އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައި ވާ ގޮތުގެ މަތިން އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
4000 ހައުސިންގ ޔުނިޓުތައް ކުއްޔަށް ދޫކުރުމަށް ބައެއް ފަރާތްތަކުން އިއުލާންކުރަމުންދާ ދަނޑިވަޅެއްގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޙަމްދާން މި މައުލޫމާތު ހާމަކުރެއްވިއެވެ.
"އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް،" ޙަމްދާން ވިދާޅުވިއެވެ.
އެފްޑީސީން މި މައްސަލައަށް ސަމާލުކަން ދެއްވާފައިވަނީ ފްލެޓް ލިބިފައިވާ ބައެއް ފަރާތްތަކުން އެއްބަސްވުމާ ޚިލާފަށް ފްލެޓްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރަމުންދާކަން ފާހަގަކުރެވިފައިވާތީއެވެ.
އެފްޑީސީން އިތުރަށް ބަޔާންކުރި ގޮތުގައި މިފަދަ ޢަމަލުތައް ހުއްޓުވުމަށް ޚާއްސަ މޮނިޓަރިންގ ނިޒާމެއް ޤާއިމްކުރެވި، އެއްބަސްވުމާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމަށެވެ.