ވޮކޭޝަނަލް ހައި ސްކޫލްގެ 65 އިންސައްތަ ޖާގަ ފުރިއްޖެ! ކުރިމަތިލުމަށް އިތުރު ފުރުސަތުދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ވޮކޭޝަނަލް ހައި ސްކޫލްގެ 65 އިންސައްތަ ޖާގަ ފުރިއްޖެ! ކުރިމަތިލުމަށް އިތުރު ފުރުސަތުދީފި

ވޮކޭޝަނަލް ހައި ސްކޫލްގެ 65 އިންސައްތަ ޖާގަ ފުރިފައިވާއިރު، ބާކީ ހުރި ޖާގަތަކަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ތަޢުލީމީ ވުޒާރާއިން ދީފިއެވެ. މިގޮތުން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވީ، ތަރައްޤީވެފައިވާ ޤައުމުތަކުގައި އިންސާނީ ވަސީލަތް ހަރުދަނާކުރުމަށް މިފަދަ ވޮކޭޝަނަލް ސްކޫލްތައް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ޤައުމުގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ޒުވާނުން ބިނާކުރުމަށް ވޮކޭޝަނަލް ދާއިރާ މުހިންމުކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، ވޮކޭޝަނަލް ސްކޫލް ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންއަންނަ ކަމަށެވެ. އަދި ސްކޫލަށް ވަނުމަށް މިހާރު ހުޅުވާލާފައިވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ދަރިވަރުންތަކެއް މި ހައި ސްކޫލަށް ވަނުމަށް ކުރިމަތިލާފައިވާކަމަށް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އޯލެވެލްގައި ރަނގަޅު ނަތީޖާ ހޯދައިގެން ވަރަށް ފަސޭހަކަމާއެކު ސީއެޗްއެސްއީއަށް ވަދެވޭނެ ނަތީޖާ ލިބިފައި ތިބި ދަރިވަރުންވެސް ވޯކޭޝަނަލް ހައި ސްކޫލަށް ވަންނަން އެދިފައިވޭ،" ޑރ. އަޙްމަދު ވިދާޅުވިއެވެ. އަދި މިއީ ހަމައެކަނި ދަށް ނަތީޖާ ލިބިގެން އިތުރު ގޮތެއް ނެތް ކުދިން ވަންނަން އޮތް ދާއިރާއެއް ނޫންކަން ދަރިވަރުންނާއި ބެލެނިވެރިންވެސް މިހާރު ޤަބޫލުކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވޮކޭޝަނަލް ހައި ސްކޫލަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައިވާތީ، ޝައުޤުވެރިވާ ދަރިވަރުންނަށް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މިއަދު އޮންލައިން