ކާއްޓާއި މުރަނގަތޮޅީގެ އުފެއްދުންތަކަކީ، އެއިން އިޤްތިޞާދީ ނަފާ ހޯދިދާނެ ދެ ބާވަތް ކަމަށް ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ދެ ބާވަތަކީ ސިއްޙަތަށް ފައިދާ ހުރި، އަދި އޭގެ އަގު އިތުރުކޮށްގެން އެކި ބާވަތުގެ އުފެއްދުންތައް އުފެއްދިދާނެ ތަކެއްޗެވެ. އަދި މިއީ ޒަމާނުއްސުރެ ދިވެހިންގެ ކެއިން ބުއިމުގައި ބޭނުންކުރަމުން އައި، އަދި ދިވެހިންގެ ދިރިއުޅުމުގެ އަސާސީ ބައެއް ކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މުރަނގައިގެ ސިއްޙީ ފައިދާތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މުރަނގައިގައި ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކާއި، މިނަރަލްސް އަދި އެންޓިއޮކްސިޑެންޓްސް ހިމެނޭ ކަމަށެވެ. ނަމަވެސް މި ބާވަތްތައް ބޭނުންކުރާ މިންވަރު މަދުވެފައިވާތީ، މިކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރުކާއި މުރަނގައަކީ ހަމައެކަނި ސިއްޙީ ފައިދާ ލިބޭ ބާވަތްތަކެއް ނޫނެވެ. މި ތަކެތި އާލާކޮށްގެން އިޤްތިޞާދީ ނަފާ ހޯދުމުގެ ފުރުސަތު ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މުރަނގަ ގަހުގެ ބައިތަކުން އުފެއްދިދާނެ އުފެއްދުންތަކުގެ ތެރޭގައި މުރަނގަ ސައި، ޕައުޑަރ، ތެޔޮ އަދި ސްކިންކެއަރ އުފެއްދުންތައް ހިމެނޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިފަދަ އުފެއްދުންތައް ރާއްޖޭގައިވެސް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.