުމާއި، ލޭގެ ޕްރެޝަރު މޮނިޓާކުރުން ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސެއްޖިނަމަ ލޭމައްޗަށް ދިއުން ކޮންޓްރޯލު ކުރުމަށް އެހީތެރިވެދޭނެކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

 

ރިޕޯޓް: އުންމު ނަވާރު

 

މައުލޫމާތު ނެގީ:

https://www.who.int/news/item/19-09-2023-first-who-report-details-devastating-impact-of-hypertension-and-ways-to-stop-it

 

މިއަދު އޮންލައިން