ޤުރްޢާނުން އެނގެން އޮތް ކަމެއް!: ތިމާއަކީ ބީރު މަންމަނަކަށްވެ ތިމާއަކީ އެންމެހައި ދިރޭތަކެތީގެ ތެރެއިން އެންމެ ނުބައި މީހާކަމަށްވާން ބިރު ނުގަންނަނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ޤުރްޢާނުން އެނގެން އޮތް ކަމެއް!: ތިމާއަކީ ބީރު މަންމަނަކަށްވެ ތިމާއަކީ އެންމެހައި ދިރޭތަކެތީގެ ތެރެއިން އެންމެ ނުބައި މީހާކަމަށްވާން ބިރު ނުގަންނަނީތަ؟

ޙައްޤު ބަސް އަޑުއަހަން އުނދަގޫވެ ޙައްޤަކީ ބާޠިލްކަން ހާމަކުރަން މަސައްކަތްކުރުން އަންނަނީ ގިނަވަމުންނެވެ. ދޮގުހެދުމާއި ފިތުނަ ފަސާދަ ފަތުރަން މަސައްކަތްކުރާ މީހުން ގިނަވާން ފަށައިފިއެވެ. މީސްމީހުންގެ ކިބައިން ފެނިފައިވާ ބޮޑެތި ޖަރީމާތަކަކީ ރަނގަޅު ހެޔޮ ޢަމަލުތައް ކަމުގައި ދައްކައި ޒީނަތްތެރިކުރުމުގެ މަސައްކަތް އިތުރުވެއްޖެއެވެ.  

މިއީ ބިރުވެތިވާންޖެހޭ ކަންކަން ކަމަށްވާތީ މިކަންކަމާއިމެދު ހާމައަށް ފެންނަން އޮތް ﷲ ތަޢާލާގެ ބަސްފުޅު ހަނދުމަކޮށްލައިޑޭނަމެވެ!   

"ހަމަކަށަވަރުން، ދިރޭތަކެތީގެ ތެރެއިން الله ގެ ޙަޟްރަތުގައި އެންމެ ނުބައިކަންބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާބަޔެކެވެ." (އެބަހީ: ޙައްޤު ބަސް ނުބުނާ، އޭގެ އަޑުނާހާ، ޙައްޤާއި،  ބާޠިލު ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.)

(އަންފާލް ސޫރަތުގެ 22 ވަނަ އާޔަތް)  

އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ މިއާޔަތުގައިވާފަދަ ބީރު މަންމަނުން ގިނަވަމުން އަންނަ ތަނެވެ. ޙައްޤަކީ ކޮބައިކަން އެނގިތިބެމެ ޙައްޤުބަސް ބުނުމުގެ ބަދަލުގައި އެމީހަކަށް ފައިދާހުރި ގޮތަކަށް ބަސްބުނެ ޢަމަލުކުރަމުން ގެންދާތަނެވެ. އެމީހުންގެ ލޯތަކަށް ތަކުރާރުކޮށް ފެނިފައިވާ ކަންކަން ނުފެންނަ ކަމަށް ހަދައިގެން ބަސްބުނާ މީހުން ގިނަވަމުން އަންނަތަނެވެ.  

މީގެ އިތުރުން އެހެން މީހުންނަށްވެސް ޙައްޤު ނޫން ގޮތްތައް ވިސްނައިދޭން މަސައްކަތްކުރެވެމުން އަންނަތަނެވެ. ލޮލަށް ފެންނަ ކަންކަން ނުފެންނަ ކަމަށް ހަދައިގެން ތިބެ، މީހަކު ސުވާލުކޮށްފިނަމަ "ތިއަކަމެއް ނުއެނގޭ! އަހުރެންނަށް ދުނިޔޭގަ ހިނގާ ހުރިހާކަމެއް ނުއެނގޭ" ބުނަމުން އެމީހާ ބޭނުންވާ ހުރިހާކަމެއް އެންމެ އެނގޭ މީހާއކަމަށް ހެދިގެން ބަސްބުނެ މީހުންނަށް މަގު އޮޅުވައިލަން މަސައްކަތްކުރާ މީހުން ދަނީ ގިނަވަމުންނެވެ.  

މިހުރީ ވަރަށް ބިރުވެރި ކަންކަމެވެ. މިފަދަ ގޮތްގޮތަށް ވާހަކަދައްކާ މީހުންނަށް އިސްލާމް ދީން ދެރަކޮށް ނިކަމެތިކުރަން އެމީހަކު ދިރިއުޅޭ މުޖުތަމަޢުތަކުގައި ކުރެވޭ ކަންކަން ނުއެނގުމަކީ މައްސަލައެކެވެ. އެނގޭކަންކަން ނުއެނގޭ ކަމަށް ހަދައިގެން ތިބުމަކީ ވަކިން ބޮޑު މައްސަލައެކެވެ. މުސްތަޤްބަލުގައި ވާނެ ގޮތް އެނގޭކަމަށް ބުނެ ވާކަތަ ދެއްކުމަކީ އަދި މާބޮޑު މައްސަލައެކެވެ. އިސްލާމް ދީނަށް ގެއްލުންދޭން މަސައްކަތްކުރާ ފަރާތްތައް ޙިމާޔަތްކޮށް އެމީހުންނަކީ އެންމެ ރަނގަޅު ޟީހުންގެ ގޮތުގައި މީސްތަކުންނަށް ދެއްކުމަކީ އަދި ވަކިން ބޮޑު މައްސަލައެކެވެ.  

މީސްތަކުންނޭވެ! ކޮންމެ މީހަކީވެސް އިސްލާމް ދީނަށް ކުރިއެރުން ހޯދައިދޭން މަސައްކަތްކުރާ މީހަކަށްވާށެވެ! އިސްލާމްދީނަށް ނަޞްރުދޭ މީހަކަށްވާށެވެ! އަދި އެކުވެރިންނަކީ އެފަދަ މީހުން ކަމުގައި ޚިޔާރުކުރާށެވެ!

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

މިއަދު އޮންލައިން