މައިމިހާގެ ތަޤްވާވެރިކަމުގެ ފައިދާ ބަނޑުގަ އޮންނަ ދަރިފުޅަށް ކުރޭ! ދަރިފުޅަކީ ތަޤްވާވެރިއަކަށް ހަދަން މަސައްކަތް ފަށަންވީ ބަނޑުގަ އޮއްވައި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މައިމިހާގެ ތަޤްވާވެރިކަމުގެ ފައިދާ ބަނޑުގަ އޮންނަ ދަރިފުޅަށް ކުރޭ! ދަރިފުޅަކީ ތަޤްވާވެރިއަކަށް ހަދަން މަސައްކަތް ފަށަންވީ ބަނޑުގަ އޮއްވައި!

ލޮބުވެތި ކަނބަލުންނޭވެ! ޒުވާން ޢުމުރުން ފެށިގެން ތަޤްވާވެރިއަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ޒަވާޖީ ޙަޔާތަކަށް ފެށުމަށްފަހު ދޭ ސަމާލުކަން އިތުރުކުރާށެވެ! ދަރިއަކަށް ބަލިވެއިންނާނީ ކޮން ވަޤުތަކު ކަމެއް ނުއެނގޭނެއެވެ.

ދަރިފުޅު މައިމީހާގެ ބަނޑުގައި އަށަގަތީންސުރެ މައިމީހާ އާއި ދަރިފުޅާއި ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. މައިމީހާ ހިތްދަތިޙާލުގައި އުޅޭނަމަ އެކަމުގެ އަސަރު ލިބޭ ދަރިންނަށް ކުރާނެ ވާހަކަ ވަރަށް ގިނައިން ދެއްކެއެވެ. ނަމަވެސް މައިމީހާގެ ތަޤްވާވެރިކަމާއި ދަރިފުޅާއި ގުޅިފައިވާ ވާހަކަ ދެއްކެނީ ވަރަށް މަދުންނެވެ.

މާބަނޑުއިރު މައިމީހާގެ ތަޤްވާވެރިކަމުގެ ފައިދާ ބަނޑުގައި އޮންނަ ދަރިފުޅަށް ކުރާނެ ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވައެވެ. ވީމާ ބަނޑުވުމުން ވީހައި ގިނައިން ޛިކުރުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމަކީ އެކަމުގެ ފައިދާ ބަނޑުގައި އޮންނަ ދަރިފުޅަށް ކުރާނެ ކަމެއް ކަމަށް ޢިލްމްވެރިން ބަޔާންކުރައްވަވައެވެ.

އެކަމުގެ ދަލީލެއްގެގޮތުން ބަޔާންކުރައްވަވަނީ ބަލިވެއިންދެ އަނބިމީހާ ހިތްދަތި ޙާލުގައި އުޅެންޖެހިއްޖެ ނަމަ އެކަމުގެ އަސަރު ބަނޑުގައި އޮންނަ ދަރިފުޅަށް ކުރާކަން އެއީ މިއަދު ސައިންސްގެ ޢަލީގައި ސާބިތުކުރެވިފައިވާ ކަމެއް ކަމެވެ.

"މިކަމުން އެނގެނީ މައިމީހާގެ އިޙްޞާޞްތަކުގެ އަސަރު ދަރިންނަށް ކުރާކަން. ހިތާވެރި އިޙްޞާޞްތަކުގެ އަސަރު ދަރިންނަށްކުރާ ފަދައިން އެއީ އުފާވެރި އިޙްޞާޞްތަކެއް ނަމަ އެކަމުގެ އަސަރުވެސް ކުރާނެ! ތަޤްވާވެރިވެ ހެޔޮ ޢަމަލުތައް ކުރާނަމަ އެކަމުގެ އަސަރުވެސް ކުރާނެ!" ކަމަށް ޢިލްމްވެރިން ބަޔާން ކުރައްވައެވެ.

ލިބޭ ދަރިންގެ އަޚްލާޤް ނުބައިވުމުގެ މައްސަލަތައް މިހައި ބޮޑުވެ ދީނާއި ދުރުވުމުގެ މައްސަލަތައް މިހައި ގިނަވަމުން އަންނައިރު މިއީ ހަމަ ވަރަށް ބޮޑަށް ވިސްނައިލަންޖެހޭނެ ކަންކަމެވެ. ތިމާއަށް ދެއްވަވާ ދަރިފުޅަކީ ތަޤްވާވެރިއަކަށް ހަދަން ތިމާކުރަނީ މަސައްކަތެއްހެއްޔެވެ؟

ވީމާ ލިބެން އުޅޭ ދަރިފުޅު ތަޤްވާވެރިއަކަށް ހަދަން މައިން މަސައްކަތް ފަށަންވީ ކުއްޖާ އުފަންވެ ބަސް ޤަބޫލުނުކުރަން ފެށުމަކުން ނޫނެވެ. އެއީ ކުއްޖާ ބަނޑުގައި އަށަގަތީންސުރެ ކުރަންޖެހޭ މަސައްކަތެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން