އެހާލޯބިން ކުރި ކައިވެނި މިހާއަވަހަށް ރޫޅުނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
އެހާލޯބިން ކުރި ކައިވެނި މިހާއަވަހަށް ރޫޅުނީ ކީއްވެ؟

އަހުރެމެން ކައިވެނިކުރީ ވަރަށް ލޯބިން އުޅެފަ! އެކަމަކު އަހަރުވެސް ނުވަނީސް ކައިވެނި ރޫޅިއްޖެ!" މިއީ ކޮންމެ ދުވަހަކުހެން އިވެމުން އަނަން އަޑުތަކެވެ. މިކަން މިގޮތަށްވުމަށް މެދުވެރިވާ ސަބަބަށް ބަލައިލަމާ ހިނގާށެވެ!

މީސްތަކުންނޭވެ! ކައިވެނީގެ އެންމެ ބޮޑު ބޭނުމަކީ އެކަކު އަނެކެއްގެ އަތުގައި ހިފައިގެން ސުވަރުގެދާން މަސައްކަތްކުރުން ކަމުގައި ހަދައިފިނަމަ ދިރިއުޅުމުގައި ކުރިމަތިވާ އެއްވެސް މައްސަލައަކީ މައްސަލައަކަށް ނުވާނެއެވެ. އެއީ އެއްވެސް ބަރުދަނެއް ހުރި މައްސަލައަކަށް ނުވާނެއެވެ. ނަތީޖާއަކަށް ވާނީ ޚިޔާލު ތަފާތުވިޔަސް ދެބަސްވާން ޖެހޭ އެއްވެސް ކަމެއް ކުރިމަތިނުވުމެވެ. ކުރިމަތިވާ ހުރިހާ މައްސަލަތަކެއް ޙައްލުވަމުން ދިއުމެވެ.

ވީމާ އުފަލުގައި ދިރިއުޅުމަށް އެންމެ މުހިންމު ލޯތްބަކީ ދެމަފިރިން އެކުގައި ސުވަރުގެ ދިއުމަށް ވެވޭ ލޯތްބެވެ! އެކަން ޙާޞިލުކުރަން އެކުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ވެވޭ ލޯތްބެވެ!

މުސްލިމުންނަށް އެކަން ހުއްދަ ނޫން ނަމަވެސް ގިނަ ބައަކު ކައިވެނިކުރަނީ ގުޅިގެން އުޅުމަށްފަހުގައެވެ. ގުޅިގެން އުޅޭ ދުވަސްތަކުގައި އެންމެ ގިނައިން ދައްކަނީ ލޯބިވުމުގެ ވާހަކައެވެ. ޔަޤީންކަން ހޯދަން ބޭނުންވަނީ ލޯބިވާނެކަމުގެއެވެ. އެންމެ މުހިންމު ކަމަކަށް ހަދަނީ ލޯބިވުމެވެ.

ލޯބީގެ މާނައަކީ ވަރަށް ފުޅައު މާނައެކެވެ. ވީމާ މައްސަލައަކަށް މިވަނީ ދެމަފރިންގެ ދިރިއުޅުމަށް އެންމެ މުހިންމު ލޯތްބަކީ ކޮބައިކަން ނުއެނގުމެވެ.

މިއަދު މައްސަލަތައް ކުރިމަތިވަނީ މިކަންކަން އޮޅިފައި އޮންނާތީއެވެ! ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ފިރިމީހާއަށް އަނބިމީހާ ކިޔަމަންތެރިކަން އަދާކުރަން ޖެހޭނެ ކަމެއް ނުއެނގެއެވެ. އަނބިމީހާގެ އުފާތަކުން އޭނާ މަޙްރޫމް ކުރުވާފައި ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ރޭ އަޅުކަމުގައި ދެމިހުރުން ނެތްކަން ފިރިންނަކަށް ނުއެނގެއެވެ. ދެމްފިރިންގެ ގުޅުމަށްޓަކައި ސުންނަތް ރޯދަ ދޫކޮށްލުން ހުއްދަކަމެއް ނުއެނގެއެވެ. މިވާހަކަތައް ބަޔާން މިކުރީ މިކަންކަމަށް ވިސްނުމުން ދެމަފިރިންގެ ގުޅުމަށް އިސްލާމް ދީނުގައި ސަމާލުކަން ދީފައި އޮތް މިންވަރު ހާމަކުރުމަށެވެ.

ކައިވެނީގެ ދަރަޖައަށް ބަލައިފިނަމަ ކައިވެނީގެ އެއްބަސްވުމަކީ ދުނިޔޭގައި ވެވޭ އެންމެ ވަރުގަދަ އެއްބަސްވުމެވެ. އެންމެ ފައިދާހުރި އެއްބަސްވުމެވެ. އެންމެ ބަރަކާތްތެރި އެއްބަސްވުމެވެ. ޖުމުލަކޮށްފައި ބުނާނަމަ އެންމެ މުހިންމު، އެންމެ ފައިދާހުރި، އެންމެ އަގުބޮޑު އެއްބަސްވުމެވެ. ހިތާމައަކީ މިކަންކަމަށް ނުބަލައި އެ އެއްބަސްވުމަމަށް ޙުރުމަތްތެރިކޮށް ހިތުން ކުޑަކުރެވޭ ކަމެވެ.

އިންސާނުން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ އެކަނި ދުނިޔޭގައި އުޅުމަކަށް ނޫނެވެ. ބައިވެރިއަކާއިއެކު ދުނިޔޭގައި އުޅުމަށެވެ. ބައިވެރިއަކާއިއެކު ދުނިޔޭގައި އުޅެން ޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. އެ ސަބަބުތަކުގެ ތެރެއިން ގިނަ ބައަކަށް ބެލެނީ ދުނިޔަވީ ފައިދާތަކަށެވެ. "ގޭތެރޭގެ ދިރިއުޅުން، ތިމާއަށް ޚިދުމަތްކުރުން، ދަރިން ބެލުން، ކައްކައި ކާން ދިނުން، ޖިންސީ ބޭނުން ފުއްދުން" ފަދަ ކަންކަމަށެވެ.

ކައިވެނީގެ ގުޅުން އެއަށްވުރެ މާމަތިވެރިއެވެ. ޙަޤީޤަތުގައި ކައިވެނީގެ ގުޅުން ހަދަން ޖެހޭނީ ސުވަރުގެއަށް ކުރާ ދަތުރުގެ މަގުފަހިކޮށްދޭ ވަސީލަތަކަށެވެ. އެކަން ޙާޞިލުކުރެވޭނީ ކުރިން ބަޔާންކުރި ކަންކަމުގެ އިތުރުން އަޅުކަމުގައި އެކަކު އަނެކަކަށް ވާގިވެރިވެ އެހީތެރިވެދީގެންނެވެ. ހަނދާންކޮށްދީގެންނެވެ. ދެމީހުން އެކުގައި އަޅުކަންކޮށްގެންނެވެ. ދެމީހުން އެކުގައި ސުންނަތް ނަމާދުތައް ކޮށްގެންނެވެ.

--ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން