ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ފަރުވާ ހޯދާފައިވާ ފަރާތްތަކަށް މިދިޔަ ސެޕްޓެމްބަރު މަހު އެންސްޕާއިން 8.59 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
އެންސްޕާއިން ދެއްވި މައުލޫމާތުގައިވާ ގޮތުން، ރާއްޖޭގެ ޕްރައިވެޓް ދެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާފައިވާ 479 ފަރާތަކަށް މިދިޔަ މަހު 8،594،982 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލެވެ.
އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި 170 މީހަކަށް 3،603،816 ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި 309 ފަރާތަކަށް 4،991،166 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޭޑީކޭ ހޮސްޕިޓަލަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކާޑިއޯވެސްކިއުލާގެ ކޭސްތަކަށެވެ. އެގޮތުން އެފަދަ 16 ކޭސްއަކަށް 1،075،420 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އާސަންދައިން ކަވަރުކުރާ މިންވަރުގެ ބޭރުން ނުދެއްކޭ ބައި ހަމަޖެއްސުމަށް ދާއިމީ ބޮޑެތި ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކުން އެންސްޕާގެ އެހީތެރިކަން އަންނަނީ ހޯދަމުންނެވެ. މިފަދަ ޚަރަދުތައް ކުރުމުގައި އެންސްޕާއިން އަމަލުކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށެވެ.